ސްރީލަންކާގައި މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތު 130 އަށްވުރެ ގިނަ މައްސަލަ ފެންމަތިވެފައި ވާކަމަށް، ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ސެންޓަ ފޯ މޮނިޓަރިންގް އިލެކްޝަން ވައެލަންސްއިން ހާމަކުރި ގޮތުގައި މިއަދު މެންދުރާ ހަމައަށް އައިއިރު 139 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ޖިސްމާނީ ހަމަލާ ދިނުމުގެ 2 މައްސަލައަކާ، ބިރު ދައްކާ ބުލީ ކުރުމުގެ 40އަށްވުރެ ގިނަ މައްސަލަ ހިމެނޭ ކަމަށް އެ ސެންޓަރުން ބުނެއެވެ.

މީގެ އިތުރުން، 100އަށްވުރެ ގިނަ މުސްލިމުންނާއެކު ވޯޓުލާން ދަތުރުކުރި ގާފިލާއަކަށް ހަމަލާދީފައިވާ މައްސަލަވެސް ސެންޓަ ފޯ މޮނިޓަރިންގް އިލެކްޝަން ވައެލަންސްއިން ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތްއިރު އިންޓަނޭޝަނަލް ކްރައިސިސް ގުރޫޕުން ވަނީ، ސްރީލަންކާގެ ކުރީގެ ދިފާއީ ވަޒީރު ގޮތަބާޔަ ރާޖަޕަކްސައަށް ރިޔާސަތު ކަށަވަރު ކުރެވިއްޖެ ނަމަ ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ސްރީލަންކާ ވެއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ. ސްރީލަންކާގެ މުސްލިމު އާބާދީއިންވެސް ބުނަމުންދަނީ ގޮތަބާޔައަށް އިންތިހާބު ކާމިޔާބުވެއްޖެނަމަ އެގައުމުގެ މުސްލިމުންނަށް އޮތް ނުރައްކާ ބޮޑު ކަމަށެވެ.

ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި 35 ކެންޑިޑޭޓަކު ވާދަކުރެއްވިއިރު އެންމެ ގާތުން ވެރިކަމަށް ވާދަކުރައްވަނީ ގޮތަބާޔާގެ އިތުރުން، މިހާރުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސަޖީތު ޕްރާމަދޭސައެވެ.