މިއީ ސްރީލަންކާގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް ރިޔާސީ އިންތިހާބެއްގައި ކެންޑިޑޭޓުން ވާދަކުރައްވާ ފަހަރެވެ. މިފަހަރުގެ އިންތިހާބުގައި ސިޔާސީ އެކި ފިކުރުގެ 35 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

ކަންމިހެން އޮތްއިރު، އެންމެ ވަރުގަދަ 2 ވާދަވެރިންގެ ލިސްޓުގައި އޮތީ މިހާރުވެސް ވެރިކަން ކުރަމުންދާ ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖީތު ޕްރޭމަދާސައާއި އިދިކޮޅު ސްރީލަންކާ ޕީޕަލްސް ފްރަންޓް (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓް ގޮތަބާޔާ ރާޖަޕަކްސައެވެ.

ސްރީލަންކާގެ ދިފާއީ ވަޒީރުކަން ކުރައްވާފައިވާ ގޮތަބާޔާ ރާޖަޕަކްސަ އޭނާގެ ސަޕޯޓަރުންނާއެކު/ފޮޓޯ: ރޮއިޓާޒް

ގޮތަބާޔަ ރާޖަޕަކްސަ (އެސްއެލްޕީޕީ)

ގޮތަބާޔަ ރާޖަޕަކްސައަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަގެ ކޮއްކޮއެވެ. އަދި މަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާގެ ދިފާއީ ވަޒީރެވެ. ކުރިއަށް އޮތް އިންތިހާބުގައި އޭނާ ވާދަކުރައްވަނީ އެސްއެލްޕީޕީގެ ލީޑަރުގެ ހައިސިއްޔަތުން، ސަލާމަތާ އިގުތިސޯދީ އިސްލާހީ ބަދަލުތައް ގެނެސްދެއްވާނެ ކަމުގެ އެޖެންޑާއާއިއެކުގައެވެ.

ސްރީލަންކާގެ ތާރީހު ދުށް 26 އަހަރުވީ ދާހިލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްވަރު ދިފާއީ ވަޒީރު ކަމުގައި ހުންނެވި ގޮތަބާޔާއަށް ލާއިންސާނީ ޖަރީމާ ހިންގެވި ކަމުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވިއެވެ. ނަމަވެސް ސިންހަޅަ ބުދިސްޓުންގެ މެޖޯރިޓީއެއް އޮންނަ ސްރީލަންކާގައި ގޮތަބާޔާއަކީ މަގުބޫލު ޝަހްސެކެވެ.

ސަޖީތު ޕްރޭމަދާސަ (ޔޫއެންޕީ)

ސަޖީތު ޕްރޭމަދާސައަކީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަގެ ކެބިނެޓް ވަޒީރެކެވެ. މިއާއެކު ސްރީލަންކާގެ ވެރިކަން ކުރާ ޔޫއެންޕީގެ ތާއީދު އޮތީ ޕްރޭމަދާސައަށެވެ. 1993 ވަނަ އަހަރު ތަމަޅަ ހަނގުރާމަވެރިން އަވަހާރަކޮށްލި ސްރީލަންކާގެ ކުރީގެ ރައީސް ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުންނެވެ. އޭގެ ފަހުން 1994 ވަނަ އަހަރުން ފެށިގެން އެކި ދުވަސްވަރު މަތިން ސްރީލަންކާގެ ސިޔާސީ މަސްރަހުން ޕްރޭމަދާސަ ވަނީ ފެނިގެންގޮސްފައެވެ.

ޕްރޭމަދާސައަށް ވިކްރަމަސިންހަގެ ތާއީދު އޮތް ނަމަވެސް މި 2 ބޭފުޅުންކީ ހުރިހާ ކަމެއްގައި އެއްގަލަކަށް އަރާވަޑައިގަންނަވާ ބައެއް ނޫނެވެ.

ސްރީލަންކާގެ ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ސަޖީތު ޕްރޭމަދާސަ (މ) ރެލީއެއްގައި ވާހަކަފުޅުދައްކަވަނީ/ފޮޓޯ: އޭޕީ

އިގުތިސޯދީ އިސްލާހީ ބަދަލުތަކެއް ގެނެސްދެއްވުމަކީ ޕްރޭމަދާސަގެވެސް ރިޔާސީ ވައުދަކަށްވާއިރު، އިންތިހާބު ކާމިޔާބު ކުރެއްވުމަށް އޭނާ ބަރޯސާވަނީ ސްރީލަންކާގެ އާބާދީގެ ނިސްބަތުން ބައި މަދު ތަމަޅައިންނާ މުސްލިމު އާބާދީގެ ތާއީދަށެވެ. ތަމަޅައިންގެ މުސްލިމުންގެ އާބާދީ އެއްކޮށްލުމުންވެސް ލިބެނީ ސްރީލަންކާގެ 21 މިލިއަން މީހުންގެ އާބާދީގެ އެންމެ 20 ޕަސެންޓްއެވެ.

ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ/ފޮޓޯ: ރޮއިޓާޒް

ހައިރާން ކުރުވަނިވި ނަތީޖާއަކުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބަލިކުރައްވާ، 2015 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވައިގެން ސްރީލަންކާގެ ރިޔާސަތުގައި މިހާރުވެސް ހުންނެވި މައިތްރިޕާލަ ސިރިސޭނާވަނީ 2 ވަނަ ދައުރަކަށް ވާދަ ނުކުރައްވަން ނިންމަވާފައެވެ. ނަމަވެސް އެއީ ކީއްވެކަމެއް ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.