ޕްރެމަދާސަ ބަލި ގަބޫލުކުރައްވާ ގޮތަބަޔާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި އެގައުމުގެ ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށާ، އިންތިހާބު ކާމިޔާބު ކުރެއްވި ގޮތަބަޔާ ރާޖަޕަކްސައަށް މަރުހަބާ ދަންނަވާ ކަމަށް މި އިންތިހާބުގައި ގޮތަބަޔާއާއި އެންމެ ގާތުން ވާދަކުރެއްވި ސަޖީތު ޕްރެމަދާސަ ވިދާޅުވެއްޖެއެވެ.

ސާފު އަޣުލަބިއްޔަތުން އިއްޔެގެ އިންތިހާބު ކާމިޔާބު ކުރެވިފައި ވާކަމަށް ގޮތަބަޔާ އިއުލާން ކުރެއްވިތާ ގަޑިއިރެއްހާއިރު ފަހުން އާންމު ކުރެއްވި ބަޔާނެއްގައި ޕްރެމަދާސާ ވަނީ، އިންތިހާބުގައި ނާކާމިޔާބުވެއްޖެ ކަމަށާ، ބަލި ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ބަޔާނާއެކު ކުރެއްވި ޓްވީޓެއްގައި ޕްރެމަދާސާ ވަނީ، ނިމިދިޔަ އިންތިހާބުގައި އޭނާއަށް އިތުބާރުކޮށް، ވޯޓުދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އޭނާގެ ސިޔާސީ ކެރިއަރުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްވަރަކީވެސް އެއީ ކަމަށް ޕްރަމަދާސަ ވަނީ ވިދާޅުވެފައެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 15.9 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ސްރީލަންކާގައި އިއްޔެ ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި މީގެ ތެރެއިން 80 ޕަސެންޓް މީހުން ވޯޓު ދީފައިވާއިރު، ވޯޓު ދިން މީހުންގެ 54 ޕަސެންޓް މީހުންގެ ތާއީދު ހޯއްދަވާފައިވަނީ ގޮތަބަޔާއެވެ.

ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި ރިޔާސީ އިންތިހާބުގެ ރަސްމީ ނާތީޖާ ލިބޭނެ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ބެލެވޭ ގޮތުގައި ގޮތަބަޔާ ރިޔާސީ ހުވާ ކުރައްވާނީ މާދަމާއެވެ.