މީޑިއާތަކުން ތެދު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މިއަދު މާލެއިން ރިޕޯޓުކުރި މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މިފަދަ ހާދިސާތަކުގެ ވާހަކަތައް ނޫސްތަކުން އަމިއްލައަށް ހޯދާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރިޕޯޓުކުރާ ހާލާތްތަކުގައި ވެސް އެކި ފަރާތްތައް "ރީ-ވިކްޓިމައިޒް" ނުވާ ގޮތަށް ޒިންމާދާރު ކަމާއެކު ރިޕޯޓު ކުރުމަށް ސަމާލުކަން ދިނުމަށެވެ. އަދި ފުލުހުން މިފަދަ މައުލޫމާތުތައް ހާމަ ނުކުރަނީ މިގޮތަށް އާންމު ކުރެވޭ މައުލޫމާތުގެ ސަބަބުން މިފަދަ ކަންކަން އިތުރުވުން މެދުވެރިވިޔަ ނުދިނުމުގެ ގޮތުންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ، މިއަދު މާލޭގައި ކުޑަކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން މީޑިއާއަކުން އެ ހަބަރު ރިޕޯޓުކޮށްފައި ވާ ގޮތަށް އިޝާރާތް ކުރަމުންނެވެ. އެ ހަބަރުގައި ބުނެފައި ވަނީ އެ ކުއްޖާގެ މަރަކީ މީހަކު ކުރުވިކަމެއް ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓެއް، މަރުވެފައިވާ ކުއްޖާގެ ހަށިގަނޑު ބެލުމަށް ފަހު، އެކުއްޖާއަށް ބޭރުފުށުން އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިވާ ކަމަށް ޝައްކު ކުރެވޭ ފަދަ ކަމެއް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. އަދި ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން މި ހާދިސާގައި އެހެން ފަރާތެެއްގެ އަމަލެއް އެކުލެވޭ ކަމަށް ޝައްކު ކުރެވޭކަމަށް ވެސް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން، އެ މަރުގެ މައްސަލައިގައި އެއްވެސް މީޑިއާ އަކާ އާއިލާއިން މައުލޫމާތު ހިއްސާފައި ނުވާ ކަމަށާއި، އެ މަރުގައި އެއްވެސް ޝައްކެއް އުފެދިފައި ނުވާކަމަށް އާއިލާއިން ބުނެފައި ވާކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން ހަބަރު ފަތުރާއިރު އާއިލާ މީހެއް ކަމަށް ބުނާ ފަރާތްތައް ވެރިފައި ކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ބުނެއެވެ.