އެމޭޒަން ކުންފުނީގެ ސީއީއޯ ޖެފް ބޭޒޯސްގެ މައްޗަށް ކުރި ހޯދާ، ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާގެ ޝަރަފު، މައިކްރޮސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސް އަނެއްކާވެސް ކަށަވަރުކޮށްފިއެވެ.

ބްލޫމްބާގް ބިލިއަނާޒް އިންޑެކްސް ދައްކާ ގޮތުން ބޭޒޯސްގެ މައްޗަށް ގޭޓްސް ކުރި ހޯދާފައިވަނީ 110 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކުގައެވެ. މިއީ ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފު ގޭޓްސްއަށް ލިބުނު ފުރަތަމަ ފަހަރެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭޒޯސްއަށް ލިބުނު އާމްދަނީ 28 ޕަސެންޓް ދަށްވުމާއެކު ކުޑަ ވަގުތުކޮޅަކަށް މި މަގާމު ގޭޓްސްގެ އަތުގައި އޮތުމަށްފަހު އަނެއްކާވެސް އޭނާއަށް އެ ޝަރަފު ގެއްލުނެވެ.

ކަންމިހެން ހިނގާފައިވަނިކޮށް ބޭޒޯސްގެ މައްޗަށް ކުރި ހޯދާ، ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާގެ ޝަރަފު ގޭޓްސް އަލުން ކަށަވަރުކޮށްފައި މިވަނީ މައިކްރޮސޮފްޓް ކުންފުނީގެ ހިއްސާގެ ވިޔަފާރިއަށް ލިބުނު 48 ޕަސެންޓްގެ ކުރިއެރުމާއެކުގައެވެ.

ގޭޓްސްއާއި ބޭޒޯސް ވާދަކުރަމުންދާ ވާދަވެރި ރޭހުގައި ގޭޓްސްއަށް ކުރިއެރުން ލިބެމުންދާ އަނެއް ސަބަބަކީ ޕެންޓަގަންއާއިއެކު އެކުލަވާލާފައިވާ ކްލައުޑް ކޮމްޕިއުޓިންގް އެއްބަސްވުމެވެ. މިއީ 10 ބިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެއް ކަމަށް ޚަބަރު ލިބެއެވެ.

މީގެ އިތުރުން މިއަހަރަކީ ބޭޒޯސްގެ ޒާތީ ދިރިއުޅުމުގައިވެސް އޭނާ އަތުން ބޮޑު އެއްޗެއް ޚަރަދުވި އަހަރެކެވެ. 25 އަހަރުވީ ކައިވެނި ރޫޅާލުމުގެ ސަބަބުން ބޭޒޯސްއަށްވަނީ އޭނާ ކައިވެނި ކޮށްގެން އުޅުނު މެކްމެކެންސީއަށް ގިނަ އަދަދަކަށް ފައިސާގެ ބަދަލެއް ދޭންޖެހިފައެވެ.