މީލާދީން 1949 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގެ މަތާރާ ޑިސްޓްރިކްޓްގެ ޕަލަތޫވާ އަވަށަށް އުފަންވި ގޮތަބާޔާ ރާޖަޕަކްސައަކީ އެއާއިލާގެ 9 ބެއިންގެ ތެރެއިން 5 ވަނަ ކުއްޖާއެވެ. އުޅެ ބޮޑުވީ ހަމްބަންޓޯޓާ ސަރަހައްދުގައެވެ.

ގޮތަބާޔާގެ އާއިލާއަކީ ސްރީލަންކާއަށް މަޝްހޫރު ސިޔާސީ އާއިލާއެކެވެ. ބައްޕާފުޅު ޑީއޭ ރާޖަޕަކްސައަކީ ސްރީލަންކާގެ މިނިވަންކަމުގެ ބާނީއެކެވެ. ތަޖުރިބާކާރު ސިޔަސީ ޝަހްސެކެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. ގޮތަބާޔާގެ ބޭބޭފުޅަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައެވެ. އިތުރު 2 ބޭބެއެއް އެކަމަށްވާ ޝަމާލް ރާޖަޕަކްސައާއި ބާސިލް ރާޖަޕަކްސައަކީ މިހާރުވެސް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނެވެ.

ގޮތަބާޔާއަކީ އޭނާގެ އަސްކަރީ ޝަހްސަށް މަޝްހޫރު ބޭފުލެއް ނަމަވެސް، ކޮލަމްބޯ ޔުނިވާސިޓީއިން 1992 ވަނަ އަހަރު ޕޯސްޓްގްރެޖުއޭޓް ޑިގްރީ ފުރިހަމަ ކުރެއްވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުންނެވެ.

ސްރީލަންކާގެ އަސްކަރިއްޔާއާއި ކެޑޭޓް އޮފިސަރެއްގެ ގޮތުގައި ގޮތަބާޔާ ގުޅިވަޑައިގަތީ 1971 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުއެވެ. އަސްކަރިއްޔާގެ ރޭންކުތަކުގައި ގޮތަބާޔާ ކުރި ހޯއްދަވަމުންގެންދެވީ ހަލުވި ދުވެއްޔެގައެވެ. މިއާއެކު ގޮތަބަޔާ ގެންދެވީ އަސްކަރީ ރޮނގުންވެސް ތައުލީމު ހާސިލުކުރައްވަމުންނެވެ. ޔުނިވާސިޓީ އޮފް މެޑްރާސްއިން، ޑިފެންސް ސްޓަޑީޒްގެ ރޮނގުން މާސްޓާޒް ޑިގްރީވެސް ފުރިހަމަ ކުރެއްވިއެވެ.

މާސްޓާޒް ޑިގްރީއަށް ފަހު ގޮތަބާޔާ ސްރީލަންކާއަށް އެނބުރި ވަޑައިގެންވިއިރު އެގައުމު ދުށް އެންމެ ހިތި ދާހިލީ ހަނގުރާމައިގެ ދުވަސްތަކަށް ފެށެނީއެވެ. ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ރުކުރުވާލި އެކި ސަފުތަކުގެ އެންމެ ކުރީގައި ކޮމާންޑަރަކަށް ހުންނެވީ ގޮތަބާޔާއެވެ. އަސްކަރިއްޔާގައި 20 އަހަރު ހިއްދުމަތް ކުރެއްވި ގޮތާބާޔާއަށް ސްރީލަންކާގެ 3 ރައީސްއެއްގެ އަތްޕުޅުން އަސްކަރީ ޝަރަފުވެރި އެވޯޑްތައް ލިބިވަޑައިގަތެވެ.

އަސްކަރީ ކެރިއަރު ނިންމަވާލެއްވުމަށްފަހު ގޮތަބާޔާ ދެން މަސައްކަތް ކުރެއްވީ މާކެޓިންގްގެ ދާއިރާގައެވެ. އެއަށްފަހު 1998 ވަނަ އަހަރު އެމެރިކާއަށް ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ. އަދި ދެގައުމުން ރަށްވެހިކަން ހޯއްދެވިއެވެ. ނަމަވެސް މިއަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމެރިކާގެ ރަށްވެހިކަން ދޫކޮށްލެއްވިއެވެ.

މަހިންދަ ރާޖަޕަކްސަގެ ކެމްޕޭނަށް ގޮތަބާޔާ ސްރީލަންކާއަށް އެނބުރި ވަޑައިގަތީ 2005 ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރުގެ އިންތިހާބު ރާޖަޕަކްސައަށް ކަށަވަރުވުމާއެކު ސްރީލަންކާގެ ދިފާއީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމަށް ގޮތަބާޔާ އިސްކުރެވުނެވެ. އެއަށްފަހު 2009 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްރީލަންކާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައި ވަރުގަދަ އޮޕަރޭޝަން ކޮމާންޑްގެ އިސްވެރިޔާގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރެއްވީ ގޮތަބަޔާކަން ފާހަގަކުރަންޖެހެއެވެ.

ސްރީލަންކާގެ ދިފާއީ ވަޒީރުކަން ކުރައްވާފައިވާ ގޮތަބާޔާ ރާޖަޕަކްސަ އޭނާގެ ސަޕޯޓަރުންނާއެކު/ފޮޓޯ: ރޮއިޓާޒް

ސްރީލަންކާގެ އޭރުގެ ސަރުކާރުން "ހަނގުރާމައިގެ ބަތޮލު"ގެ ދަރަޖަ ގޮތަބާޔާއަށް އެރުވިއެވެ. އަދި ޔުނިވާސިޓީ އޮފް ކޮލޮމްބޯއިން 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު، ރަމްޒީ ޑޮކްޓަރޭޓް ކަމުގެ ޝަރަފުވެސް ގޮތަބާޔާއަށް އެރުވިއެވެ.

ކަންމިހެން އޮތްއިރު ގޮތަބާޔާއަކީ ލާއިންސާނީ ޖަރީމާގެ ބޮޑެތި އިލްޒާމުތަކަކާ ކުރިމަތިލައްވަންޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ގޮތަބާޔާއަކީ ނޫސްވެރިންނާ ބީރައްޓެހި ލީޑަރެއްގެ ގޮތުގައި ބައެއް މީޑިއާ ތަކުން ސިފަކުރެއެވެ. ހަމަ މިއާއެކު ސްރީލަންކާގެ މުސްލިމުންގެ އާބާދީގައިވެސް ގޮތަބާޔާއަކަށް ތާއީދެއް ނެތެވެ.