އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސްޓޭޓްގައި އަޔޯދާގެ ބާބްރީ މިސްކިތް ހުރި ބިމަކީ ހިންދޫންނަށް މިލްކުވެގެންވާ ބިމެއް ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު އެކަމާ އުފާފާޅުކުރި ބައެއް މީހުންނާ، އެކަމާ ގުޅިގެން ނަފްރަތު އުފެދޭ ގޮތަށް ހަރަކާތްތައް ބެހެއްޓި ބަޔަކު، އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ބާބްރީ މިސްކިތް ހުރި ބިމަކީ ހިންދޫންނަށް މިލްކުވެރިކަން އޮތް ބިމެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު އެކަމާ އުފާފާޅުކުރުމުގެ ގޮތުން ބަޑިބޭހުގެ ކުޅިވަރުތައް ކުރިއަށް ގެންދިޔަ މީހުންގެ އިތުރުން، މި ހުކުމާއެކު ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް އާންމު ކުރަމުންދިޔަ މީހުންގެ ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މިމައްސަލާގައި ޔޫޓިއުބް، ޓްވިޓާ، ފޭސްބުކް އަދި ވަޓްސްއެޕް މެދުވެރިކޮށް ހަމަނުޖެހުން އުފައްދާ، ނަފްރަތު ފަތުރަން އުޅޭ ފަރާތްތަކާ މެދު އަމަލު ކުރަމުންދާ "ޒީރޯ-ޓޮލަރަންސް" އުސޫލުގެ ދަށުން ކަމަށެވެ.
އުއްތަރަ ޕްރަދޭޝްގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ 50 އާއި ގާތް ކުރެއެވެ. އަދި 7680 އަށްވުރެ ގިނަ ސޯޝަލް މީޑިއާ ޕޯސްޓްއާއި ގުޅިގެންވެސް ފުލުހުން ފިޔަވަޅު އަޅާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެ ޕޯސްޓްތައް ރިޕޯޓްކުރުން ނުވަތަ އެ ޕޯސްޓްތައް ޑިލީޓުކުރުމަށް އެންގުން ފަދަ ފިޔަވަޅުތައް އަޅާފައިވާ ވާނެ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ބާބްރީ މިސްކިތް ހުރި ބިމުގެ މިލްކުވެރިކަމުގެ މައްސަލައަކީ އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އެގައުމު ދުށް އެންމެ ނުރައްކާތެރި ލޭ އޮހުރުވުންތަކުގެ ފަހަތުގައި އޮތް މައްސަލައެވެ. މީލާދީޏް 16 ވަނަ ގަރުނުގެ ތެރޭގައި ބިނާކުރި ބާބްރީ މިސްކިތަށް 1992 ވަނަ އަހަރު ހިންދޫން ހަމަލާ ދިނުމާއެކު ދެ ބައި މީހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިންގިއެވެ. މި ހަމަނުޖެހުންތަކުގައި 2000އެއްހާ މީހުން މަރުވިއިރު އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.
ކަންމިހެން އޮތް ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމަށްފަހު، މިފަދަ ހަމަނުޖެހުންތަކެއް ހިންގާފައިވާކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އިންޑިއާގެ ސުންނީ މުސްލިމު ވަގުފު ބޯޑުންވެސް ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރާކަމަށް ބުނެފައެވެ. ބާބްރީ މިސްކިތް ހުރި ބިމުގެ ބަދަލުގައި، އެކަށީގެންވާ އެހެން ސަރަހައްދަކުން މުސްލިމުންނަށް ބިން ދިނުމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.