ޕްރީޓާމް ބާތު ނުވަތަ ދުވަސް ނުފުރާ ވިހެއުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހިނގާކަމެވެ. ކޮންމެވެސް ހިސާބަކުން މިކަމުގެ ހިތްދަތި ތަކުލީފުތަކާ ކުރިމަތިލާން ނުޖެހޭ އާއިލާއެއް މަދެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ދުވަސް ނުފުރާ ވިހާ ކުދިންގެ 80 ޕަސެންޓް ކުދިން އުފަންވަނީ އޭޝިއާއާއި ސަބް-ސަހާރަން އެފްރިކާ ބައްރުގެ ގައުމުތަކަށެވެ. ދުވަސް ނުފުރާ އުފަންވާ ކުދިންގެ އަދަދު މަދުކުރުމަކީ ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް ލިބިފައިވާ އަދުގެ ދުނިޔޭގައިވެސް ގައުމުތަކުގެ ސިއްހީ ދާއިރާއަށް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވަނީ ވެފައެވެ.

ދުވަސް ނުފުރާ އުފަންވާ ކުދިންގެ މައްސަލައާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައިވާ ގައުމަކީ އަވަށްޓެރި އިންޑިއާއެވެ. ދަ ލޭންސެޓް ޖާނަލްގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދުވަސް ނުފުރާ ކުދިން އެންމެ ގިނަ އަދަދަކަށް އުފަންވީ އިންޑިއާއަށެވެ. އެގޮތުން 2014 ވަނަ އަހަރު އެކަނިވެސް 3.5 މިލިއަނަށްވުރެ ގިނަ ކުދިން އިންޑިއާއަށް އުފަންވީ ދުވަސް ނުފުރާ ކަމަށް ލޭންސެޓްއިން އާންމުކޮށްފައިވާ އެންމެފަހުގެ ރެކޯޑްތަކުން ދައްކައެވެ. ދުވަސް ނުފުރާ އުފަންވުމުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކި ކަހަލަ ސިއްހީ މައްސަލަތަކުގައި، އުމުރުން 5 އަހަރުވެސް ނުފުރި އުޅެނިކޮށް މި ދުނިޔެއާއި ވަކިވެގެންދާ ކުދިންގެ އަދަދުވެސް އެންމެ ގިނައީ އިންޑިއާގައެވެ. އެގޮތުން 2014 ވަނަ އަހަރު އިންޑިއާއިން 302300 ކުދިންގެ ފުރާނަ ގެއްލިދިޔައީ ޕްރީޓާމް ކުދިންގެ ގޮތުގައި އުފަންވެ، ކުރިމަތިލާންޖެހުނު އެކި ކަހަލަ ސިއްހީ މައްސަލަތަކުގައި ކަމަށް ލޭންސެޓްގެ ރެކޯޑްތަކުން ދައްކައެވެ.

ުތުއްތު ކުއްޖަކު ވެންޓިލޭޓް ކުރާ މަންޒްރު ދައްކުވާދޭ ފޮޓޯ އެއް / ފޮޓޯ: ސޯޝަލް މީޑިއާ

ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު ލޭންސެޓް ޖާނަލްގެ ރެކޯޑްތައް ދައްކާ ގޮތުން ދުވަސް ނުފުރާ ވިހެއެމުގެ ސަބަބުން ކުރިމަތިލާންޖެހުނު ސިއްހީ މައްސަލަތަކުގައި، އުމުރުން 5 އަހަރު ފުރުމުގެ ކުރިން މި ދުނިޔެއާއި 2016 ވަނަ އަހަރު ވަކިވި ކުދިންގެ އަދަދަކީ 20 އެވެ. ކަންމިހެން އޮތްއިރު ދުވަސް ނުފުރާ 2014 ވަނަ އަހަރު ރާއްޖޭގައި އުފަންވީ 470 ކުދިންކަމަށްވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ދުވަސް ނުފުރާ އުފަންވާ ކުދިންނާ އެކުދިންގެ އާއިލާތަށް ކުރިމަތިލާންޖެހިފައިވާ އާދަޔާ ހިލާފު ދިރިއުޅުމުގެ ކަންކަމަށް ދުނިޔެ ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ވާލްޑް ޕްރީމެޗުރިޓީ ދުވަހުގެ މިއަހަރުގެ ޝިއާރު ހާއްސަކޮށްފައިވަނީ ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ހައްގުވާ ސިއްހީ ފަރުވާއާއި އެހީތެރިކަން އެކަމަށް އެންމެ އެކަށީގެންވާ ފެންވަރުގައި، އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުމަށް މަގު ތަނަވަސްކުރުމުގެ މައްޗަށެވެ.

ބަނޑަށް 23 ހަފުތާގައި ނަގާފައިވާ ތުއްތު ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ/ފޮޓޯ: ޑުވެލިންގް އެންޑް ޓެލިންގް

ދުވަސް ނުފުރާ ކުއްޖާ އުފަންވާ ހިނދުން ފެށިގެން އެކުއްޖާއަށް ބޭނުންވާ ސިއްހީ ފަރުވާއާއި، އޯގާތެރިކަމާ އަޅާލުން ދެވިއްޖެނަމަ އެއީވެސް އެހެން ކުދިންނެކޭ އެއްފަދައިން ދުވަސްތައް ހޭދަކުރުމުގެ ފުރުސަތު ހޯދާދެވޭނެ ކުދިންނެވެ. ނަމަވެސް އުފުލަންޖެހޭ ބުރަތަކަކާ، ކުރިމަތިލާންޖެހޭ ކިތަންމެ ގޮންޖެހުމެއް އޮވެއެވެ.

އަދުގެ ހާލަތަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަހަރެއްގެ މައްޗަށް 15 މިލިއަނެއްހާ ކުދިން އުފަންވަނީ ދުވަސް ނުފުރައެވެ. އުފަންވާ ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކަށްވުރެ ގިނަ ކުދިންނަކީ ދުވަސް ނުފުރާ ވިހާ ކުދިންނެވެ. އުމުރުން 5 އަހަރު ފުރުމުގެ ކުރިން، ކުޑަކުދިން މަރުވާ އެންމެ ބޮޑު ސަބަބަކީވެސް ދުވަސް ނުފުރާ އުފަންވުމުގެ ސަބަބުން އެކުދިންނަށް ކުރިމަތިލާންޖެހޭ މައްސަލަތަކެވެ. މި ގޮތަށްވެސް އަހަރެއްގެ މައްޗަށް 1 މިލިއަން ކުދިން މަރުވާ ކަމަށް ޔުނިސެފްގެ ރެކޯޑްތަކުން ދައްކައެވެ. މިކަން ހައްލުކުރުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން މަރުވާ ކުދިންގެ އަދަދު، 2030 ވަނަ އަހަރު އަންނައިރު 0 އަށް ތިރިކުރުމަށް 193 ގައުމަކުން ސޮއިދިން މުއާހަދާގެ އަމާޒު ހަގީގަތަކަށް ހެދުން އޮންނާނީ ވަރަށް ދުރުގައެވެ.