މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ އޯޑިއަންސްއިން ވޯޓުދީގެން ހޮވާ އަހަރުގެ އެންމެ ޝަރަފުވެރި އެވޯޑްތަކަށް ހާއްސަކޮށްގެން ދެމުން އަންނަ ދަ ޕީޕަލްސް ޗޮއިސް އެވޯޑްގެ 45 ވަނަ އެވޯޑް ހަފުލާ ބާއްވައިފިއެވެ.
2017 ވަނަ އަހަރުން ފެށިގެން "އީ! ޕީޕަލްސް ޗޮއިސް އެވޯޑްސް"ގެ ނަމުގައި ބާއްވަމުން އަންނަ މި އެވޯޑް ހަފުލާގައި ޝަރަފުވެރި މަގާމުތައް ހޯދި ބައެއް ތަރިންނާ ފިލްމާ ސީރީޒްތަކަށް ބަލާއިރު، ޕީޕަލްސް ޗެމްޕިއަން އެވޯޑް ގެންދިޔައީ ޕިންކްއެވެ. ފެޝަން އައިކަން އެވޯޑް ގްވެން ސްޓެފާނީ ގެންދިޔައިރު ޕީޕަލްސް އައިކަން 2018ގެ އެވޯޑް ގެންދިޔައީ އިތުރު ތައާރަފަކަށް ބޭނުން ނުވާ ޖެނިފާ އެނިސްޓަންއެވެ.
ޕީޕަލްސް ޗޮއިސް މޫވީ އޮފް 2019ގެ އެވޯޑް ގެންދިޔައީ "އެވެންޖާޒް: އެންޑްގޭމް" ކަމަށްވާއިރު، ކޮމެޑީ މޫވީ 2019ގެ އެވޯޑް ގެންދިޔައީ "މާޑާ މިސްޓްރީ"އެވެ. ޕީޕަލްސް ޗޮއިސް ފެމިލީ މޫވީ އެވޯޑް 2019 ގެންދިޔައީ "އެލާޑިން" ކަމަށްވާއިރު، އެކްޝަން މޫވީ 2019ގެ އެވޯޑްވެސް ގެންދިޔައީ "އެވެންޖާ: އެންޑްގޭމް"ކަން ފާހަގަކޮށްލެވެއެވެ.
ވަކިވަކި ތަރިންނަށް ބަލާއިރު މޭލް މޫވީ ސްޓާ އޮފް 2019ގެ އެވޯޑް ގެންދިޔައީ ފިލްމް "އެވެންޖާ: އެންޑްގޭމް" އިން ރޮބާޓް ޑައުނީ ޖޫނިއާއެވެ. ފީމޭލް މޫވީ ސްޓާ އޮފް 2019ގެ އެވޯޑް ގެންދިޔައީ "ސްޕައިޑާ-މޭން: ފާ ފްރޮމް ހޯމް" އިން ޒެންޑާޔާއެވެ.
ޓީވީ ޝޯތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ އެންމެ ކާމިޔާބު ޝޯއެއް ކަމަށް ބެލުންތެރިން ވޯޓު ދީފައިވަނީ ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓީވީ ސީރީޒް "ސްޓްރޭންޖާ ދިންގްސް"އެވެ. "ސްޓްރޭންޖާ ދިންގްސް"އިން މި އެވޯޑް ގެންދިޔައީ "ގޭމް އޮފް ތްރޯންސް"އާއި "ގްރޭޒް އެނާޓޮމީ" ފަދަ މަޝްހޫރު ސީޒީޒްތަކަކާ ވާދަކޮށްގެންނެވެ.
ކޮމެޑީ ޝޯ 2019ގެ އެވޯޑް "ދަ ބިގް ބޭންގް ތިއަރީ"އިން ގެންދިޔައިރު، ރިއާލިޓީ ޝޯގެ އެވޯޑް ގެންދިޔައީ "ކީޕިންގް އަޕް ވިތް ދަ ކަޑޭޝާންސް"އިންނެވެ. އަދި މި ޝޯއިން ކްލީއީ ކަޑޭޝަންވަނީ ރިއާލިޓީ ސްޓާ އޮފް 2019ގެ އެވޯޑްވެސް ހާސިލުކޮށްފައެވެ.