ލަޝްކަރީ ތޮއިބާ، ޖާއިޝީ މުޙައްމަދު އަދި ހަރަކާތުލް ޖިހާދު އިސްލާމީ ފަދަ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ އިންޑިއަން މުޖާހިދީން (އައިއެމް) ޖަމާއަތުން، އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ހަބެއްގެ ގޮތުގައި ބޭނުންކުރަނީ ނޭޕާލް ކަމަށް އެމެރިކާގެ ހާރިޖީ ވުޒާރާއިން އާންމުކުރި ރިޕޯޓެއް ބުނެފިއެވެ.
'ކަންޓްރީ ރިޕޯޓް އޮން ޓެރަރިޒަމް 2018' ގެ ނަމުގައި އެމެރިކާގެ ހާރިޖީ ވުޒާރާއިން ދާދި ފަހުން އާންމުކޮށްފައިވާ ރިޕޯޓް ބުނާ ގޮތުގައި، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ އައިއެމް ޖަމާއަތުން އެ ޖަމާއަތަށް ބޭނުންވާ ފަންޑު ހޯދަމުން ދަނީ ޕާކިސްތާނާ މެދުއިރުމަތީގެ ގައުމުތަކުންނެވެ. އަދި އެ ޖަމާއަތުގެ އޮޕަރޭޝަންތައް ހިންގާ ސަރަހައްދުތައް ނޭޕާލްއަށްވެސް ފުޅާކޮށްފައިވާކަމަށް މިރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ ޖަމާއަތުގެ އެންމެ ބޮޑު ހަބު މިވަގުތު އޮތީވެސް ނޭޕާލްގައި ކަމަށް މި ރިޕޯޓް ބުނެއެވެ.
2005 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ޓެރަރިސްޓް ހަމަލާދީ އެތައް ސަތޭކަ ބަޔަކު މަރާލި މައްސަލަތަކުގެ ޒިންމާވެސް އުފުލާ ޖަމާއަތީ އިންޑިއަން މުޖާހިދީން ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ނޭޕާލްއަށް ބަލާއިރު ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޓްކުރި ޓެރަރިސްޓް ހަމަލާއެއް 2018 ވަނަ އަހަރުގެ ތެރޭގައި އެ ގައުމަށް އަމާޒުވެފައެއް ނުވެއެވެ. ނަމަވެސް ދާހިލީ ފެންވަރުގައި ޓެރަރިޒަމްގެ އަމަލު ހިންގާފައިވާކަމަށް އެމެރިކާގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ކަންމިހެން އޮތް ނަމަވެސް، ބައިނަލްއަގުވާމީ ޓެރަރިސްޓް ހަމަލާތަކުގެ ޓްރާންސިޓް ބަނދަރެއްގެ ގޮތުގައި ނޭޕާލް ބޭނުން ކުރަމުން ދިއުމުގެ ނުރައްކާ އިންތިހާއަށް ބޮޑުކަން އެމެރިކާގެ ހާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ. އަދި ނޭޕާލްގައި އޮންނަނީ ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޓްކުރާ އެންމެ ވައިގެ ބަނދަރަކަށް ވީ ނަމަވެސް، ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅަމުން ނުދާތީ އިތުރު ކަންބޮޑުވުންތަކެއް ހުރިކަމަށް އެމެރިކާ ހާރިޖިއްޔާއިން ބުނެއެވެ.
ނޭޕާލްއަކީ ބޭސްވެރިކަމުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދަކަށް ދިވެހި ދަރިވަރުން ވަޒަންވެރިވެގެން އުޅޭ ގައުމެކެވެ.