މި ދުވަސްވަރަކީ އިންޑިއާގެ ބާޒާރުތަކަށް ފިޔާގެ ސަޕްލައި އެކަށީގެންވާ ގޮތެއްގައި ނުލިބި ތާށިކަމެއް ކުރިމަތިވެފައިވާ ދުވަސްވަރަކަށް ވީ ކަމުގައި ވީ ނަމަވެސް، ކުރިއެކޭ އެއްވަރަށް ދިވެހިރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރަމުން ދާނެ ކަން އިންޑިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް އަންގާފައިވާނެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން އާންމުކުރި ރިޕޯޓެއްގައި، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ މިޝަންއިން ކުރި ޓްވީޓަކާ ހަވާލާދީ ބުނެފައިވަނީ، އިންޑިއާގެ ބާޒާރުގައި ފިޔާގެ ސަޕްލައި ދަށްވިތަން ފޫ ބެއްދުމަށް 100000 ޓަނުގެ ފިޔާ އިންޑިއާއަށް އިމްޕޯޓް ކުރަންޖެހި، އިންޑިއާގެ ބާޒާރުގެ ފިޔާގެ އަގުތައް އުފުލެމުންދިޔަ ކަމުގައި ވީ ނަމަވެސް، ކުރިއެކޭވެސް އެއްގޮތަށް އިންޑިއާއިން ދިވެހިރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރަމުންދާނެ ކަމަށެވެ.

އިންޑިއާގެ ފިޔާގެ ބާޒާރަށް ކުރިމަތިވެފައިވާ ދަތިތަކާއެކު އެގައުމުން ދަނީ ފިޔާ އިމްޕޯޓް ކުރަމުންނެވެ. އިންޑިއާއަށް ފިޔާ އިމްޕޯޓްކުރަނީ އަފްގާނިސްތާނު، ތުރުކީވިލާތް، އީރާން އަދި މިސްރުން ކަމަށްވެސް ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްގައިވެއެވެ.