ސްރީލަންކާގެ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ނިގެމްބޯގެ މިސްކިތުގެ ފެންޑާމަތީގައި އިށީނދެލައިގެން އިން އުމުރުން 54 އަހަރުގެ އަސްލަމް ޣަފޫރުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ނުތަނަވަސްކަމާ ހާސްކަމެއްގެ ތެރޭގައި އަސްލަމަށް އިންނަން މަޖުބޫރުކުރަވަނީ އޭނާގެ އަވަށްޓެރިންގެ އިތުބާރު، އޭނާގެ މައްޗަށް ގެއްލިފައި އޮތުމުންނެވެ.

އަތުގައި އޮތް ފޯނަށް އިޝާރަތްކޮށް ވާހަކަ ދައްކަމުން އަސްލަމް ބުނީ އޭނާގެ ގިނަ ރައްޓެހިންނަކީ ޣައިރު މުސްލިމުން ކަމަށެވެ. އެމީހުން އެކުގައި އުޅެމުންދިޔައީ އެއްބަނޑު އެއްބަފާ ބައެއްހާ ގާތްކޮށް ކަމަށް ވީ ނަމަވެސް، މިހާރު ހުރިހާ ކަމެއް ބަދަލުވެއްޖެ ކަމަށެވެ. އެމީހުންނާ މިހާރު ވާހަކަވެސް ދައްކާ ނުލެވޭތާ، ހާލު އަހާލަންވެސް ނުކުރޭ ކަމަށް އަސްލަމް ބުންޏެވެ. އެކަހަލަ އެއްވެސް ގުޅުމެއް މިހާރު ނެތޭ ބުނެވިދާނެ ކަމަށް އަސްލަމް ސިފަކުރިއެވެ.

އަސްލަމަށް ދިރިއުޅެންޖެހިފައި މިވާ އެކަނިވެރި ދިރިއުޅުމުގެ އަސްލަކަށް ވީ އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަށް ސްރީލަންކާގައި ހިންގި ޖަރީމާއެވެ. ބޮމުގެ ހަމަލާގެ ސީދާ ޝިކާރައަކަށް އަސްލަމް ނުވިއެއްކަމަކު، އެ ހަމަލާއާއި ގުޅިގެން މުސްލިމުންނަށް އަމާޒުކޮށް ދެމުންދިޔަ ބަހުގެ ހަމަލާތަކާ، މުސްލިމުންނޭ ކިޔައިގެން ފަތުރަމުންދިޔަ އަޑުތަކުގެ ހިތިކަން މިއަދު ތަހައްމަލު ކުރަންޖެހިފައިވަނީ އަސްލަމު ފަދަ ރައްޔިތުންނަށެވެ.

ސްރީލަންކާގެ މިސްކިތަކަށް ހަމަލާދީފައި/ފޮޓޯ: ޓުވިޓާ

21.8 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ސްރީލަންކާގައި މުސްލިމުންގެ އާބާދީއަކީ މީގެ ގާތްގަނޑަކަށް އެންމެ 10 ޕަސެންޓްއެވެ. އޭޕްރިލް މަހުގެ ހިތްދަތި ކާރިސާއާއި ޖެހެންދެން ސްރީލަންކާގެ މުސްލިމު އާބާދީ ދިރިއުޅެމުންދިޔައީ ސުލްހަވެރި ކަމާ އުފަލުގައެވެ. ނަމަވެސް އެދުވަހަށް ފަހު ހުރިހާ ކަމެއް ބަދަލުވިއެވެ.

"އަހަރެންގެ (ނަސޯރާ) ރައްޓެހިން ބުނާ ގޮތުގައި އަހަރެން މިސަރަހައްދަށް އައުން ރަނގަޅެއް ނޫން. ހޮސްޕިޓަލަށް ދައްކާލަން އައުސްވެސް ރަނގަޅެއް ނޫން" އުމުރުން 37 އަހަރުގެ ސާލިމް ސިރާޖު ބުންޏެވެ. ސިރާޖަކީ އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހޮސްޕިޓަލަށް ދިޔަ ވޮލަންޓިއަރެކެވެ. ނަމަވެސް އޭނާއަކީ މުސްލިމަކަށް ވީތީ އޭނާގެ އެހީ ބޭނުން ނުވީ ކަމަށް އޭނާ ސިފަކުރިއެވެ.

ސިރާޖު ސިފަކުރި ގޮތުގައި އެތައް އަހަރަކަށް ދެމިގެންދިޔަ ދީނީ އެއްބައިވަންތަކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އާތްވަށް ވެގެން ވައިގެ ތެރެއަށް އަރާ، ގެއްލިގެން ދިޔައީއެވެ.

ސްރީލަންކާގެ މިސްކިތެއްގައި އަޅުކަން ކުރަން ހުރި މީހެއް/ފޮޓޯ: އޭއެފްޕީ

ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުގެ ވޯޓުގެ އެންމެ ނާޒުކު ދަނޑިވަޅުކަމަށްވާއިރު ވެރިރަށް ކޮޅުނބާ ގާތްގަނޑަކަށް 40 ކިލޯމީޓަރު އުތުރުން އޮންނަ ނިގެމްބޯގައިވެސް އޮތީ ނުތަނަވަސްކަމެވެ. ސިޔާސީ ބައިބައިވުންތަކަށްވުރެ ބޮޑި ދީނީ ބައިބައިވުންތަކެވެ.

ސްރީލަންކާގެ މުސްލިމުން ބުނާ ގޮތުގައި އެމީހުންގެ އަމިއްލަ ވަޒަނުގައި ބިދޭސީންތަކަކަށް ހަދައިފައިވާ ކަމުގެ އިހުސާސް ކުރެވެއެވެ. މަގުމަތީގައި ހިނގާލިއަސް ކޮންމެ މީހަކުވެސް ބަލަނީ ފާރަވެރި ނަޒަރަކުން ކަމުގެ ޝަކުވާ ވަނީ އާންމުވެފައެވެ. ކޮންމެ ދިމާލަކުންވެސް މިކަން މިހެން ކަމަށްވާއިރު، އަންނަން އޮތް މުސްލިމު ޖީލާ މެދު ކަންބޮޑުވާ މީހުންވެސް މަދެއް ނޫނެވެ. އެކުދިންގެ މުސްތަގުބަލާ މެދު ވިސްނާ ހިތާމަކުރެއެވެ.

ބޮމުގެ ވަރުގަދަ ހަމަލާއެއް އަމާޒުވި ސެއިންޓް އެންތަނީ ޗާޗު ސަރަހައްދުގައި ލަންކާ އަސްކަރިއްޔާއިން ފޯރިމަރަނީ/ފޮޓޯ: ރޮއިޓާޒް

ނިގެމްބޯގެ މުސްލިމުން ބުނާ ގޮތުގައި އިންތިހާބުގެ ނަތީޖާ ކޮންމެ ކޮޅަކަށް ބަރުވިއަސް އެމީހުންނަކަށް ސަލާމަތެއް ނެތެވެ. ނަމަވެސް ގޮތަބާޔަ ރާޖަޕަކްސައަށް އިންތިހާބު ކާމިޔާބުވެއްޖެނަމަ މުސްލިމުންނަށް އޮތް ނުރައްކަލާ ގޮންޖެހުން ބޮޑުކަމަށް ސްރީލަންކާގެ މުސްލިމުން ދަނީ ބުނަމުންނެވެ. ސްރީލަންކާގައި އިސްލާމްދީން ފެތުރިގެން ދިއުން ހުއްޓުވަން އެދޭނަމަ ވޯޓުދޭންވީ ގޮތަބާޔާއަށް ކަމަށް ބުނާ ވީޑީއޯއެއްވެސް ދާދި ފަހުން ވަނީ އާންމުވެފައެވެ.

ސްރީލަންކާގެ މުސްލިމުންނަށް ސިފަވާ ގޮތުގައި މުޅި ގައުމުވެސް އެމީހުންނާ މެދު ދެކެނީ ޓެރަރިސްޓުންގެ ގޮތުގައެވެ. އެ ކެޓަރީއަށް ނުފެތޭ މުސްލިމަކު ލަންކާގައި ނުއުޅޭ ފަދައެވެ.

ސްރީލަންކާގެ ވެރިކަމާ ދެން ހަވާލުވެވަޑައިގަންނަވާ ރައީސްއަކީ މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުން މުސްލިމުން ދިފާއު ކޮށްދެއްވާނެ ލީޑަރެއްތޯ ސްރީލަންކާގެ މުސްލިމުން ކުރެ ސުވާލުކޮށްލުމުން އެކަން ވަނީ ޖޯކަކަށެވެ. ސްރީލަންކާގެ މުސްލިމު އާބާދީއަށް އިތުބާރު ކުރެވޭ އެއްވެސް ކެންޑިޑޭޓަކު މިފަހަރުގެ އިންތިހާބުގައި ވާދައެއް ނުކުރައްވައެވެ.