ސްރީލަންކާގައި މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިންމާލައިފިއެވެ.

ލަންކާ ގަޑިން މިއަދު ހެނދުނު 07:00 ގައި ފެށި ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިންމާލާފައި ވަނީ ސްރީލަންކާ ގަޑިން ހަވީރު 05:00 ގައެވެ.

ސްރީލަންކާގެ މަސްރަހުން ލިބެމުންދާ ވަގުތީ ތަފާސް ހިސާބުތަކަށް ބަލާއިރު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 15 މިލިއަނެއްހާ މީހުންގެ ތެރެއިން 75-80 ޕަސެންޓް މީހުން މިއަދުގެ ވޯޓުގައި ބައިވެރިވެފައިވާކަމަށް ބެލެވެއެވެ.

ވޯޓުލުން ނިންމާލުމާއެކު މާ ގިނައިރުތަކެއް ނުވެ، ސްރީލަންކާގެ މިހާރުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ގައުމާ މުހާތަބުކުރައްވާ، ވަދާއީ ތަގުރީރު ދެއްވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ސްރީލަންކާގެ ގާނޫނު ހަމަޖެހިފައި އޮންނަ ގޮތުން، ރިޔާސަތުގައި ހުންނަވާ ބޭފުޅަކު ދެވަނަ ދައުރަކަށް ވާދަ ނުކުރައްވާ ކަމަށް ވަނީ ނަމަ ރިޔާސީ އިންތިހާބު ނިމި އާ ކެންޑިޑޭޓަކަށް ކުރި ލިބޭ ހިސާބުން މަގާމުން ވަކިވެވަޑައިގަންނަވަންޖެހެއެވެ.

ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އާ ރައީސް މަގާމުގެ ހުވާ ކުރެއްވުމުގެ ކަންކަން އާދީއްތަ ދުވަހު ކުރިއަށް ގެންދެވޭ ވަރު ކުރުމަށް، ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ދަނީ ކުރަމުންނެވެ.

ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިޔަ މި ދަނޑިވަޅަކީ ސަލާމަތީ ގޮތުން ނުތަނަވަސްކަމެއްގެ ތެރޭގައި ސްރީލަންކާ އޮތް ދަނޑިވަޅެއް ކަމުގައި ވީ ނަމަވެސް މާ ބޮޑު ހަމަނުޖެހުންތަކެއް ހިންގާފައެއް ނުވެއެވެ. ނަމަވެސް ގިނަ އަދަދަކަށް މުސްލިމުން ގޮވައިގެން ވޯޓުލާން ދަތުރުކުރަމުންދިޔަ ބަސްތަކަކށް ބަޑީގެ ހަމަލާތަކެއް ދީފައިވެއެވެ. މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާއިރު، ބަހުގައި ތިބި މީހުންވަނީ ފުލުހުންގެ އެސްކޯޓުގައި ވޯޓުލާ މަރުކަޒުތަކަށް ގޮސް، ވޯޓު ދީފައި ކަމަށް ޚަބަރު ލިބެއެވެ.

ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނަން ފަށަން ހަމަޖެހިފައި އޮތީ ވޯޓުލުން ނިންމާލިތާ 30 މިނެޓްގެ ތެރޭގައި ކަމަށްވާއިރު، ފުރަތަމަ ނަތީޖާތައް ލިބޭނީ ލަންކާ ގަޑިން މިރޭ 10:00 ހާއިރު ކަމަށް ޚަބަރު ލިބެއެވެ.