ދެކުނު އިރުމަތީ އޭޝިއާ ސިނާމާ ތަރިންގެ ތެރެއިން އެންމެ ނުފޫޒުގަދަ ތަރީގެ ޝަރަފު، ބޮލީވުޑް ސިނަމާ ދުށް އެންމެ ކާމިޔާބު އެއް ތަރި ކަމަށްވާ ރާނީ މުކަރުޖީ ހޯދައިފިއެވެ.

ރާނީ މުކަރުޖީއަކީ މި ޖީލު ދުށް މަގުބޫލު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް، ބްލޮކްބަސްޓާ ފިލްމުތަކެއްގައި އެކްޓްކޮށްފައިވާ އެފަދަ ދެވަނައެއް ނެތް ބަތޮލާއެއް ކަމަށް އޭނާގެ ފޭނުން ސިފަކުރެއެވެ.

ސިންގަޕޫރުގައި މިވަގުތު ހުރި ރާނީ ބުނީ، ދެކުނު އިރުމަތީ އޭޝިއާ ސިނާމާ ތަރިންގެ ތެރެއިން އެންމެ ނުފޫޒުގަދަ ތަރީގެ ޝަރަފު ލިބުމުން ފުން އަސަރެއް ކުރުވައިފި ކަމަށާ، ބެލުންތެރިންގެ އިތުރުން ހުދު އޭނާއަށްވެސް އިންސްޕިރޭޝަނަކަށްވި ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު، އޭނާގެ ކެރިއަރުގައި ލިބިގެން ގޮސްފައިވާކަމަށެވެ.

މިމޭރުމުން ވާހަކަދައްކަމުން ރާނީ ވަނީ އޭނާ އުޅޭ ފިލްމަކުން ވަރުގަދަ މެސެޖެއް ދިނުމުގެ ޒިންމާ އޭނާގެ ކޮނޑުގައި އެޅިފައި އޮތްކަން ގަބޫލުކުރާކަންވެސް ހާމަކޮށްފައެވެ.

ބޮލީވުޑް ސިނަމާތަކުން ރާނީ އެންމެ ފުރަތަމަ ފެނުނީ 1996 ވަނަ އަހަރުގެ ތެރޭގައި ސަޕޯޓިންގް ރޯލަކުންނެވެ. ހަމަ އެހަރު ލީޑް ރޯލަކުންވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.