ބަލާލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ ފުނޑުފުނޑުވެ ވީރާނާވެފައިވާ އިމާރާތްތަކެވެ. އަނދާ އަޅިއަށް ވެފައިވާ ގެތަކާއި ހަނަފަސްވެ ދިރުމެއް ނެތް ހިސާބުތަކެވެ. އެތަށް އުންމީދުތަކަކާއި އެކު ބިނާކުރި ދިރިއުޅުން ވިއްސިވިހާލިވެ ނާއުންމީދުން ފުރިފައިވާ އެތައް ނިކަމެތި ބައެކެވެ. ކަރުނައިން ފުރިގެންވާ ހާލުގައި ދިރިއުޅެން މަސައްކަތް ކުރިއަސް އުންމީދުގެ ހުޅު ނިވެމުންދިޔަ އެތައް ތުއްތު ކުށެއް ނެތް މައުސޫމު ކުދިންތަކެކެވެ.
މި މީހުންނަކީ ލޭގެ ގުޅުމެއް ނެތްތަނުގައި ގާތްތިމާގެ ގުޅުމެއް ނެތް ބައެކެވެ. އެއްބަނޑު ތިމާގި ކަމުގެ ގުޅުމެއް ވެސް ނެތެވެ. ނަމަވެސް އެއީ އަހަރެމެންގެ އަހުންނެވެ. އެއް އުންމަތަކަށް ނިސްބަތްވާ އެއް ދީނެއްގެ ދަރިފަސްކޮޅެވެ. މި ދައްކަނީ ފަލަސްތީނުގެ ވާހަކައެވެ. އެ ގައުމުގައި ނިކަމެތި ހާލުގައި އުޅޭ އަހަރެމެން ފަދަ އިންސާނުންތަކެއްގެ ވާހަކައެވެ.
ދުނިޔޭގެ ހަބަރު ދަބަރު ބަލާލާއިރު ކޮންމެ ދުވަހަކުވެސް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންގެ ވާހަކަތަކުގެ އަޑު ނީވޭ ދުވަހެއް ނާދެއެވެ. އިސްރާއީލުން އަމަލުކުރަމުންދާ ރަހުމުކުޑަ ގޮތުގެ ވާހަކަތަކުގެ ތެރެއިން މައިކުލުނަށް ފެންބޮވައިގެންފައި ތިބޭ ކުދިންގެ އިހުސާސްތަކާއި އެކުދިންގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަތަކާއި އުފާވެރި މުސަތަގުބަލެއް ހޯދުމަށް އެކުދިން ދެކެމުންދާ ކުލަވުމެއް ނެތް ހުވަފެންތަކުގެ ވާހަކައން އަސަރު ކުރަނީ ކިތައް މީހުންނައްތޯއެވެ؟
ފަލަސްތީނުގެ ބިންތައް ގަދަ ބާރުން ފޭރިގެންފައިވާ އިޒްރޭލުން ދަނީ ހައްގަކާ ނުލައި ފަލަސްތީނުގެ ރައްޔިތުނާ ދެކޮޅަށް ލާއިންސާނީ އެތަކެއް ޖަރީމާއެއް ހިންގަމުންނެވެ. މާތްވެގެންވާ އަގުސާގެ ބިންމަތީގައި ފަލަސްތީނުގެ ދަރިންގެ ކުރިމަތީގައި އެމީހުންގެ މައިންގެ އިތްފަތްތެރިކަން ފޭރެމާއި އެ މައިންގެ ކުރިމަތީގައި ދަރިންގެ ގައިގާ ދިރިހުއްޓާ އަލިފާން ރޯކޮށް އަންދާ އަޅިއަށް ހަދަމުން ދެއެވެ. ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކޮށްލާފައި ވާއިރު ދާނެ އެއްވެސް ދިމާލެއް، ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެ އެމީހުން ވަނީ ހާލުގައި ޖެހިފައެވެ. ނަމަވެސް އަދިވެސް ފަލަސްތީނުގެ ދަރިންގެ ހިތްތަކުގައި ސާބިތުކަމާއި އެދަރިންގެ އުންމީދަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
ދަރިއަކު ބީވެގެން ދިއުމުން މަޔަކަށް ކުރާނެ އަސަރު އިހުސާސް ކޮށްލެވޭ ހެއްޔެވެ؟ ކާނެ އެއްޗެހި ހުރެ، ބަނޑުހައި ހޫނުކަން މަތީ މަރުވި ދަރިއަކަށް ކުރާނެ އިހުސާސް މަޔަކަށް ނޫނީ ނުކުރެވޭނެއެވެ.
ފަލަސްތީނަށް ދިން ބޮމުގެ ހަމަލާގައި އަމިއްލަ ދަރިފުޅު އޭގެ ޝިކާރައަކަށްވީ މަންމައަކު އޭނާގެ އުދާސްތައް ބޭރުކޮށްލަމުން ބުނީ، އެ ބޮމުގެ ހަމަލާ އެގެއަށް އަމާޒު ވީ އިރު އޭނާ ހުރީ އޭނާގެ ދަރިފުޅު ބަނޑުހައިވެގެން ބުނުމުން އެ ކުއްޖާއަށް ކާއެތިކޮޅެއް ތައްޔާރު ކުރުމަށް ކަމަށެވެ.
"އެދުވަހު އަހަރެން ހުރީ ދަރިފުޅު ބަނޑުހައިވެގެން އުޅޭތީ ކާނެ އެއްޗެއް ހަދަން. އެކަމުގައި އަހަރެން އުޅޭނިކޮށް ގެ އަށް ބޮންއެޅީ. އެ ދަރިފުޅު އެ މަރުވީ ބަނޑުހައި ކަމުގައި އޮވެ. އޭނާ ދާނީ ސުވަރުގެއަށް. އެންމެ ކުޑަމިނުން ސުވަރުގޭގައި އެ ދަރިފުޅަށް ކާނެ އެއްޗެއް ލިބޭނެ. އެ ދަރިފުޅު އެ މަރުވީ ބަނޑުހައި ވެ، ނުކައި ހުއްޓާ."
އޭނާގެ ދަރިފުޅުގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން އޭނާއަށް އިހްސާސް ވާތީ ބޮމުގެ ހަމަލާއަށް ފަހު ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިއުމުން އެ މަންމަ ވަނީ އެކުއްޖާ މަރުވޭތޯ ދުއާވެސް ކޮށްފައެވެ. އެ ވޭނުގައި އެކުއްޖާ އޮތުމަށް ވުރެ އެކުއްޖާ ފަސާދަވެފައިވާ އެ ބިރުވެރި މާހައުލުން މިންޖުވުން ނޫން ގޮތެއް އެ މަންމައަކަށް ނުފެނުނެވެ.
މިއީ ފަލަސްތީނުގެ މައެއްގެ ހިތުގެ އާދޭހެވެ. މިފަދަ ކިތައް މައިން އެބަ ތިބި ހެއްޔެވެ؟ މިއީ ކިތައް މައިންގެ ޝަކުވާ އަށް ވާނެ ހެއްޔެވެ؟
ފަލަސްތީނުގެ މި ތުއްތު މައުސޫމު ކުދިންގެ ކުށަކީ ކޮބައިތޯއެވެ. އެކުދިންގެ އަމިއްލަ ވަޒަން ގަދަކަމުން ފޭރިގަނެފިއެވެ. އެކުދިންގެ އަމިއްލަ ގެދޮރުން ބޭރުކޮށްފިއެވެ. އެކުދިންގެ މައިން ބަފައިން ޝަހީދުކޮށް ޔަތީމު ކޮށްފިއެވެ. ނުކުޅެދޭ ބަޔަކަށްހަދާ އެތަށް ކުދިން ކޮންމެ ދުވަހަކު ދަނީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި ގަތުލްކުރަމުންނެވެ. އެތަށް ދުވަހެއްގެ އުންމީދު ފުނޑުވެގެން ދަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
މައިންބަފައިން ދުނިޔޭގައި ނެތުމަކީ ދަރިއަކަށް ކުރެވޭނެ އެންމެ ހިތްދަތި އިހުސާސެވެ. ގާތް ރައްޓެއްސެއްގެ ދަރިއަކު ދުނިޔޭގައި ހުރެ އެ ކުއްޖާއަށް މައިންބަފައިންގެ ލޯބި ނުލިބޭނަމަ ކުރާނެ އަސަރާއި އިހުސާސް އެނގޭ ހެއްޔެވެ؟
މަންމަ އާއި ބައްޕަ ނެތުމުން ހިތަށް ކުރާނެ އަސްރުގެ ވާހަކަ އެއިން ކުއްޖެއްގެ ދުލުން ބުނާނީ ކަރުނައިން ދެލޯ ފުރާލާފައެވެ. އެ އިހުސާސްތަކުގެ ވާހަކަ ބުނަން އަނގަ ހުޅުވާލި ނަމަވެސް އިސްދަށަށް ޖަހައިގެން ހުންނަނީ އެކުދިންގެ ހިތަށް ކުރާ އަސަރެއްގެ ބޮޑުކަމުންނެވެ. ހިފަހައްޓާލަން އުނދަގުވާ ވަރަށް ދެލޯ ކަރުން ފުރިފައިވާ އިރު އެ ތުއްތު ކުދިންގެ ހިތްތަކުގައި އުފެދިފައިވާ އެކަނިވެރިކަމާއި ރިހުން ބަޔާން ކުރަން އެ ދޫ ތައް ވަނީ ނުކުޅެދިފައެވެ. "ދަރިފުޅާ ނުރޯށޭ ހިތްވަރު ކުރާށޭ" ބުނެ މެއާލާ މަންމަ ބައްދާލަން އަންނާނެ ކަމުގެ ފޮނި އުންމީދުގައި އެކުދިންގެ ލޯތަށް އަދިވެސް ވަށާ ހޯދަމުން ދެއެވެ. ގަބޫލުކުރަން ދަތި ވިޔަސް މީ އެކުދިން އުޅެމުންދާ ހިތްދަތި ހާލެވެ.
އެ ހާލުގައި ވެސް މަންމަ އާއި ބައްޕަ ދެކެ ލޯބިވާ ކަމަށާއި އެމީހުން މަތިން ހަނދާން ވާ ވާހަކަ އެކުދިން ބުނެއެވެ. ނިޔާވެފައި ވާ މައިންބަފައިން އެނބުރި އަންނާނެ ކަމުގެ އުންމީދުގައި ތިބީ ކިތަށް ކުދިން ހެއްޔެވެ. އާއިލާ އާއި އެކު އުފާވެރި ވަގުކޮޅެއް ހޭދަ ކޮށްލުމުގެ ފޮނިކަމާއި، އާއިލާ މެންބަރުންނާ އެކު އެއް ތަށިމަތީ ނާސްތާކޮށް އެކީ ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެ ކަމުގެ އުންމީދު އަދިވެސް އެ ހިތްތަކުގައި ވެއެވެ.
މިކަމުން ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތެވެ. މަރުވެގެން އެ ދަނީ ކުށެއް ނެތް ކިތައް ކުދިން ހެއްޔެވެ؟ އެ ތުއްތު މައުސޫމު ކުދިންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އެ ކުދިންގެ ލޯތައް ކުރިމަތީގައި ދިރިހުއްޓާ އަނދާލައި، ނުވަތަ ބަޑި ޖަހާ މަރާލާ އިރު އެ ނަގާލަނީ ކިތައް މީހުންގެ ފުރާނަ ހެއްޔެވެ؟
މިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި މުޅި ދިރިއުޅުން ފުން އަނދިރި ވަޅުގަނޑެއްގެ ތެރޭގައި ހޭދަކުރަމުން ދާއިރު ފެންނަނީ އަސަރުން ފުރިގެންވާ ލޯތަކެވެ. ނަމަވެސް އެހާލު ދެނެގަންނަ ތިބި އަދުގެ ދުނިޔެ ވަނީ ފުން ނިންޖެއްގެ ތެރޭގައެވެ. ޣަރަގު ވަމުންދާ އިންސާނިއްޔަތުގެ ކަމުގެ ކުލަވެސް ނުފެންނަނީ ހެއްޔެވެ؟ އެމީހުންނަށްޓަކައި ވަކާލާތުކޮށް އެމީހުންގެ ހައްގުގައި ނުކުމެ އެމީހުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް މަސައްކަތްކުރަނީ މަދު ބައެކެވެ.
މި ދިވެހި އުންމަތުގައި ތިބި އެންމެން ވެސް ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި އެންމެންނަށް ހެޔޮ ދުއާ ކުރުން މީ ކުރެވިދާނެ ކަމެކެވެ. މާތް ﷲ ފަލަސްތީނުގެ އެންމެހާ އަހުންނާއި އުހުތުންގެ ހިތްތަކަށް ސާބިތުކަން ދެއްވާ ފަލަސްދީނުގެ ރައްޔިތުން އެ ނުބައި އިސްރާއިލުންގެ ކިބައިން ސަލާމަތް ކުރައްވާށިއެވެ. އާމީން