ޒަވާޖީ ހަޔާތެއް ފެށުމަށްފަހު ކޮންމެ ދެމަފިރިއަކުވެސް ނިންމާނެ އެންމެ ބޮޑު ނިންމުމަކީ ދަރިއަކު ހޯދުމަށް ނިންމާ ނިންމުމެވެ. ޒަމާނާ ވިސްނުމަށް އައި ބަދަލާއެކު ކޮންމެ ދެމަފިރިއަކުހެން މިއަދު ދަރިން ހޯދަނީ ދުރާލާ ރާވައިގެންނެވެ. މިއާއެކު ދަރިއަކު ހޯދަން ނިންމާ ނިންމުމަކީ ހުރިހާ ގޮތަކުން އެންމެ ފުރިހަމަ ނިންމުމަށް ވުމަށް ކޮންމެ ދެމަފިރިއަކުވެސް އެދެއެވެ.

މިހުރިހާ ކަމަކާއެކުވެސް މި ދަތުރުގައި ގޮންޖެހުންތަކާ ކުރިމަތިލާންވެސްޖެހެއެވެ. އަމިއްލަ ބާރުން ބޭރުގައި ކިތަންމެ ކަމެއް ހިނގައެވެ. ނަމަވެސް އެއީ އެ ބަދަލުތަކަކަށް ދެމަފިރިންނަށްވެސް ތައްޔާރުވެވިދާނެ ބަދަލުތަކެކެވެ.

ޗާޓްކުރުން

ދަރިއަކު ހޯދަން މަސައްކަތްކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ އަންހެން މީހާގެ ދަރިމައިވުމުގެ ނިޒާމަށް އަންނަ ބަދަލުތަކާ، އެބަދަލުތައް އަންނަ ދުވަސްތައް ދެނެގަތުމެވެ. ދަރިމައިވުމުގެ ފުރުސަތު އިތުރު ހަފުތާއެއް ދުވަސް، ދަރިމައިވުމުގެ އުމުރުގެ ކޮންމެ އަންހެނަކަށްވެސް އަންނާނެއެވެ. އެކި މީހުންގެ މިމުއްދަތު ތަފާތުވެއެވެ. އަދި ބައެއް މަސްމަހު މި ތާރީހަށް ބަދަލުވެސް އައުން އެކަށީގެންވެއެވެ. އެހެންކަމުން މި ތާރީހުތައް ނޯޓުކޮށްގެން، އެ ދުވަސްތަކުގައި މަސައްކަތް ކުރުން ބުއްދިވެރިވެއެވެ.

ނެގެޓިވް ޕްރެގްނެންސީ ޓެސްޓެއް/ފޮޓޯ: އަބައުޓް އިސްލާމް

އޮވިއުލޭޝަން ޓެސްޓް ހަދާ ކިޓް ރާއްޖެއިން ހޯދުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް، ކޮންމެ މީހެއްގެ އަތުގައިހެން ސްމާޓްފޯނެއް އޮންނައިރު، މި ތާރީހުތައް ދެނެގަންނާނެ އެޕްލިކޭޝަންތައް ހުރުއެވެ. އެހެންކަމުން، މިފަދަ އެޕްލިކޭޝަނެއްގެ ބޭނުން ހިފިދާނެއެވެ. އަދި އިތުރަށް އެހީ ބޭނުންވާ ނަމަ، ކަމާބެހޭ ސިއްހީ ތަޖުރިބާކާރެއްގެ ލަފަޔާ އިރުޝާދު ހޯދުން ބުއްދިވެރިއެވެ.

ކަސްރަތު ކުރުން

ކަސްރަތު ކުރުމުގެ ހަމައެކަނި ފައިދާއަކީ ޖިސްމާނީ ގޮތުން 'ފިޓުވުން' އެކަންޏެއް ނޫނެވެ. މިއީ ދަރިމައިވުމުގެ ސިއްހަތަށްވެސް އިންތިހާއަށް ފައިދާ ހުރި ކަމެކެވެ. މިއީ އެއް ހަމައެއްގައި ހަށިގަނޑުގެ ބަރުދަން ބަހައްޓަން އެހީތެރިވެދޭ ކަމެކެވެ. ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ދަރިމައިވުމުގެ ސައިކަލްތައް ގުދުރަތީ ގޮތުން އެއް ހަމައަކަށް އެޅުމަށް އެހީވެދެއެވެ.

ދަރިއަކު ހޯދަން މަސައްކަތް ކުރާއިރު ދުވާލަކު 30-45 މިނެޓް ކަސްރަތު ކުރުން އެދެވިގެންވެއެވެ.

ޒުވާން މަންމައަކު އުފާވެރި މާހައުލެއްގައި އޭނާގެ ދަރިފުޅާ ވާހަކަދައްކަނީ/ފޮޓޯ: އަކީލާ ސްޓައިލް

ފައިދާހުރި ކާނާ ބޭނުން ކުރުން

ކައިބޮއެ ހަދާ ތަކެއްޗަށް ނުވަތަ ޑަޔަޓަށް ބަދަލު ގެންނަންވީ ބަލިވެ އިންނަ ހިސާބަކުން ނޫނެވެ. އެންޓިއޮކްސިޑަންޓްސް އެކުލެވޭ ކާބޯތަކެއްޗާ، އޯވިއުލޭޝަން އިތުރުކޮށްދޭ ކާބޯތަކެއްޗަށް ޑަޔަޓް ބަދަލުކުރަން ވާނެއެވެ. ދެމަފިރިންވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވެ، ކެފެއިން ފަދަ މާއްދާތަކުން ދުރުވުން އެދެވިގެންވެއެވެ. އަދި ފޯލިކް އެސިޑް ބޭހަށް ބަރޯސާވުމުގެ ބަދަލުގައި، މި މާއްދާއިން މުއްސަނދިވެފައިވާ ގުދުރަތީ ފަތްޕިލާވެލި ހިޔާރުކުރަން ސަމާލުކަންދޭންވާނެއެވެ.

މެޑިކަލް ޗެކަޕް ހެދުން

ދަރިއަކު ހޯދަން މަސައްކަތް ކުރުމުގެ ކުރިން، މެޑިކަލް ޗެކަޕްއެއް ހަދާލުން ބުއްދިވެރިއެވެ. ދެމަފިރިންނަކީވެސް މިކަމަށް ގާބިލު، ސިއްހީ ބޮޑެތި މައްސަލަތަކެއް ނެތް ދެމީހުންކަން ބަލާލުން އެދެވިގެންވެއެވެ. ދާއިމީ ބަލިތަކަކަށް ފަރުވާ ހޯދާ ބައެއް ނަމަ، ސިއްހީ ތަޖުރިބާކާރުންނާ އެކަން މަޝްވަރާކޮށް، އެ ފަދަ ބައްޔަކަށް ބޭނުންކުރާ ބޭސްފަރުވާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ބުއްދިވެރިއެވެ. މިފަދަ ނިންމުމެއް އަމިއްލައަށް ނުނިންމާށެވެ.

ހަނގުރާމައިގެ ނުތަނަވަސްކަމުގައި ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ މާބަނޑު މީހެއް/ފޮޓޯ: ވޯލްސްޓްރީޓްޖާނަލް

ސްޓްރެސްއާއި ދުރުވުން

ހުރިހާ ބާވަތެއްގެސް ސްޓްރެސްއަކުން ދެމަފިރިންވެސް ސަލާމަތްވުމަކީ ދަރިއަކު ހޯދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތަކެވެ. ދެމަފިރިން ދިރިއުޅެމުންދާ ވެށިން ފެށިގެން ގޮސް، މަސައްކަތުގެ މާހައުލްއާއި، ދެމަފިރިން އެކުގައި ހޭދަކުރާ ވަގުތުތަކަކީވެސް ސްޓްރެސްއާއި ދުރުގައި އުޅޭ ވަގުތުތަކެއް ކަމުގައި ހަދަންޖެހެއެވެ. އެމީހެއްގެ ނަފްސަށް ހަމަޖެހޭ ކަމެއް ކުރާށެވެ. އެއީ ދެމީހުންނަށްވެސް އެކަމުގައި ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ.

ބަނޑުގައި ދަރިފުޅު ޣަރުބަގަނެފައިވާގޮތް ދައްކުވާދޭ މޮޑެލްތަކެއް/ފޮޓޯ: އެންވައިޕީ

ދަރިއަކު ހޯދަން ވިސްނާއިރު ދަރިމައިވުމާ ގުޅިފައިވާ ސިއްހީ ދުޅަހެޔޮކަންވެސް އިންތިހާއަށް މުހިންމެވެ. ފުރަތަމަވެސް ބޭސްތަކާ ކެމިކަލްތަކަށް ބަރޯސާވުމުގެ ބަދަލުގައި އެޅިދާނެ ފިޔަވަޅުތަކެއް އެބަހުއްޓެވެ. ދިރިއުޅުމަށް ގެންނަ ކުޑަ ބަދަލަކުންވެސް އުފާވެރި ޚަބަރު ލިބުން އޮތީ މާ ދުރުގައި ނޫންކަމަށްވެސް ވެދާނެއެވެ.