އިންޑިއާގެ އެއްގަމު ސަރަހައްދުގައި އޮންނަ އެންމެ ބޮޑު ލޮނުފެނުގެ ކޯރާވީ ހިސާބުގައި 1000 އަށްވުރެ ގިނަ ދޫނި މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަން ފަށައިފިއެވެ.

ސަމްބާރު ލޭކު ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު ދޫނިތަކަކީ، ދޫނި އާއިލާގެ 10 ވަރަކަށް ބާވަތުގެ ދޫނި ކަމަށް ޚަބަރު ލިބެއެވެ. މަރުވެފައި ދޫނިތަކުގެ ތެރޭގައި ކޮންމެ އަހަރަކުވެސް މި ދުވަސްވަރު އެ ލޭކު ހިމެނޭ ސަރަހައްދަށް ހިޖުރަކުރާ ދޫނި އާއިލާތަކަށް ނިސްބަވްތާ ދޫނިތަކެއްވެސް ހިމެނޭ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ސަމްބާރު ލޭކު ސަރަހައްދުގައި މަރުވެފައިވާ ދޫނިތައް ގުނުމުގެ މަސައްކަތް ކުރަނީ/ފޮޓޯ: ވިކާސް ޗޯދްރީ

ސަމްބާރު ލޭކު ސަރަހައްދުގައި އުދެހެމުންދަނިކޮށް ވެއްޓުނު 25 އަކަށް ދޫނި އަދިވެސް މަރުނުވެ އެބައޮތް ކަމަށާ، އެ ދޫނި ތަކަށް މިހާރުވެސް ފަރުވާ ދެމުން އަންނަ ކަމަށް އިންޑިއާގެ ސީނިއާ ފޮރެސްޓް އޮފިޝަލް ސަންޖޭ ކައުޝީކް ވަނީ ވިދާޅުވެފައެވެ.

ސަމްބާރު ލޭކު ސަރަހައްދުގައި ގިނަ އަދަދެއްގެ ދޫނިތަކެއް މަރުވެފައިވާ މައްސަލަ، ކަމާ ބެހޭ ފަރާތްތަކަށް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އެ ސަރަހައްދުގައި އުޅުނު ފަތުރުވެރިންތަކެކެވެ.

އިންޑިއާގެ ސަމްބާރު ލޭކު ސަރަހައްދުގައި މަރުވެފައިވާ ދޫނިތައް/ފޮޓޯ: ވިކާސް ޗޯދްރީ

ދޫނީގެ ހަރަކާތްތައް ބެލުމަށް ހަރަކާތްތެރިވާ އިންޑިއާގެ ފަރާތްތަކުން ބުނި ގޮތުގައި، އެމީހުންގެ އުމުރުގައިވެސް އެފަދަ ކަމެއް ދެކިފައެއް ނުވެއެވެ.

މަރުވެފައިވާ ދޫނިތައް ގުނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މަރުވި ދޫނިތަކުގެ އަދަދު 5000 އަށް އެރުން އެކަށީގެންވާކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފޮރެސްޓް އޮފިޝަލު ރަޖޭންދްރާ ޖަހާރު ވިދާޅުވި ގޮތުގައި މި ދޫނިތައް މަރުވެފައިވަނީ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މި ސަރަހައްދަށް އައީ ގަނޑުފެނުގެ ވިއްސާރައިގެ ތޫފާނުގައި ކަމަށްވުން އެކަށީގެންވެއެވެ. މީގެ އިތުރުން މި ދޫނިތައް މަރުވީ ކޯރުގައި ވިހަ މާއްދައެއް އެކުލެވިގެން ތޯ ނުވަތަ ނޫންތޯވެސް ބަލާނެ ކަމަށް، ކަމާ ބެހޭ އޮފިޝަލުން ވަނީ ހާމަކުރައްވާފައެވެ.