ސްރީލަންކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުގައި ބައިވެރިވެ ފަރުދީ ޒިންމާ އަދާކުރުމަށް ދަތުރުކުރަމުންދިޔަ މުސްލިމުންގެ ގާފިލާއަކަށް ދިން ބަޑީގެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެއެވެ.

ދީނީ ގޮތުން ބޮޑެތި ބައިބައިވުންތަކަކާ ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ސްރީލަންކާގައި ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މުސްލިމުންނާއެކު އެގައުމުގެ ހުޅަނގު އުތުރު ސަރަހައްދުން ދަތުރުކުރަމުންދިޔަ ގާފިލާއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާ 2 ބަހަކަށް އަމާޒުވި ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ. ބަޑީގެ ހަމަލާގެ އިތުރުން އޮއްގަލުންވެސް މި ބަސްތަކަށް ހަމަލާދިން ކަމަށް ޚަބަރު ލިބެއެވެ.

ހަމަލާ އަމާޒުވި ގާފިލާގައި ތިބި މީހުން ވޯޓުލާ މަރުކަޒުތަކަށް ގެންގޮސްދީފައިވަނީ ފުލުހުންގެ އެސްކޯޓްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހަމަނުޖެހުން ހިނގައިގެން އުޅޭ ޖަފްނާ ސަރަހައްދަކީ ތަމަޅައިންގެ ބާރާ ނުފޫޒު ގަދަ ސަރަހައްދެއް ކަމުން ފުލުހުންނާ ސަލާމަތީ ބާރުތަކުން ދަނީ އެ ސަރަހައްދުގައި ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އެހެންކަމުން މިސަރަހައްދުން ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވުންވެސް އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސްރީލަންކާގެ ފުލުހުންވަނީ އިންތިހާބަށް ހުރަސް އެޅޭ އަމަލެއް ހިންގައިފިނަމަ އިތުރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ސްރީލަންކާގެ މުސްލިމުން ބުނާ ގޮތުގައި ކުރިއަށްދާ އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކު ކުރި ހޯއްދެވި ކަމުގައި ވީ ނަމަވެސް، މުސްލިމުންނަށް ލިބޭނެ މޮޅެއް ނެތެވެ.

ގޮތަބާޔާއާއި ޕްރާމަދޭސަ ވޯޓު ދެއްވައިފިތަ؟

ސްރީލަންކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި 35 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، އެންމެ ވަރުގަދަ 2 ވާދަވެރިންގެ ލިސްޓުގައި އޮތީ މިހާރުވެސް ވެރިކަން ކުރަމުންދާ ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖީތު ޕްރޭމަދާސައާއި އިދިކޮޅު ސްރީލަންކާ ޕީޕަލްސް ފްރަންޓް (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓް ގޮތަބާޔާ ރާޖަޕަކްސައެވެ.

މި ދެ ކެންޑިޑޭޓުންވެސް މިހާރު ވަނީ ވޯޓު ދެއްވާފައި ކަމަށް ޚަބަރުތައް ބުނެއެވެ. ގޮތަބާޔަ ރާޖަޕަކްސައަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަގެ ކޮއްކޮއެވެ. އަދި މަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާގެ ދިފާއީ ވަޒީރެވެ. ސަޖީތު ޕްރޭމަދާސައަކީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަގެ ކެބިނެޓް ވަޒީރެކެވެ.