ހަށިގަނޑުގައި ހަކުރު ބަލި ހުރި ކަމުގެ އިންޒާރު ދޭ އިޝާރާތްތަކަށް ސަމާލުވެ އެކަންކަން އުނގެނި ދަސްކުރުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ހުރިހާ އާއިލާތަކަކަށް، އިންޓަނޭޝަނަލް ޑައިބީޓީޒް ފެޑަރޭޝަން (އައިޑީއެފް)އިން ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅުވައިގެން އައިޑީއެފްއިންވަނީ ޓައިޕް ޓޫ ޑައިބީޓީޒް ނުތަވަ ހަކުރު ބައްޔަށް އެ އާއިލާއެއްގެ މެމްބަރުން ހުށަހެޅިފައިވާ މިންވަރު، ކަމާބެހޭ ފަރާތްތަކުގެ އެހީގައި ދެނެގަތުމަށްވެސް ގޮވާލާފައެވެ.

އާންމު އަލާމާތްތައް ގިނަ މީހުންނަކަށް ނޭނގޭ

އެ ޖަމިއްޔާއިން 2018 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ ސާވޭއަކާ ހަވާލީ އައިޑީއެފްއިން ބުނީ، ދަރިންގެ ހަށިގަނޑުންދޭ ހަކުރު ބަލީގެ އިންޒާރުތައް ދެނެގަތުމަށް ގިނަ މައިންބަފައިން ފެއިލްވާ ކަމަށެވެ. އަދި އާއިލާގައި ހަކުރު ބަލި ހުންނަ މީހުން އުޅުނު ކަމުގައި ވިއަސް، ހަކުރު ބަލީގެ ނިޝާންތަކާ އިންޒާރުތައް ދެނެގަތުމަށް ގިނަ މީހުން ނުކުޅެދިފައިވާކަމަށްވެސް އައިޑީއެފްއިން ބުނެއެވެ.

ކޮންމެ 5 މީހަކުން 4 މީހަކީ ހަކުރު ބަލީގެ އަލާމާތްތަކާ އިންޒާރުތައް ދެނެގަތުމުގައި ތަކުލީފުތަކެއް އުފުލަންޖެހޭ މީހަކަށްވާއިރު، ކޮންމެ 3 މީހަކުން 1 އަކީ ހަކުރު ބަލީގެ އެއްވެސް ނިޝާނެއް ރެއަކާ ނުލާ މީހުން ކަމަށްވެސް އައިޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

ކަންބޮޑުވާ ދަރަޖައަށް ހޭލުންތެރިކަން ކުޑަ

ހަކުރު ބައްޔާ ބެހޭ އެންމެ އަސާސީ މައުލޫމާތުވެސް ލިބިފައި ނެތުމަކީ ހަމައެކަނި ބެލެނިވެރިންގެ މެދުގައި އޮތް މައްސަލައެއް ނޫންކަމަށާ، މުޖުތަމައުގެ ކޮންމެ ހިސާބަކަށް ބެލިކަމުގައި ވީ ނަމަވެސް، މިކަން އޮތީ މިހެން ކަމަށް އައިޑީއެފްއިން ބުނެއެވެ.

ވަކިން ހާއްސަކޮށް ޓައިޕްޓް 2 ޑައިބީޓީޒްގެ ނިޝާންތަކަކީ ވަރަށް ފަނޑު ނިޝާންތަކެއް ކަމުން، މިކަމަށް ގިނަ ފަހަރު އޮންނަނީ މާ ބޮޑު ސަމާލުކަމެއް ނުދެވިކަންވެސް އައިޑީއެފްއިން ފާހަގަކުރެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ހަކުރު ބަލި ޖެހިފައިވާ ކޮންމެ 2 މީހަކުން 1 އަކީ އެ ބައްޔަށް ޑައިގްނޯޒް ކުރެވިފައި ނުވާ، ނުވަތަ އެ ބަލި ހުރިކަން ނޭނގި ދިރިއުޅެމުންދާ މީހުން ކަމަށް އައިޑީއެފްއިން ބުނެއެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ ޓައިޕް 2 ޑައިބީޓީޒް ހުންނަ މީހުންނެވެ.

ހޯމް ކިޓަކުން ހަކުރު ޓެސްޓުކުރަނީ/ފޮޓޯ: އޭއެފްޕީ

ހަކުރު ބައްޔަކީ އެ ބައްޔަށް އެކަށީގެންވާ ފަރުވާ ނުދެވި، ދިރިއުޅުމަށް ގެންނަޖެހޭ ބަދަލުތައް ނުގެނެސްފިނަމަ ފުރާނައަށްވެސް ނުރައްކާވާ ޒާތުގެ ތަކުލީފުތަކާ ގެއްލުންތައް ކުރިމަތިކުރުވާ ބައްޔެކެވެ. އެގޮތުން ލޮލުގެ އަލިކަން ގެއްލުމާ، ގުނަވަންތައް ބުރިކޮށްލަންޖެހުމުގެ އިތުރުން ކިޑްނީ ފެއިލްވުމާ، ހާޓްއެޓޭކް އާއި ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ހާލަތްތަކަށްވެސް ބަލި މީހާ ހުށަހެޅިގެންދެއެވެ.

2017 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 4 މިލިއަން މީހުން މަރުވެ ދިޔައީ ހަކުރު ބަލީގެ ވޭނުގައި ކަމަށްވެސް އައިޑީއެފްގެ ރެކޯޑްތަކުން ދައްކައެވެ.

އައިޑީއެފްއިންވަނީ ހަކުރު ބައްޔާ ބެހޭ ގޮތުން އެމީހަކަށް އެނގޭ މިންވަރު ވަޒަންކޮށް އަމިއްލައަށް އެކަން ދެނެގަންނާނެ އޮންލައިން ކުއިޒްތަކެއްވެސް ތައާރަފުކޮށްފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވަނީ "އާއިލާއާއި ހަކުރު ބަލި" މި ޝިއާރެވެ.