އަންނަ ހޮނިހިރު ދުވަހު ސްރީލަންކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި ކޮންމެ ބޭފުޅަކަށް ކާމިޔާބު ލިބިވަޑައިގެންނެވި ކަމުގައި ވީ ނަމަވެސް، އެގައުމުގެ މާޒީގައި ހިންގާފައިވާ އަދި ކުރިއަށް އޮތް ތަނުގައި ހިންގާނެ ކުށްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯއްދަވާ ދެއްވުމުގައި، އެ ބޭފުޅަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު)އިން ބުނެފިއެވެ.

އެޗްއާރްޑަބްލިއުގެ އޭޝިއާ ޑައިރެކްޓާ މީނާކްޝީ ގަންގޫލީ ވިދާޅުވީ، ސްރީލަންކާގެ މައްޗަށް މަތިކޮށްފައިވާ އިންސާނީ ހައްގުތަކުގެ ޒިންމާތަކާ ވާޖިބުތައް ކަށަވަރު ކުރުމަށް އެގައުމުގެ ކޮނޑުގައި އެޅިފައިވާ މައްސޫލިއްޔަތު އަދާކުރެއްވުމަށް ދާހިލީ ގޮތުންނާ ބައިނަލްއަގުވާމީ ގޮތުން، ސްރީލަންކާގެ އާ ރައީސްއަކަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް ފާރަވެރިވާނެ ކަމަށެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ފޯރި މަރަނީ/ފޮޓޯ: އޭއެފްޕީ

މި ގޮތުން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިގެންދާނީ ސްރީލަންކާގެ މާޒީ ދުށް އެންމެ ހިތްދަތި ދުވަސްވަރު ކަމުގައިވި އެގައުމުގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖާރީމާތަކުގެ ޝިކާރައަކަށްވީ ފަރާތްތަކަށް އިންސާފު ހޯދާދިނުމުގެ މަސައްކަތްތައް ކަމަށްވެސް އެޗްއާރްޑަބްލިއުގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި ސްރީލަންކާގައި އެކުލަވާލާފައި އޮންނަ ގާނޫނުގައިވެސް މައްސަލަތަކެއް ހުރިކަން އެޗްއާރްޑަބްލިއުގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ. މި ގާނޫނަކީ، ގާނޫނީ އިމުން ބޭރުން މީހުން ހައްޔަރުކޮށް ލާއިންސާނީ އަނިޔާ ދިނުމަށް މަގުފަހިކޮށްދޭ ގާނޫނެއް ކަމަށްވާއިރު، މި ގާނޫނު އަދިވެސް އިސްލާހުކޮށްފައި ނުވާކަން ގަންގޫލީ ވަނީ ފާހަގަކުރައްވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަކީ ސްރީލަންކާގެ ރިޔާސީ ވެރިކަމުގެ ތާރީހުގައިވެސް އެންމެ ދިގު ވޯޓު ކަރުދާސްކޮޅު ބޭނުން ކުރާ ފަހަރެވެ. މައުލޫމާތު ލިބޭ ގޮތުގައި އިންތިހާބުގައި ފާހަގަ ޖެހުމަށް ބޭނުން ކުރާ ވޯޓު ކަރުދާސްކޮޅުގެ ދިގު މިނުގައި ގާތްގަނޑަކަށް 2 ފޫޓު ހުންނާނެއެވެ. އެގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މިފަހަރުގެ އިންތިހާބުގައި 35 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

ނޮވެމްބަރު 16 ވަނަ ދުވަހު ސްރީލަންކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ބޭނުންކުރާ ވޯޓު ފޮށި ދައްކާލަނީ/ފޮޓޯ: އޭޕީ

ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ ޗެއާމަން މަހިންދާ ދޭޝަޕްރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ނޮވެމްބަރު 17 ވަނަ ދުވަހު އިއުލާން ކުރެވޭނެ ކަމަށެވެ. އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ކަށަވަރުނުކުރެވިއްޖެ ނަމަ އާ ރައީސްގެ ނަން އިއްވުން އޮންނާނީ ފަހުގެ ތާރީހެއްގައި ކަމަށްވެސް ދޭޝްޕްރިޔާ ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ހާއްސަކޮށްގެން ސްރީލަންކާގެ އެކި ހިސާބުތަކުގައި 45000 ޕޯލިންގް ބޫތު ބަހައްޓާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކޮންމެ 400 މީހަކަށް ބޫތެއްގެ މަގުންނެވެ. މީގެ ކުރީ އިންތިހާބުތަކުގައި ކޮންމެ ބޫތަކަށް 800 މީހުންވެސް ވަނީ ވޯޓުލާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، މިހާރުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވާދައެއް ނުކުރައްވައެވެ. އެހެންކަމުން އާ ރައީސަކު އިއުލާން ކުރެވޭ ހިސާބުން ސިރިސޭނާގެ ދައުރު ނިމުމަކަށް އަންނާނެއެވެ.