ސްރީލަންކާއަށް ސުލްހައާއި ކުރިއެރުން ލިބުމަކީ އެކަމުގައި ދިވެހިރާއްޖެއަށް ހެވާ ލާބަ ހުރި ކަމެއް ކަމަށް ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ސްރީލަންކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ސާފު އަގުލަބިއްޔަތުން ކުރި ހޯއްދަވާ، ރިޔާސީ ވެރިކަމުގެ އާ ދައުރެއް ކަށަވަރު ކުރައްވާފައިވާ ގޮތަބާޔާ ރާޖަޕަކްސައަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި ޝާހިދު ވަނީ ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ބާރުތައް ހަވާލު ކުރުމުގެ މަސައްކަތް އަމާންކަމާ އޮމާންކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.

މި ރޮނގުން ސްރީލަންކާއަށް ލިބޭ ކުރިއެރުންތަކަކީ ދިވެހިންނަށް ހުރި ހެވެއް ކަމުގައި ފާހަގަކުރައްވާ ޝާހިދު ވަނީ، ސްރީލަންކާގެ އާ ސަރުކާރާއެކު މަސައްކަތް ކުރެއްވުމުގެ އިންތިޒާތުގައި ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި ސްރީލަންކާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން، އާ ސަރުކާރުގައި، އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ އުއްމީދުގައި ހުންނެވިކަންވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ގޮތަބާޔާ ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ އިސް ޝަހްސުން ގެންދަވަނީ ގޮތަބާޔާއަށް މަރުހަވާ ވިދާޅުވަމުންނެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރެވެއެވެ.