ސްރީލަންކާގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިފައިފައިވާކަމަށް ސްރީލަންކާ ޕީޕަލްސް ފްރަންޓް (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓް ގޮތަބާޔާ ރާޖަޕަކްސަ އިއުލާންކުރައްވައިފިއެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި އެ ސަރުކާރުގެ ދިފާއީ ވަޒީރު ކަމުގެ މަގާމު އަދާކުރެއްވި ގޮތަބާޔާއަށް އިންތިހާބު ކާމިޔާބު ކުރެވިފައިވާކަން ބަޔާންކޮށް އެސްއެލްޕީޕީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ކާމިޔާބު ފާހަގަކުރުމަށް ހުރިހާ ސަޕޯޓަރުންގެ ކިބައިންވެސް އެދޭ ކަމަށާ، ނަމަވެސް ކާމިޔާބީ ފާހަގަކުރަންވާނީ ސުލްހައިގެ އިމުގެ ތެރޭގައި ކަމަށެވެ.

ގޮތަބާޔާއަށް އިންތިހާބު ކާމިޔާބުވެއްޖެކަން އިއުލާން ކުރެއްވުމާއެކު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ޔޫނިއަން ކެބިނެޓް މިނިސްޓަރު ޑރ ސުބްރަމާނިއަމް ސުވާމީ ވަނީ މިއީ އިންޑިއާއަށް ރަނގަޅު ނިމުމެއްކަން ފާހަގަކުރައްވާ ގޮތަބާޔާއަށް މަރުހަބާ ވިދާޅުވެފައެވެ.

އިއްޔެގެ އިންތިހާބުގައި ގޮތަބާޔާއާއި އެންމެ ގާތުން ވާދަކުރައްވާފައިވަނީ މައިތްރިޕާލަ ސިރިސޭނާގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި، ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖީތު ޕްރޭމަދާސައެވެ.

ސްރީލަންކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި 35 ކެންޑިޑޭޓަކު ވާދަކުރައްވާފައިވެއެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 15.9 މިލިއަނެއްހާ މީހުން ސްރީލަންކާގައި ތިބިއިރު އޭގެ ތެރެއިން 80 ޕަސެންޓް މީހުން އިއްޔެގެ ވޯޓުގައި ބައިވެރިވެ، ފަރުދީ ޒިންމާ އަދާކޮށްފައިވާކަމަށް އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ވަގުތީ ނަތީޖާތަކަށް ބަލާއިރު އިންތިހާބުގައި ގޮތަބާޔާ ކުރި ހޯއްދަވާފައިވަނީ ގާތްގަނޑަކަށް 53 ޕަސެންޓްގެ ސާފު އަގުލަބިއްޔަތުންނެވެ.

ދާއިމީ ރަސްމީ ނަތީޖާ ލިބޭނީ މިރޭގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. ރަސްމީ ނަތީޖާ އިއުލާން ކުރާއިރު އެއްވެސް ކެންޑިޑޭޓަކަށް ސާފު އަގުބަލަބިއްޔަތު ކަށަވަރުވެއްޖެނަމަ މާދަމާގެ ވަގުތެއްގައި މަގާމުގައި ހުވާ ކުރައްވާނެއެވެ.