ސްރީލަންކާގައި މިއަދު ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި، ހަވީރު 05:00 އާއި ހަމައަށް ވޯޓުލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕޯސްޓަލް ވޯޓަށް އޮތް ފުރުސަތު މިހާރު ވަނީ ބަންދުވެފައެވެ. ޕޯސްޓަލް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު 31، ނޮވެމްވަރު 1، 4 އަދި 5 ވަނަ ދުވަހުއެވެ. ޕޯސްޓަލް ވޯޓަކީ ސަރުކާރު މުވައްޒަފުންނާ، އިންތިހާބީ އޮފިޝަލުންނާ، ފުލުހުންނާ އަސްކަރިއްޔާގެ މެމްބަރުން ވޯޓުލާ ދުވަސްތަކެވެ.

ރިޔާސީ އިންތިހާބު ރޭވިފައި އޮތީ ކިހިނެއް؟

ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ ރެކޯޑްތައް ދައްކާ ގޮތުގައި ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދަފުތަރުގައި 15.9 މިލިއަން މީހުން އެބަތިއްބެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމަށް ހަމަޖެހިފައިވާ ވޯޓުދޭ މީހާ ހިޔާރު ކުރާ 1 ނަންބަރު ކެންޑިޑޭޓާ 2 ނަންބަރު ކެންޑިޑޭޓުވެސް ފާހަގަކުރާ އުސޫލުންނެވެ. އެއްވެސް ކެންޑިޑޭޓަކަށް 1 ނަންބަރު ކެންޑީޑޭޓުގެ ގޮތުގައި 50 ޕަސެންޓް ލިބިވަޑައިނުގެންނެވިނަމަ 2 ނަންބަރު ކެންޑިޑޭޓުގެ ގޮތުގައި އެ ކެންޑިޑޭޓުންނަށް ލިބިވަޑައިގެންފައިވާ ވޯޓުތައް އެއްކޮށް ޖުމުލަ އަދަދެއް ނެރެވެއެވެ.

ނަތީޖާ އިއުލާންކުރަނީ ކޮން އިރަކު؟

ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޯޓު ގުނުމުގެ މަސައްކަތް ފަށާނީ މިއަދު ހަވީރު ލަންކާ ގަޑިން 05:30 ގައެވެ. ފުރަތަމަ ގުނުމަށް ހަމަޖެހިފައިވަނީ ޕޯސްޓަލް ވޯޓު ކަމަށާ، އެންމެ ފުރަތަމަ ނަތީޖާތައް ލިބެން ފަށާނީ މިރޭ 10:00އާއި 12:00 އާއި ދެމެދު ވަގުތެއްގައި ކަމަށްވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މިއަދުގެ އިންތިހާބަށް ފަހު ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ. 50 ޕަސެންޓް ހަމަ ނުވެ، 2 ނަންބަރަށް ލިބުނު ވޯޓު އެއްކުރަންޖެހިއްޖެ ހިނދެއްގައި ނަތީޖާ އިއުލާންކުރުން އޮންނާނީ 18 ވަނަ ދުވަހުއެވެ. ނަމަވެސް ސްރީލަންކާގެ ތާރީހުގައިވެސް 2 ނަންބަރު ކެންޑިޑޭޓުގެ އަދަދު އެއްކުރަން ޖެހިފައެއް ނުވެއެވެ.

ވޯޓު ގުނަން ހާއްސަކޮށްފައވާ 1550 މަރުކަޒެއް ސްރީލަންކާގެ އެކި ހިސާބުތަކުގައި ވަނީ ގާއިމުކޮށްފައެވެ. މީގެ ތެރޭގައި ޕޯސްޓަލް ވޯޓު ގުނުމަށް ހާއްސަކޮށްފައިވާ 371 މަރުކަޒުވެސް ހިމެނެއެވެ.