ސަރުކާރެއް ގެންނަނީ ވައުދުތަކަކާ އެކު ކަމަށް ވެފައި، އެ ވައުދު ފުއްދުމަކީ އޭގެ ތެރެއިން އެއް ބޭނުމެވެ. އަނެއް ބޭނުމަކީ އިގްތިސޯދު ވަރުގަދަ ކުރުމާއި ރައްޔިތުންގެ ދިރިއުޅުން ދުޅަހެޔޮ ކުރުމެވެ. މަޝްރޫއުތައް ހިންގި ވަރަކަށް ދައުރުވާ ފައިސާ އިތުރުވެ ރައްޔިތުން ތަނަވަސް ވެގެން ދިއުމަކީ މީގައި އޮތް އެންމެ މުހިންމު ބޭނުމެވެ. އަނެއް ބޭނުމަކީ ރައްޔިތުން ސަރުކާރެއް ހޮވަނީ އެ މަޝްރޫއުތައް ހިންގަން ވާ ވައުދާ އެއްގޮތަށް ކަމަށް ވާތީއެވެ. ދެ ބާވަތެއްގެ މަޝްރޫއުތައް ހިމެނޭއިރު، ސަރުކާރެއް ބަދަލުވިޔަސް ލަހެއް ނުވެ ކުރިއަށް ދާން ޖެހޭ މަޝްރޫއުތަކެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއް އަހަރުވެގެން ދިޔައިރު ފެނިގެން ދިޔައީ މީގެކުރީގެ ސަރުކާރުތަކާ އަޅާ ބަލާއިރު ތަފާތު މަންޒަރެކެވެ. މަޝްރޫއުތަކަށް މަޑުޖެހުމެއް އައެވެ. ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް ހުއްޓުމަކަށް އައެވެ. ސަބަބެއް ނޭނގެއެވެ. ސިޔާސީ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް ހުއްޓުމަކަށް އައީ ދައުލަތަށް ފައިސާ ވައްދާނެ ގޮތެއް ނޭނގުމުންނެވެ. އިގްތިސޯދީ ނަފާ ލިބޭ މަޝްރޫއުތަކާއި ތަރައްގީގެ މަޝްރޫއުތައް އޮންނައިރު ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައި އޮންނަން ޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެއެވެ. އެއީ ބަޖެޓް ކަނޑައެޅި، ބަޖެޓް ފާސްވެ، ފައިސާ ލިބިފައި އަދި ޕްލޭން ވެސް ކުރެވިފައި ހުރި މަޝްރޫއުތައް ކަމަށްވާތީއެވެ.
ކޮންމެއަކަސް މި ސަބަބާ ހުރެމެ ރާއްޖޭގެ އިގްތިސޯދީ ދުވެލި ވޭތުވެދިޔަ ފަސް އަހަރާ އަޅާ ބަލާއިރު މަޑުޖެހުމަކަށް އައެވެ. ވަކިން ހާއްސަކޮށް ކުރިއަރަމުންދިޔަ ބައެއް ސިނާއަތްތައް ވެސް ހުއްޓުމަކަށް އައެވެ. މިކަން މިހެން ވާންޖެހެނީ ކީއްވެގެން ހެއްޔެވެ. މިސާލެއްގެ ގޮތުގައި ކުރިއަރަމުން ދިޔަ ކޮންސްޓްރަކްޝަން ސިނާއަތަށް ހީނަރު ކަމެއް ލިބިގެންދިޔައީ ކީއްވެގެން ހެއްޔެވެ.
"އަސްލު މިވާ ގޮތަކީ ކުރީގެ ސަރުކާރުން ހެސްކިއާފައި މަސައްކަތްތައް ކުރި. މަޝްރޫއުތައް ވެސް ހިންގި. އެ މަޝްރޫއުތައް ހަވާލު ކުރެވިގެންދިޔަ ބައެއް ސަރުކާރުގެ ކުންފުނިތަކަށްވެސް، އަދި ބައެއް އަމިއްލަ ކުންފުނިތަކަށްވެސް. އެހެންވީމަ އެއްކަލަ އަމިއްލަ ކުންފުނިތައް ހަމަ ބާރަށް ކުރިއަރައިގެން ދާން ފެށި. ރިސޯޓުތައް ތަރައްގީވެގެން ދާން ފެށި. އެކަމުގެ ސަބަބުން އިމްޕޯޓު ކުރާ މުދާ އިތުރުވެގެން ދިޔަ. އަދި އަމިއްލަ ކުންފުނިތަކަށް އެބަ ސަރުކާރުގެ ކުންފުނިތަކުންވެސް ތާޑް ޕާޓީގެ ގޮތުގައި މަސައްކަތްތައް ހަވާލުކުރޭ. މި ހުރިހާ ކަމަކާއި އެކު އެ ކުންފުނިތައް މީގެކުރިން ކުރި އަރައިގެން ނުދާ ވަރަށް ކުރިއަރައިގެން ދާން ފެށި. އެކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އިގްތިސޯދީ ދުވެލި ރަނގަޅުވެ ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ފައިސާ ދައުރުވާން ފެށުން،" މަރުކަޒީ ބޭންކް އެމްއެމްއޭގެ އިސް އޮފިޝަލަކު "ދަޕްރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ އިގްތިސޯދީ ދުވެލި މަޑުޖެހުމުގެ މައިގަނޑު ސަބަބަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ އެއްވެސް އަމާޒެއް ނެތުން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ނިންމާފައިވާ މަޝްރޫއުތަަކަކީ ވެރިކަމުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އިއުލާނު ކުރެވިގެންދިޔަ މަޝްރޫއުތަކެއް ކަމަށް ސައީދު ވިދާޅުވިއެވެ.
އެމްއެމްއޭގެ އޮފިޝަލު ވިދާޅުވީ އިގްތިސޯދެއް ރަނގަޅު ކުރުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ އިންސާނީ ވަސީލަތް ގާއިމް ކުރުން ކަމަށެވެ. އެކަން ކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވާ އޮފިޝަލު ވިދާޅުވީ އިގްތިސޯދީ ދާއިރާ ހީނަރުވެފައި އޮތް ނަމަވެސް ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރަކީ އިގްތިސޯދު ކުރިއަރާ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް ކުރިއަރައިގެން ދާނެ އަހަރުތަކެއް ކަމަށެވެ.
ކޮންމެއަކަސް އެމްއެމްއޭގެ އޮފިޝަލް އެ ވިދާޅުވި ވާހަކައަށް ބާރު ލިބިގެން ދަނީ އަލަށް އުފެއްދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކެވެ. އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ގޮތުން މި ސަރުކާރުން ފަށާފައިވާ މުހިއްމު މަޝްރޫއުއަކީ އަދި އެ މަޝްރޫއުއެއް ކާމިޔާބުކަމާއި އެކުގައި މިހާރުވެސް ކުރިއަށް ގެންދާ މަޝްރޫއުއަކީ ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމުގެ މަޝްރޫއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހިލޭ ޑިގްރީއަށް މިއަހަރުގެ މިހާތަނަށް 24 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު 5000 ކުދިންނަށް ވަނީ އެ ފުރުސަތު ފަހި ކޮށްދީފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށްވާ ހިލޭ ޑިގްރީ ޕްރޮގްރާމަށް ކިޔަވައި ދިނުމުގެ މަޝްރޫއު ފެށިގެން ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 14ވަނަ ދުވަހުއެވެ.
"އެއް އަހަރުގެ ތެރޭގައި 5000 ކުދިންނަކީ އަޅުގަނޑުމެން ކަހަލަ ކުޑަ ގައުމަކަށް މަދު އަދަދެއް ނޫން. 24 މިލިއަން ރުފިޔާއަކީވެސް މަދު އަދަދެއް ނޫން. ތިބޭފުޅުން ބައްލަވާ މިދިޔަ އަހަރުގެ ފަހު ކްއާޓަގައި ރާއްޖޭގެ ޖީޑީޕީ ހުރީ 4.7 ޕަސެންޓުގައި. އެކަމަކު މި އަހަރު މި އަދަދު މިއުލެނީ 3.1 ޕަސެންޓަށް ދަށްވެފައި. އަޅުގަނޑުގެ ޕޮއިންޓަކީ ޖީޑީޕީގެ ނިސްބަތް ކުރިއަށްވުރެ ދަށޭ އެކަމަކު ތައުލީމީ ދާއިރާ ނުވަތަ މީހުން ބިނާ ކުރުމަށް ސަރުކާރުން އެބަ މިވަރަށް ހޭދަ ކުރެއޭ. އެހެންވީމަ މީހުން ބިނާ ކުރުމަކީ އިގްތިސޯދު ހެލްތީ ވާނެ ކަމުގެ ނިޝާނެ. ތިބޭފުޅުން ބައްލަވާތި އަޅުގަނޑު މިހެން ބުނީތީވެސް މީގެ އަސަރު ކުރިޔަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި ފެންނާނެ،" ކުރިންވެސް ވާހަކަ ދެއްކި އެމްއެމްއޭގެ އޮފިޝަލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު ރާއްޖޭގެ އެކި ވަޒީފާތަކުގައި ބިދޭސީން ތިބެމެ ރާއްޖެއިން ބޭރަށް އެތައް ފައިސާއެއް ބޭރުވަމުންދާއިރު ކުރިޔަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި އެ ފައިސާ ރާއްޖޭގެ ތެރޭގައި ހިފެހެއްޓިގެންދާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގްތިސޯދަށް ސީދާ އަސަރު ކުރާނެ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ކޮންމެ ކިޔަވާ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭނެ ކަމަށް ބުނި ވައުދަކީވެސް ސަރުކާރަށް އެއް އަހަރު ފުރޭއިރު ފާހަގަކުރަން ކޮންމެހެންވެސް ޖެހޭ ވައުދެކެވެ. ސަރުކާރުން ވަނީ މި ވައުދު މިދިޔަ ޖޫން މަހުގެ 10ވަނަ ދުވަހު ފުއްދާފައިވާއިރު މި ކަމަށް އެކަނިވެސް 184 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުން ވަނީ ހޭދަކޮށްފައެވެ. މިއަހަރުގެ ބަޖެޓުގައި 3.4 ބިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާއިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް ތައުލީމަށް މިހާ ބޮޑު މިންވަރެއް ހާއްސަ ކުރި ފަހަރެވެ. އަންނަ އަހަރު މުޅި ތައުލީމީ ދާއިރާއަށް ހަތަރު ބިލިއަން ކަނޑައަޅާފައިވާއިރު މިއީވެސް ސަރުކާރުން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ބޭނުންވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
ކޮންމެއަކަސް ސަރުކާރުން މިއަދު މިވަނީ ރައްޔިތުންގެ ތަރައްގީއަށް މަޑުޖެހުމެއް ގެނެސްފައެވެ. އެހެންނަމަވެސް އާއްމު ރައްޔިތު މީހާގެ ދަރިފުޅުގެ ތަރައްގީއަށް ސަރުކާރުން ހުރަސް އަޅާފައެއް ނުވެއެވެ. އެ ދަރިފުޅުގެ ތަރައްގީއަށް ސަރުކާރުން ވަނީ ފަހި ފުރުސަތުތަކެއް ހޯދައިދީފައެވެ. މައިންބަފައިންނާއި އާއިލާ މީހުންގެ ގާތުގައި ތިބެމެ ދުޅަހެޔޮ ކަމާއި އެކުގައި ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ސަރުކާރުން ފަހި ކޮށްދީފައިވާއިރު ރައްޔިތުންގެ އުއްމީދަކީ ހީނަރު އިގްތިސޯދަކުން ތިޔާގި ކަމަކަށް ކުރިއަށް އޮތް އަހަރުތަކުގައި ގައުމުގެ މިސްރާބު ދާނެ ކަމަށެވެ.
ވަރަށް ވަރަށް ފުރިހަމަ. ނޫސްވެރިން ވިސްނަންޖެހޭ ކަންކަމަށް ވިސްނާ ރިއާޔަތް ކޮށްގެން ލިޔެފައިވާ ރިޕޯޓެއްކަން ފާހަގަކުރަން. ތާލިޔާ ތާލިޔާ ތާލިޔާ!!!
ފުރިހަމަ. ވަރަށް ފުރިހަމަ، ރިޕޯޓެއްގައި ހުންނަންޖެހޭ އަސާސްތައް ވެސް އެބަހުރި. އިންސާނީ ވަސީލަތް ގާއިމް ނުކޮށް ކިހިނެއް ދުޅަހެޔޮ އިގްތިސޯދެއް ބިނާ ކުރާނީ. ގުޑް ފެކްޓް އެންޑް ގުޑް ޕޮއިންޓު ޝަމާ!