އަދިވެސް އެފަދަ 2 ވަނަ ސީރީޒް އެއް ފެނިފައި ނުވާކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު އިއްތިފާގުވާ ވޯނާ ބްރޯސްގެ އެންބީސީ ޓީވީ ސީރީޒް "ފްރެންޑްސް"ގެ ރީޔުނިއަން ޝޯތަކެއް މަސައްކަތް ކުރަމުން އަންނަކަން ކަށަވަރުވެއްޖެއެވެ.

ފުރަތަމަ އެޕިސޯޑް ރިލީޒްކުރިތާ 25 އަހަރު ފުރުމުގެ ކުލަ ގަދަ މުނާސަބާ ފާހަގަކުރަމުންދާ "ފްރެންޑްސް" ޓީވީ ސީރީޒްގެ ލީޑު ރޯލުތަކުން ފެނިގެންދިޔަ 6 ތަރިންނާ ޝޯގެ ކްރިއޭޓަރުންގެ މަސައްކަތް ކުރި ޓީމުން މިހާރު ދަނީ އެޗްބީއޯ މެކްސްއާއިއެކު އެންމެ ފަހުގެ މަޝްވަރާތައް ކުރަމުން ކަމަށް، ކަމާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރުތަކަކާ ހަވާލާޑީ ހޮލީވުޑް ރިޕޯޓާއިން ވަނީ ހާމަކޮށްފައެވެ.

މިހާރު ކުރިއަށްދަނީ ތަރިންނާ ކްރިއޭޓަރުންގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކެއް ކަމަށާ، ފުރިހަމަ އެއްބަސްވުމަކާ ހިސާބަށް އާދެވޭނީ ހުރިހާ ފަންނުވެރިންގެ ޝެޑިއުލްތަކަށް ބެލުމަށްފަހުގައި ކަމަށްވެސް ޚަބަރު ލިބެއެވެ. ފަހަރެއްގައި ވާ ގޮތުން ރީޔޫނިއަން ޝޯ ކެންސަލްވުންވެސް އެކަށީގެންވާކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރިފައެވެ.

މިކަމާ ބެހޭ ގޮތުން ވޯނާބްރޯޒް ޓީވީއާއި އެޗްބީއޯ މެކްސްއިންވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.