ހަކުރު ބަލި ނުވަތަ ޑައިބިޓިޒްއަކީ ދިގު މުއްދަތަކަށް ނުވަތަ އުމުރު ދުވަހަށް ދެމިގެންދާ މެޓަބޮލިކް ބައްޔެކެވެ. މި ބަލި ގުޅިފައިވަނީ ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު މައްޗަށް ދިއުމާއެވެ. އެކަށީގެންވާ ފަރުވާއެއް ނުދެވި ބަލީގައި ދުވަސްތަކެއް ހޭދަވާން ވެއްޖެނަމަ ފުރާނައަށް ނުރައްކާވެއެވެ. އެގޮތުން ހިތާ ކިޑްނީގެ ބަލިތަކުގެ އިތުރުން ލޮލުގެ ބަލިތަކާ ނާރުގެ ބަލިތަކަށް މަގުފަހިކުރުވައެވެ.

ހަކުރު ބަލީގެ އެންމެ އާންމު ވައްތަރަކީ ޓައިޕް 2 ޑައިބިޓިޒްއެވެ. މިއީ އިންސިއުލިންއާއި ދެކޮޅަށް ހަށިގަނޑު މަސައްކަތް ކުރާ ބާވަތެކެވެ. ނުވަތަ މިއީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން ނުއުފައްދާ ބައްޔެކެވެ. ފާއިތުވީ 30 އަކަށް އަހަރު ދުވަހަށް ބަލާއިރު މި ބާވަތުގެ ހަކުރު ބަލީގެ ޝިކާރައަކަށް ވީ މީހުންގެ އަދަދު، ދުނިޔޭގެ ހުރިހާ ފަންތިއެއްގެ އާމްދަނީ ލިބޭ ގައުމުތަކުގައިވެސް ވަނީ އިތުރުވެފައެވެ.

ދެން އޮތީ ޓައިޕް 1 ޑައިބިޓިޒްއެވެ. މިއީ އިންސިއުލިންއަށް ބަރޯސާވާ ބާވަތެވެ. މިއީ ޕެންކްރިއާސްއިން ކުޑަ މިންވަރަކަށް އިންސިއުލިން އުފައްދާ މީހުންނަށް ނުވަތަ އެއްވެސް ވަރަކަށް ހަށިގަނޑުން އިންސިއުލިން އުފައްދާ ނުދޭ މީހުންނަށް ޖެހޭ ބާވަތެކެވެ.

ހަކުރު ބަލީގެ 3 ވަނަ ވައްތަރެއްވެސް އޮވެއެވެ. އެއީ ގެސްޓޭޝަނަލް ޑައިބީޓިޒްއެވެ. މިއީ މާބަނޑު ދުވަސްވަރު ޖެހޭ ހަކުރު ބަލީގެ ބާވަތެކެވެ. ގެސްޓޭޝަނަލް ޑައިބިޓިޒްގައި ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ހުންނާނީ އާންމު މީހަކަށްވުރެ މަތިކޮށް، އެހެންނަމަވެސް، ހަކުރު ބަލީގެ އާންމު ޕޭޝަންޓަކަށްވުރެ ދަށްކޮށެވެ. ގެސްޓޭޝަނަލް ޑައިބިޓިޒް ޖެހޭ މީހުންނާ އެމީހުންނަށް ލިބޭ ދަރިންނަކީ، މުސްތަގުބަލުގައި ޓައިޕް 2 ޑައިބިޓިޒް ޖެހުމުގެ ނުރައްކާ އޮންނަ މީހުންނެވެ.

ދިރިއުޅުން ބައްޓަން ކުރާނީ ކިހިނެއް؟

ބޭސްވެރިކަމުގެ ތެރެއިން ހަކުރު ބައްޔަށް ކުރާ ފަރުވާގެ އިތުރުން ހަކުރު ބަލީގެ ޕޭޝަންޓުންނަކީ އެމީހުންގެ އާންމު ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ބައެކެވެ. ފައިދާ ހުރި ކާނާ ކެއުމާ، ގަވައިދުން ކަސްރަތު ކުރުމުގެ އިތުރުން ކަސްރަތުގެ ތެރޭގައި ސްޓްރެންތް ޓްރެއިނިންގް ހަދައިގެން މަސްތަކުގައި ވަރު ޖެއްސުމާ، ހަށިގަނޑުގެ އިސްކޮޅާ އުމުރާ އެކަށާނަ ބަރުދަނެއްގައި ހަށިގަނޑު ބެހެއްޓުން ފަދަ ކިތަންމެ ކަމަކަށް ސަމާލުކަން ދޭންޖެހެއެވެ.

ކާބޯތަކެތީގެ ތެރެއިން ގިނަ އަދަދަކަށް ފެން އެކުލެވޭ ބައެއް މޭވާއާއި ތަރުކާރީ/ފޮޓޯ ސޯސް: ސްކިންނީމްސް

ލައިފްސްޓައިޕް ޓިޕްސް

  • އެކަށީގެންވާ ތާވަލަކަށް ބެލެންސްޑް ޑައެޓެއް ހިޔާރު ކުރުން. ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓްއާއި ފައިބަރު އެކުލެވޭ މާއްދާތައް އެމީހެއްގެ ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ބަހާލައިގެން ބޭނުން ކުރެވިދާނެއެވެ.
  • ޕްރޮޓީންސްއާއި ފައިބަރުގެ މުއްސަނދިކަން ލިބިފައިވާ ކާބޯތަކެއްޗަކީ އޭގެ ފައިދާ އިންތިހާއަށް ބޮޑު ބާވަތްތަކެކެވެ. މީގެ ތެރޭގައި އާމަންޑްސް، ތާޒާ މޭވާއާއި ތަރުކާރީ، ވޯލްނަޓް، އެކިކަހަލަ އޮށް އަދި ހޯލް ގްރެއިން ހިމެނެއެވެ.
ތާޒާ މޭވާއާއި ތަރުކާރީ މޭޒެއް/ފޮޓޯ: ގެޓީއިމޭޖަޒް
  • ކޮންމެ ދުވަހަކުވެސް ކަނޑައަޅާ ވަކި ގަޑިތަކެއްގައި ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ޓެސްޓުކޮށް ލޮގް ކުރަމުންދިއުން. އެދުވަހުގެ ކެއިންބުއިމުގައި ބޭނުންކުރި ތަކެތިވެސް ނޯޓުކޮށް، ސަމާލުވާންޖެހޭ ކަމެއް އުޅޭ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަންވާނެއެވެ.
  • ކެއިންބުއިމުގެ ޑައެޓް އެކުލަވާލަންވާނީ އެމީހެއްގެ ބަލި ހުރި މިންވަރު ވަޒަން ކުރުމަށްފަހުގައެވެ. އެންމެނަށް އެއް ޑައެޓަކުން ނުފުދޭނެއެވެ. އެހެންކަމުން ޑައެޓީޝަނެއްގެ އިރުޝާދު ހޯދުން ބުއްދިވެރިވާނެއެވެ.
  • އެކި ކަހަލަ މެޝިނަރީތައް ބޭނުންކޮށްގެން އޮމާންކޮށް ސާފުކޮށް ހިމުން ކޮށްފައި ހުންނަ ބާވަތްތަކުން ދުރުވުން އެދެވިގެންވެއެވެ. މިސާލަކަށް ހުދު ގޮދަން ފުށާ، އާންމުކޮށް ބާޒާރުން ގަންނަން ލިބެން ހުންނަ ހުދު ހަކުރު ފާހަގަކުރަންޖެއެވެ. މިއާއެކު، ސަރުބީގެ މާއްދާ ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކުންވެސް ދުރުވާންޖެހެއެވެ.
ވޭޕްކުރަން ބޭނުންކުރާ ބައެއް ސާމާނު/ފޮޓޯ: ޑަބްލިއުޕީއާރް
  • ތައްޔާރީ ލުއިބުއިތަކުން ދުރުވާން ހަނދާން ކުރަންޖެހެއެވެ. ހަކުރު އަޅާފައި ނުހުންނާނެ ކަމަށް ޕެކެޓްގެ ބޭރުގައި ޖަހާފައި ހުއްޓެއްކަމަކު މަސްނޫއީ މާއްދާތަކުން އޭގައި ފޮނި ރަހަލައްވާފައި ހުރޭ ތޯވެސް ބެލުން ބުއްދިވެރިއެވެ. އެންމެ ރަނގަޅީ، ތާޒާ ކަންމަތީ، ގޭގައި އަމިއްލައަށް ޖޫސް ފަދަ ބުއިންތައް ތައްޔާރުކުރުމެވެ. އަދި ފަނި ގިރާ އުސޫލުން ފެނާ ހަކުރު އެޅުމުގެ ބަދަލުގައި، ސީދާ މޭވާއާއި ތަރުކާރީއިން ނިކުން ދިޔަ ފެލައިގެން ޖޫސް ބޭނުން ކުރަން ސަމާލުކަން ދިނުން އެދެވިގެންވެއެވެ.
ހޯމް ކިޓަކުން ހަކުރު ޓެސްޓުކުރަނީ/ފޮޓޯ: އޭއެފްޕީ
  • ހުސްބަނޑާ ހުރެ ކަސްރަތުކޮށް ހިނގަން ދިއުމުގެ އާދަ ކަނޑުވާލަންޖެހެއެވެ. ފަތިހާ ހިނގަން ދާނަމަ ނުވަތަ ކަސްރަތަށް ނިކުންނަ ނަމަ، ކޮންމެވެސް ކަހަލަ ލުއި ކެއުމެއް ކާލައިގެން ނިކުންނާށެވެ.
  • ދުންފަތުގެ އިސްތިއުމާލު ކުރުމާ، ދުފުމާ އެފަދަ ނޭދެވޭ އާދަތަކާ ދުރުވާން ޖެހެއެވެ.

މިހުރިހާ ކަމަކަށް ސަމާލުކަން ދީގެން އުޅުނު ކަމުގައި ވީ ނަމަވެސް، ބޭސްފަރުވާއަށް ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ. އަދި ފިޒީޝަންއާއި ޑައެޓީޝަންއަށް ދައްކަންޖެހޭ މުއްދަތަށް އެ ފަރާތެއްގެ އެހީ ހޯދާ މަޝްވަރާ ކުރަންވާނެއެވެ. އެއްވެސް މީހަކީ އަމިއްލައަށް ބޭސް ބޭނުންކުރާ މީހަކަށް ވެގެން ނުވާނެއެވެ. ޑޮކްޓަރު ލިޔެދީފައިވާ މުއްދަތަށް ބޭސް ހަމަވާން ވާއިރަށް، ކަމާބެހޭ ސިއްހީ ތަޖުރިބާކާރެއްގެ އެހީއާއިއެކުގައި މެނުވީ އަލުން އެބޭސްތައް ކާން ފެށުން އެދެވިގެނެއް ނުވެއެވެ. އަދި އެކި ފަހަރު އެކި ޑޮކްޓަރުންނަށް ދެއްކުމުގެ ބަދަލުގައި އެމީހަކު ގަވައިދުން ދައްކަމުން އަންނަ ޑޮކްޓަރުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުން އެދެވިގެންވެއެވެ.