އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަޔޯދާގައި ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް މިލްކުކޮށްދީ، އެ ބިމުގައި ފައްޅިއެއް އެޅުމަށް ހުއްދަ ދޭ ގޮތަށް އެގައުމުގެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ މުސްލިމު ޖަމާއަތަކުން ބުނެފިއެވެ.
އޯލް އިންޑިއާ މުސްލިމު ޕާސަނަލް ލޯ ބޯޑުއިން ބުނީ، ބާބްރީ މިސްކިތް ހުރި ބިމުގައި މުސްލިމުންގެ އެއްވެސް ހައްގެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކުރުމަށް ހުށަހަޅާނެ ކަމަށެވެ. މި ޖަމާއަތަކީ މުސްލިމު އިލްމުވެރިންނާ ޖަމިއްޔާތަކުގެ ގުޅިފައިވާ އިއްތިހާދީ ޖަމާއަތެކެވެ.
ހިނގާ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އިންޑިއާގެ އެންމެ މަތީ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ބާބްރީ މިސްކިތް ހުރި އަޔޯދާގެ 2.77 އޭކަރު ނުވަތަ 1.1 ހެކްޓަރުގެ ބިން މިލްކުވަނީ އިންޑިއާގެ ހިންދޫންނަށް ކަމަށެވެ. މީގެ ބަދަލުގައި އަޔޯދާގެ އެހެން ސަރަހައްދަކުން 5 އޭކަރުގެ ބިމެއް މުސްލިމުންނަށް ދޭނެކަމަށް 5-ފަނޑިޔާރުންގެ ބެންޗުންވަނީ އިއުލާންކޮށްފައެވެ.
އޯލް އިންޑިއާ މުސްލިމު ޕާސަނަލް ލޯ ބޯޑުގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ މެމްބަރު ސައީދު ގާސިމް އިލްޔާސް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމުގައި މައްސަލަތަކެއް އުޅޭ ކަމަށާ، އެކަން މުރާޖައާ ކުރުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމަކީ ކުރަން އެންމެ އެކަށީގެންވާ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
ސުޕްރީމް ކޯޓުން ބެލި ބާބްރީ މިސްކިތުގެ ބިމުގެ މިލްކުވެރިކަމުގެ މައްސަލާގައި މުސްލިމުންގެ ފަރާތުން ބައިވެރިވި ސުންނީ ވަގުފު ބޯޑުއިން ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް އިހުތިރާމް ކުރާ ކަމަށާ، މުރާޖައާ ކުރުމަށް ޕެޓިޝަނެއް ހުށަނާޅާނެ ކަމަށް ބުނެފައެވެ.
ބާބްރީ މިސްކިތް ހުރި ބިމުގެ މިލްކުވެރިކަމުގެ މައްސަލައަކީ އިންޑިއާގައި މެޖޯރިޓީ އޮންނަ ހިންދޫއިންނާއި، އާބާދީގެ 14 ޕަސެންޓް ހިއްސާކުރާ މުސްލިމުންނާ ދެމެދު ދިގުލާ ގޮސްފައިވާ މައްސަލައެކެވެ. އިންޑިއާގެ މިނިވަންކަމަށް ފަހު މިމައްސަލައަށް ފުރިހަމަ ހައްލެއް ހޯދިފައެއް ނުވެއެވެ.
މީލާދީއިން 16 ވަނަ ގަރުނުގެ ތެރޭގައި ބިނާ ކުރި ބާބްރީ މިސްކިތަށް، ހިންދޫންގެ ބަޔަކު ހަމަލާދީ އެ މިސްކިތް ސުންނާފަތިކޮށްލީ 1992 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.