ދަތުރުވެރިންގެ މާރުކޭޓު މަސައްކަތް ނުނިމި އަދި އިއުލާނު ނުކުރެވި ލަސްވަމުން ދަނީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާ ހިސާބުން ކަމަށް ވިދާޅުވެ، އެ ކައުންސިލުގެ މެންބަރު މުހައްމަދު ފަޒީން ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ފަޒީން ވިދާޅުވީ، މާރުކޭޓުގެ މަސައްކަތް ނުނިމި އަދި އިއުލާން ނުކުރެވި ލަސްވަމުންދަނީ މާކެޓް އެންޑް ހާބާ ކޮމިޓީގެ ފަރާތުން ކުރަންހުރި މަސައްކަތެއް ނުކުރެވިގެން ނޫންކަމަށާއި އަދި ކައުންސިލުން ނިންމަންޖެހޭ ކަމެއް ނުނިމިގެންވެސް ނޫން ކަމަށާއި އެ މަސައްކަތް ހުއްޓުވާފައިވަނީ މޭޔާރާ ހިސާބުން ކަމަށެވެ. ނަމަވެސް މި މައްސަލަ ދިގުލައިގެން ދަނީ ކޮމިޓީން ލަސްކުރާތީ ކަމަށް ދެއްކުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށް ފަޒީން ތުހުމަތު ކުރެއްވިއެވެ.
ފަޒީންގެ ތުހުމަތުތައް މާލެސިޓީ ކައުންސިލަށް އަމާޒުވެފައިވަނީ، ދަތުރުވެރިންގެ މާރުކޭޓުގެ މަސައްކަތް ނިންމުމަށް ފަހު ހުޅުވުމަށް 45 ދުވަހުގެ މުއްދަތެއް ސިޓީ ކައުންސިލުން ދީފައިވަނިކޮށް މި މަސައްކަތް ލަސްވެފައިވުމާ ގުޅިގެން މީޑިއާއަަކަށް ދިން އިންޓަވިއުއެއްގައި ދަތުރުވެރިންގެ މާރުކޭޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ނަމަވެސް މާރުކޭޓުގެ ގޮޅިތަކުގެ އަދަދު އަދިވެސް ކަނޑަނޭޅޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ. ސަމާއު ވިދާޅުވީ މާރުކޭޓުގެ މައްސަލާގައި މިހަފްތާ އަންގާރަ ދުވަހު ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، އެ ބައްދަލުވުމުގައި ވަކި ގޮތަކަށް ނިންމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މާރުކޭޓުގެ މަސައްކަތް ލަސްވެފައިވަނީ މޭޔަރާ ހިސާބުން ކަމަށް ވިދާޅުވެ ފަޒީން ވަނީ އެކަމުގެ ތަފްސީލުތައް ވެސް ހާމަކުރައްވާފައެވެ. އެގޮތުން މާރުކޭޓުގެ ކުރެހުން ފާސްކުރުމަށް ނިންމި ނިންމުން ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިިވާ ގާނޫނީ ވާޖިބު އަދާނުކުރައްވައި މޭޔަރު ވަނީ ނިންމުން ތަންފީޒު ކުރެއްވުމެއް ނެތި، އަދި އުސޫލު ވެސް ގެޒެޓް ކުރެއްވުމެއް ނެތި ލަސްކުރައްވާފައިވާ ކަމަށް ފަޒީން ވިދާޅުވިއެވެ. ފަޒީން ވިދާޅުވީ ކޮމިޓީއާ ގުޅުންހުރި އެހެން ކަންކަމުގައިވެސް އަޅާ ފިޔަވަޅުތަކުން، މިއީ ގަސްތުގައި ކުރައްވާ ކަމެއް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ނައިޓް މާކެޓްގެ މައްސަލަ އޭސީސީއަށް ހުށަހެޅުމުން ކުރައްވާ ކަމެއް ކަމަށާއި މާރުކޭޓުގެ މައްސަލައަށް ފަހު ކޮމިޓީއަށް ދަތިކުރެއްވުމުގެ ގޮތުންނާއި މެންބަރުން ބަދުނާމުކުރެއްވުމުގެ ގޮތުން ހިންގަވާފައިވާ ކަންކަން ތަފްސީލާ އެކު ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅުއްވަމުން ގެންދަވާނެ ކަމަށް ވެސް ފަޒީން ވިދާޅުވިއެވެ.
ފަޒީން ވިދާޅުވީ، މާރުކޭޓުގެ މަސައްކަތާއި ބެހޭ ތަފްސީލު ހާމަ ކުރައްވަން ޖެހިވަޑައިގަތީ ދޮގު މައުލޫމާތު އާންމު ކުރައްވާތީ މަޖުބޫރުވެ ވަޑައިގެންނެވުމުން ކަމަށެވެ.
މާރުކޭޓުގެ މަސައްކަތާ ބެހޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ފަޒީން ވިދާޅުވީ، މާރުކޭޓު އުސޫލާ ގުޅޭ މަސައްކަތެއް ކައުންސިލުގައި ފުރަތަމަ ކުރީ މާކެޓް އެންޑް ހާބާ ކޮމިޓީން މައްސަލަ ފުރަތަމަ އެޖެންޑާކުރި ތާރީހުން ފެށިގެން 40 ދުވަސް ލަސްކުރުމަށް ފަހު ކަމަށެވެ. އަދު އެ ދުވަހު ބޭއްވި ބައްދަލުވުން ނިންމާލި އިރު، އުސޫލުގެ ބޮޑުބައެއް ނިންމުމަށްފަހު ދެންހުރީ ކުރީގައި ވެސް އަމަލުކުރި އުސޫލުގައި ހުރި ކަންކަން ކަމުން އެމާއްދާތައް ލީގަލް ލަފަޔާއެއްކޮށް ނިންމާ ގެޒެޓް ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފަޒީން ވިދާޅުވީ، މޭޔަރުގެ ވާޖިިބު އަދާނުކުރެއްވުމުގެ ސަބަބުން ދައުލަތަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައި ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވާ ކަމަށެވެ. އެގޮތުން، މާރުކޭޓުގެ އުސޫލަށް ބަދަލުގެނެސް، މާރުކޭޓުގައި ހަދަން ނިންމި 128 ގޮޅީގެ މަހުފީ ޓެކްސް އަދި ކުނީގެ ފައިސާ ނުލިބުމާއި، ރައްޔިތުންނަށް ހިދުމަތް ނުދީ ހުއްޓުވާފައި އޮތުމުން ހިދުމަތްދޭ ފަރާތާއި ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް ނަފުރަތު އުފެދޭ ކަމަށް ފަޒީން ވިދާޅުވިއެވެ.
މިދިޔަ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގާ މަރާމާތު ކުރުމަށް މާރުކޭޓު ވަނީ ބަންދުކޮށްފައެވެ. 160 އަށްވުރެ ގިނަ ގޮޅި އެތަނުގައި އޭރު ހުރި އިރު، އުސޫލަށް ގެނައި ބަދަލާ އެކު މިހާރު ހަދަށް ނިންމާފައި ވަނީ 117 ގޮޅިއެވެ. އަދި މީިގެ އިތުރަށް ވަގުތީ 11 ގޮޅި ހެދުމަށް ނިންމާފައި ވާއިރު، 6.6 ފޫޓާއި އަށް ފޫޓުގެ ޖުމްލަ 128 ގޮޅި ހެދުމަށް މިހާރު ކައުންސިލުން ވަނީ ނިންމާފައެވެ.