ނޮވެމްބަރު 16 ވާ ހޮނިހިރު ދުވަހަކީ އަވަށްޓެރި ސްރީލަންކާއަށް ބޮޑު ދުވަހެކެވެ. ބޭރު ގައުމެއްގައި ދިވެހިންގެ އާބާދީ އެންމެ ބޮޑު ކޮޅުނބުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދާއިރު ގައުމު އޮތީ އިގުތިސޯދީ ހީނަރުކަމުގެ އޮއެވަރެއްގައި ޖެހިފައެވެ. ސަލާމަތީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ސިޔާސީ ފިކުރުގެ ބައިބައިވުންތައް އިންތިހާއެވެ.

ރިޔާސީ ކެންޑިޑޭޓުންނަކީ ކޮބާ؟

މިއީ ސްރީލަންކާގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް ރިޔާސީ އިންތިހާބެއްގައި ކެންޑިޑޭޓުން ވާދަކުރައްވާ ފަހަރެވެ. މިފަހަރުގެ އިންތިހާބުގައި ސިޔާސީ އެކި ފިކުރާ ކުލަތަކުން 25 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

2015 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވައިގެން ސްރީލަންކާގެ ރިޔާސަތުގައި މިހާރުވެސް ހުންނެވި މައިތްރިޕާލަ ސިރިސޭނާވަނީ 2 ވަނަ ދައުރަކަށް ވާދަ ނުކުރައްވަން ނިންމަވާފައެވެ. މިއާއެކު އެންމެ ވަރުގަދަ 2 ވާދަވެރިންގެ ލިސްޓުގައި އޮތީ މިހާރުވެސް ވެރިކަން ކުރަމުންދާ ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖީތު ޕްރޭމަދާސައާއި އިދިކޮޅު ސްރީލަންކާ ޕީޕަލްސް ފްރަންޓް (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓް ގޮތަބާޔާ ރާޖަޕަކްސައެވެ.

ގޮތަބާޔަ ރާޖަޕަކްސަ (އެސްއެލްޕީޕީ)

ގޮތަބާޔަ ރާޖަޕަކްސައަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަގެ ކޮއްކޮއެވެ. އަދި މަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާގެ ދިފާއީ ވަޒީރެވެ. ކުރިއަށް އޮތް އިންތިހާބުގައި އޭނާ ވާދަކުރައްވަނީ އެސްއެލްޕީޕީގެ ލީޑަރުގެ ހައިސިއްޔަތުން، ސަލާމަތާ އިގުތިސޯދީ އިސްލާހީ ބަދަލުތައް ގެނެސްދެއްވާނެ ކަމުގެ އެޖެންޑާއާއިއެކުގައެވެ.

ސްރީލަންކާ ޕީޕަލްސް ފްރަންޓް (އެސްއެލްޕީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގޮތަބާޔާ ރާޖަޕަކްސަ/ފޮޓޯ: އޭޕީ

ސްރީލަންކާގެ ތާރީހު ދުށް 26 އަހަރުވީ ދާހިލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްވަރު ދިފާއީ ވަޒީރު ކަމުގައި ހުންނެވި ގޮތަބާޔާއަށް ލާއިންސާނީ ޖަރީމާ ހިންގެވި ކަމުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވިއެވެ. ނަމަވެސް ސިންހަޅަ ބުދިސްޓުންގެ މެޖޯރިޓީއެއް އޮންނަ ސްރީލަންކާގައި ގޮތަބާޔާއަކީ މަގުބޫލު ޝަހްސެކެވެ.

ސަޖީތު ޕްރޭމަދާސަ (ޔޫއެންޕީ)

ސަޖީތު ޕްރޭމަދާސައަކީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަގެ ކެބިނެޓް ވަޒީރެކެވެ. މިއާއެކު ސްރީލަންކާގެ ވެރިކަން ކުރާ ޔޫއެންޕީގެ ތާއީދު އޮތީ ޕްރޭމަދާސައަށެވެ. 1993 ވަނަ އަހަރު ތަމަޅަ ހަނގުރާމަވެރިން އަވަހާރަކޮށްލި ސްރީލަންކާގެ ކުރީގެ ރައީސް ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުންނެވެ. އޭގެ ފަހުން 1994 ވަނަ އަހަރުން ފެށިގެން އެކި ދުވަސްވަރު މަތިން ސްރީލަންކާގެ ސިޔާސީ މަސްރަހުން ޕްރޭމަދާސަ ވަނީ ފެނިގެންގޮސްފައެވެ.

ސްރީލަންކާގެ ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ސަޖީތު ޕްރޭމަދާސަ (މ) ރެލީއެއްގައި ވާހަކަފުޅުދައްކަވަނީ/ފޮޓޯ: އޭޕީ

ޕްރޭމަދާސައަށް ވިކްރަމަސިންހަގެ ތާއީދު އޮތް ނަމަވެސް މި 2 ބޭފުޅުންކީ ހުރިހާ ކަމެއްގައި އެއްގަލަކަށް އަރާވަޑައިގަންނަވާ ބައެއް ނޫނެވެ.

އިގުތިސޯދީ އިސްލާހީ ބަދަލުތަކެއް ގެނެސްދެއްވުމަކީ ޕްރޭމަދާސަގެވެސް ރިޔާސީ ވައުދަކަށްވާއިރު، އިންތިހާބު ކާމިޔާބު ކުރެއްވުމަށް އޭނާ ބަރޯސާވަނީ ސްރީލަންކާގެ އާބާދީގެ ނިސްބަތުން ބައި މަދު ތަމަޅައިންނާ މުސްލިމު އާބާދީގެ ތާއީދަށެވެ. ތަމަޅައިންގެ މުސްލިމުންގެ އާބާދީ އެއްކޮށްލުމުންވެސް ލިބެނީ ސްރީލަންކާގެ 21 މިލިއަން މީހުންގެ އާބާދީގެ އެންމެ 20 ޕަސެންޓްއެވެ.

އާ ރައީސަށް ހުރި ގޮންޖެހުންތަކަކީ ކޮބާ؟

ސަލާމަތީ ކަންކަން

ނިމިގެން މިދާ 2019 ވަނަ އަހަރަކީ 26 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް އައި ފަހުން ސްރީލަންކާ ދުށް އެންމެ ހިތްދަތި އަހަރެވެ. އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގައި 269 މީހެއްގެ ފުރާނަ ގެއްލި 400 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބުނެވެ. މިއާއެކު އިންތިހާ ނުތަނަވަސްކަމުގެ ތެރެއަށް ގައުމު ވެއްޓުނެވެ.

ސްރީލަންކާގެ ކިނިޔާމާގައި ހުންނަ އަބްރާރް މިސްކިތަށް ގެއްލުންދީ ސުންނާފަތިކޮށްލާފައި/ފޮޓޯ: ރޮއިޓާޒް

އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ސްރީލަންކާގެ ސަރުކާރަށެވެ. މިހާތަނަށް ހިންގި ތަހުގީގުތަކަށް ބަލާއިރު ސަރުކާރުގެ ހުރިހާ ފަންތިއެއްގައި ފެއިލްވި ކަންތައްތަކެއް އެބަހުއްޓެވެ. ރައީސްއާއި ބޮޑު ވަޒީރާ ހިސާބުން ފެށިގެން ގޮސް ޖާސޫސީ އޮފިޝަލުންގެ އިސްވެރިންގެ ފެންވަރުގައިވެސްމެއެވެ.

އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކާ ހިސާބުން މަސްރަހު އާންމު ހާލަތަށް އައިކީ ނޫނެވެ. މުސްލިމުންނާ ދެކޮޅަށް ބުދިސްޓުން ނިކުމެ ވަރުގަދަ ޖަރީމާތަކެއްވެސް ހިންގިއެވެ. އަދިވެސް މުޅިން ހަމަޖެހުން އައިސްފައި ނުވެއެވެ.

ހޮނިހިރު ދުވަހުގެ އިންތިހާބަށް ސްރީލަންކާގެ ރައްޔިތުން ނިކުންނައިރު މި ހުރިހާ ކަމަކަށް ވިސްނާނެއެވެ. އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ވޯޓު ދިނުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ސިޔާސީ ފިކުރުގެ ތަފާތުތަކާއެކު ދީނީ ހިޔާލު ތަފާތުވުންތައްވެސް އޮތީ އިންތިހާއަށެވެ.

އިގުތިސޯދު

އޭޕްރިލް މަހުގެ ޓެރަރިސްޓް ހަމަލާއާއި ހިސާބަށް އައިއިރުވެސް ސްރީލަންކާ އޮތީ އިންތިހާ ދަރަނިވެރިކަމާ މަޑުޖެހިފައިވާ އިގުތިސޯދީ ކުރިއެރުމުގެ ސަބަބުން ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މިފަދަ ހާލެއްގައި ގައުމު އޮއްވާ ކުރިމަތިވި ނާމާން ކަމާއެކު ފަތުރުވެރިކަމުގެ ސިނާއަތް އިނދަޖެހުނެވެ.

ސްރީލަންކާގެ މަގެއްގެ މަތީގައި ޖަހާފައިވާ ބެރިކޭޑެއްގެ ކައިރީގައި މުސްލިމު އަންހެނަކު ހުއްޓިލައިގެން ހުރިއިރު ސަލާމަތީ ބާރުތަކުން ފޯރި މަރަނީ/ފޮޓޯ: ޓޮރޯންޓޯ ސްޓާ

ހޮނިހިރު ދުވަހުގެ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ ތެރެއިން ގައުމުގެ ހުންގާނާ ހަވާލުވެވަޑައިގަންނަވާ ލީޑަރަކަށް އޮތް ޒިންމާ ބޮޑެވެ. ބޭރުގެ ގައުމުތަކަށް ދަރާފައިވާ ދަރަނީގެ އަގު 34.4 ބިލިއަން ޑޮލަރަށް އަރާފައިވާ ގައުމެއްގެ އިގުތިސޯދު ނެގެހެއްޓެވުމަށް އާ ރައީސް ކުރައްވަންޖެހިވަޑައިގަންނަވާނީ އިންތިހާއަށް ބުރަ މަސައްކަތްޕުޅެކެވެ. މި ދަރަނީގެ ބޮޑު ބަޔަކީ ރާޖަޕަކްސަގެ ސަރުކާރުގެ ދުވަސްވަރުން ވާރުތަވި ދަރަންޏެއް ކަމަކު، މިއީ ސްރީލަންކާގެ އަދުގެ ސަރުކާރަށްވެސް އަމާޒުވާ އެންމެ ބޮޑު ފާޑުކިއުމެވެ.

ސިޔާސީ ކޯޅުން

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސްރީލަންކާގެ ސިޔާސީ މަސްރަހު ފެނުނު ކޯޅުންގަނޑު އަނެއްކާވެސް ތަކުރާރުވުމުގެ ފުރުސަތު އެބައޮތެވެ. ރިޔާސީ ރޭހުގެ އެންމެ ކުރީގައި އޮތީ ގޮތަބާޔާއާއި ޕްރޭމަދާސަ ކަމަށްވާއިރު، މިތަނުން ގޮތަބާޔަ ރާޖަޕަކްސަށް ކުރި ލިބިވަޑައިގެންފިނަމަ އަވަސް އިންތިހާބަކަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެނީ، ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ޔޫއެންޕީއަށް އޮތުމެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ (ވ) އަދި ރައީސް މައިތްރިޕާލަ ސިރިސޭނާ/ފޮޓޯ: އޭޝިއާ ނިއުސް

ޕްރޭމަދާސައަށް ވެރިކަން ލިބިވަޑައިގަތެއް ކަމަކުވެސް ހައްލެއް ނެތެވެ. ވިކްރަމަސިންހައާއި ޕްރޭމަދާސައަކީވެސް އިންތިހާއަށް ހިޔާލު ތަފާތު ދެބޭފުޅުން ކަމުން ބޮޑުވަޒީރާ ރައީސްގެ ކޯޅެއް އަނެއްކާވެސް ފެނުން އޮތީ މާ ދުރުގައެއް ނޫނެވެ.

ސްރީލަންކާގެ ސަރުކާރު މަސައްކަތް ކުރަނީ ކިހިނެއް؟

ސްރީލަންކާގެ ސަރުކާރު ހިންގަމުންދަނީ ބާރުތައް ހިއްސާކުރާ ސަރުކާރެއްގެ ގޮތުގައެވެ. ރިޔާސީ ބާރުގެ ބޮޑު ކޮންޓްރޯލެއް އޮންނަނީ ރައީސްއަށެވެ. ނަމަވެސް މި ބާރުތައް ބޮޑުވަޒީރާ ހިއްސާކުރައްވަން ޖެހިވަޑައިގަންނަވައެވެ. ބޮޑުވަޒީރު އައްޔަން ކުރައްވާނީ ރައީސްއެވެ. ނަމަވެސް ގައުމު ހިންގާ ވަޒީރުންގެ މަޖިލީސް އައްޔަންކުރައްވާނީ ބޮޑުވަޒީރެވެ.

ރައީސްއަކީ 5 އަހަރު ދުވަހުގެ ދައުރަކަށް އިންތިހާބު ކުރެވޭ ބޭފުޅެއް ނަމަވެސް، މަޖިލީހުގެ 3 ބައިކުޅަ 2 ބައިގެ ތާއީދާއެކު ރައީސް އަޒުލުކުރެވެއެވެ. އަދި މިކަމަށް ސުޕްރީމް ކޯޓުގެ ރުހުންވެސް ބޭނުންވެއެވެ.

ސްރީލަންކާއަށް މީގެ ކުރިން ކުރި ގަދަ ވިއްސާރާގައި ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރަނީ/ފައިލް ފޮޓޯ: ކަރަމޫދީ ސްރީލަންކާ

ގާނޫނު ހަދާ މަޖިލީސް އެކުލަވާލެވިފައި އޮންނަނީ 1 ގޭގެ މައްޗަށެވެ. 225 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ 196 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރަނީ ދާއިރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އާންމު އިންތިހާބުގެ ވޯޓެއްގެ ތެރެއިންނެވެ. ބާކީ އޮތް 29 ގޮނޑިއަށް މެމްބަރުން ކަނޑައަޅަނީ އާންމު އިންތިހާބުގައި ލިބުނު ނަތީޖާގެ ރަމްޒުތަކަށް ބަލައިގެންނެވެ.

ބޮޑުވަޒީރާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނެވެ. ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހު ބުނާ ގޮތުގައި، ބޮޑުވަޒީރާ ވަޒީރުންގެ މަޖިލީހުން މެމްބަރުން ވަކިކުރުމުގެ ބާރެއް ރިޔާސަތަކަށް ނޯވެއެވެ. ބޮޑު ވަޒީރާ ވަޒީރުންގެ މަޖިލިސްވެސް ޖަވާބުދާރީ ވެވަޑައިގަންނަން ޖެހެނީ ގާނޫނު ހަދާ މަޖިލީހަށެވެ.

ރިޔާސީ އިންތިހާބު ރޭވިފައި އޮތީ ކިހިނެއް؟

ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ ރެކޯޑްތައް ދައްކާ ގޮތުގައި ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދަފުތަރުގައި 15.9 މިލިއަން މީހުން އެބަތިއްބެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމަށް ހަމަޖެހިފައިވާ ވޯޓުދޭ މީހާ ހިޔާރު ކުރާ 1 ނަންބަރު ކެންޑިޑޭޓާ 2 ނަންބަރު ކެންޑިޑޭޓުވެސް ފާހަގަކުރާ އުސޫލުންނެވެ. އެއްވެސް ކެންޑިޑޭޓަކަށް 1 ނަންބަރު ކެންޑީޑޭޓުގެ ގޮތުގައި 50 ޕަސެންޓް ލިބިވަޑައިނުގެންނެވިނަމަ 2 ނަންބަރު ކެންޑިޑޭޓުގެ ގޮތުގައި އެ ކެންޑިޑޭޓުންނަށް ލިބިވަޑައިގެންފައިވާ ވޯޓުތައް އެއްކޮށް ޖުމުލަ އަދަދެއް ނެރެވެއެވެ.

16 ވަނަ ދުވަހުގެ އިންތިހާބަށް ފަހު ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ. 50 ޕަސެންޓް ހަމަ ނުވެ، 2 ނަންބަރަށް ލިބުނު ވޯޓު އެއްކުރަންޖެހިއްޖެ ހިނދެއްގައި ނަތީޖާ އިއުލާންކުރުން އޮންނާނީ 18 ވަނަ ދުވަހުއެވެ. ނަމަވެސް ސްރީލަންކާގެ ތާރީހުގައިވެސް 2 ނަންބަރު ކެންޑިޑޭޓުގެ އަދަދު އެއްކުރަން ޖެހިފައެއް ނުވެއެވެ.