ވޭޕް ކުރުން ނުވަތަ އީ-ސިނގިރޭޓުގެ އިސްތިއުމާލު ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅުމުގެ މަސައްކަތް އެމެރިކާއިން ކުރަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވޭޕްކުރުމުގެ ހުއްދަ އޮންނަ އެންމެ ހަގު އުމުރަކީ، 21 އަހަރު ފުރިފައިވުން ކަމުގައި މިއަހަފުތާ ތެރޭގައި ކަނޑައެޅިގެންދާނެއެވެ.

އެމެރިކާއިން މިފަދަ ނިންމުމެއް ނިންމަން މަސައްކަތްކުރަމުންދާ މި ދަނޑިވަޅަކީ، ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެއަށް ނުރައްކާތެރި ބައްޔެއް ޖެހި، ގިނަ އަދަދެއްގެ ޒުވާނުންތަކެއް މި ދުނިޔެ ދޫކުރަމުންދާ ދަނޑިވަޅެކެވެ.

ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެއަށް ނުރައްކާތެރި ބައްޔެއް ޖެހޭ މައިގަނޑު އެއް ސަބަބު މިހާރު ވަނީ ދެނެގަނެވިފައެވެ. އެގޮތުން ވޭޕްކުރުމަށް ބޭނުންކުރާ މާއްދާއަށް އޮލަކަން ގެނެސްދިނުމަށް ބޭނުންކލޮށްފައިވާ ވިޓަމިން އީ އެސެޓޭޓްގެ އަސަރު، ގިނަ ޕޭޝަންޓުންތަކެއްގެ ފުއްޕާމެއިން ފެނިފައިވާކަމަށް، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ވިޓަމިން އީ އެސެޓޭޓްއަކީ ހޫނުކުރުމުން އާތްވަށް ބަދަލުވާ މާއްދައެކެވެ. އަދި ހަށިގަނޑުގެ ތެރެއަށް މިމާއްދާ އެތެރެވެ، ފުއްޕާމެއާ ހިސާބަށް ދިއުމުން، ފުއްޕާމޭގެ ގުނަވަނުގައި ތެޔޮކަންގަދަ އޮލަ މާއްދާއަކަށް އެ ބަދަލުކޮށްލައެވެ. ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަނީ މިކަމުގެ ސަބަބުން ކަމަށް، މިރޮނގުން ދިރާސާކުރަމުންދާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ސިނގިރޭޓްގެ ބަދަލުގައި ގިނަ ބަޔަކު އެ އަވާގައި ޖެހުނު ވޭޕްގެ ޝިކާރައަކަށްވެފައިވާ ޒުވާނުން ދިވެހިރާއްޖޭގައިވެސް މަދެއް ނޫނެވެ. ވޭޕް ކުރުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން އަދި މަނާކޮށްފައި އޮތް ކަމަކަށް ނުވި ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ ވޭޕް ކުރުން މަނާކޮށްފައެވެ.