ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދުނު ބާރުގަދަ ތޫފާން ބުލްބުލް، އިންޑިއާއާއި ބަންގްލަދޭޝްއަށް އަރާފައިވާއިރު، މި ތޫފާނާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މި 2 ގައުމުން މަރުވި މީހުންގެ އަދަދު 13 އަށް އަރާފައިވާކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވީ، ތޫފާން ބުލްބުލްގެ އިންޒާރާއެކު ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ދުރާލާ ފެށުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ބައެއްގެ ސަލާމަތް ކުރެވިފައި ވާ ކަމަށެވެ.

ބަންގްލަދޭޝްއިން މަރުވި 6 މީހުންގެ ތެރެއިން 5 މީހުން މަރުވީ ގަސްތަކެއް ވެއްޓިގެން ކަމަށާ، އޭގެ ތެރޭގައި ވަގުތީ ހިޔަލުގައި މަޑުކުރުމަށްފަހު އެނބުރި އަމިއްލަ ގެއަށް ބަދަލުވާންދިޔަ އުމުރުން 52 އަހަރުގެ މީހަކުވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ. އޭނާ މަރުވީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ މައްޗަށް ގަހެއް ވެއްޓިގެން ހިނގި ހާދިސާގައި ކަމަށް މައުލޫމާތު ލިބެއެވެ.

60 އަހަރުގެ މަސްވެރިއަކުވެސް މަރުވެފައިވާ ކަމަށާ، އެމީހާއަކީވެސް ރައްކާތެރި ހިސާބަކަށް ބަދަލުވާން އިންކާރު ކުރި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތްއިރު މަހަށް ނިކުތް 2 ބޯޓަކަށް ވީ ގޮތެއް އަދިވެސް އެނގިފައި ނުވާކަމަށާ، އެ ބޯޓުތަކުގައި ތިބި މީހުންގެ އަދަދު 30 އަށްވުރެ މައްޗަށް އަރާ ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.

ބަންގްލަދޭޝްއަކީ އަވަށްޓެރި މިޔަންމާއިން ހިޖުރަކުރި އެތައް ސަތޭކަ ހާސް ރެފިއުޖީންނަކަށް ހިޔާވަހިކަން ފޯރުކޮށްދެމުންދާ ގައުމަކެވެ. ނަމަވެސް ތޫފާން ބުލްބުލްގެ ސަބަބުން މިސަރަހައްދުތަކަށް ލިބުނު ގެއްލުމުގެ މާ ބޮޑު ރިޕޯޓެއް އަދި ނުލިބެއެވެ.