2024 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބު ވާދަކުރާނެ ކަމަށް މަޝްހޫރު ރެޕާ ކާންޏޭ ވެސްޓް ހާމަކޮށްފިއެވެ.

ކަންމިހެން އޮތްއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ކުރިން އޭނާގެ ރަސްމީ ނަން ބަދަލުކުރުން އެކަށީގެންވާކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

ސްޓީވަން ސްމިތްއާއިއެކު ކުރިއަށް ގެންދިޔަ އިވެންޓެއްގައި ވާހަކަދައްކަމުން ކާންޏޭ ބުނީ އޭނާގެ ނަން ބަދަލުކޮށް، ކާރުގެ ލައިސަންސްޕްލޭޓްގައިވެސް އެ ނަން ޖަހާނެ ކަމަށެވެ. އަދި އެނަމަކީ އޭނާގެ މުއްސަނދިކަން އެނގޭ ވަރުގެ ނަމެއްކަންވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

އޯޑިއަންސްގެ ފަރާތުން ހިސާބަކަށް މަލާމާތް ރައްދު ވި ނަމަވެސް، އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ކާންޏޭ ބުނީ އޭނާގެ ވެރިކަމެއްގައި ގިނަ ވަޒީފާތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ކާންޏޭއާއި އޭނާގެ އަންހެނުން އަދި މަޝްހޫރު ރިއާލިޓީ ޓީވީ ސްޓާ ކިމް ކާޑޭޝަން ވެސްޓްއަކީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި ވަރަށް ގާތް ދެމަފިރިންގެ ގޮތުގައި މީޑިއާގައި އާންމުވެފައިވާ 2 މީހުންނެވެ.