އަވަށްޓެރި ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 15.9 މިލިއަން މީހުންނާއެކު ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ ލަންކާ ގަޑިން މިއަދު ހެނދުނު 07:00ގައެވެ.

އިންތިހާބުގައި ވާދަކުރައްވާ 35 ކެންޑިޑޭޓުންގެ ނަން ހިމަނައިގެން ޕްރިންޓްކޮށްފައިވާ ވޯޓު ކަރުދާސްކޮޅުގެ ދިގު މިނުގައި 2 ފޫޓު ހުންނައިރު، މިއީ ސްރީލަންކާގެ ތާރީހުގައިވެސް އެ ގައުމުގައި ބޭނުންކުރާ އެންމެ ބޮޑު ވޯޓު ކަރުދާސްކޮޅެވެ.

މިއަދު ހަވީރު ލަންކާ ގަޑިން 05:00 ހިނގުމާ ހަމައަށް ވޯޓު ލުން ކުރިއަށްދާއިރު، 12845 މަރުކަޒެއްގައި ވޯޓުލުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

އިންތިހާބުތަކާ ބެހޭ ކޮމިޝަނުންވަނީ، ނުބައި ނަމެއްގައި ފާހަގަ ޖެހިގެން ޝަކުވާ ހުށަހެޅި ކަމުގައި ވީ ނަމަވެސް 2 ވަނަ ކަރުދާސްކޮޅެއް އެއްވެސް މީހަކަށް ދޫނުކުރާނެ ކަން ދުރާލާ އިއުލާންކޮށްފައެވެ. ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވަނީވެސް ވޯޓު ކަރުދާސްކޮޅު ރަނގަޅަށް ބަލާލުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ދިނުމުގެ މަގުސަދުގައި ކަމަށް ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ވަނީ ބުނެފައެވެ.

އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސްރީލަންކާގެ ސަލާމަތީ މަސްރަހާ މެދު ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ މަސްރަހުގައި 68000 އަށްވުރެ ގިނަ ފުލުހުންނާ މަދަނީ ދިފާއީ ބާރުގެ އޮފިޝަލުން ދަނީ ފޯރިމަރަމުންނެވެ.