އިންޑިއާގެ 6 ވަނަ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަކޮށްލުމުގެ ކުށުގައި ހައްޔަރުކޮށްފައި ހުރި ޕެރާރިވާލަން، މިއަދުގެ ވަގުތެއްގައި މިނިވަން ކުރާނެ ކަމަށް އިންޑިއާގެ ސެންޓްރަލް ޕްރިޒަން ވެއްލޫރުން ހާމަކޮށްފިއެވެ.

ޚަބަރު ލިބޭ ގޮތުގައި ޕެރާރިވާލަން ޖަލު ބަންދުން މިއަދު މިނިވަން ކުރަނީ ކަފާލާތުގެ ދަށުން، ވަގުތީ މުއްދަތަކަށެވެ. އޭނާ މިނިވަންކުރަނީ، އޭނާގެ ބައްޕަގެ ސިއްހީ ހާލު މާ ބޮޑަށް ދެރަވުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއީ ޕެރޯލްގެ ދަށުން ޕެރާރިވާލަން މިނިވަން ކުރާ 2 ވަނަ ފަހަރެވެ. އެގޮތުން 2017 ވަނަ އަހަރުވެސް ޕެރޯލްގެ ދަށުން 30 ދުވަހުގެ މުއްދަތަކަށް ޕެރާރިވާލަން ވަނީ މިނިވަންކޮށްފައެވެ. އަދި އޭނާގެ މަންމަގެ އެދުމުގެ މަތިން އިތުރު 30 ދުވަހުގެ މުހުލަތެއް އެފަހަރު ޕެރާރިވާލަންއަށް ދީފައިވެއެވެ.

1991 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރަޖީވް ގާންދީއަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ހާދިސާއާއި ގުޅިގެން ޕެރާރިވާލަންއާއި އިތުރު 6 މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ ތަންފީޒުކުރަމުން އެބަދެއެވެ.

ޓެމިލް ނާޑޫ ސްޓޭޓްގައި ކުރިއަށްދިޔަ ރެލީއެއްގެ ތެރެއިން ރަޖީވް ގާންދީ އަވަހާރަކޮށްލާފައިވަނީ، ލިބަރޭޝަން އޮފް ޓެމިލް ޓައިގާޒް އީލާމް (އެލްޓީޓީއީ)ގެ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެދިން ބޮމުގެ ހަމަލާއެއްގައެވެ. މި ހަމަލާގައި އިތުރު 14 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އިންޑިއާ ދުށް އެންމެ ހަގު ބޮޑުވަޒީރުގެ ގޮތުގައި އިންޑިއާގެ ވެރިކަމާ 1984 ވަނަ އަހަރު ރަޖީވް ގާންދީ ހަވާލުވެވަޑައިގަތީ، ބަޔަކު ދިން ހަމަލާއެއްގައި މަންމާފުޅު އަދި ބޮޑުވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލުމާއެކުގައެވެ.