އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މަސައްކަތްކުރާ ފުލުހުންނާ އެމީހުންގެ އާއިލާތަކުން، ގާނޫނީ ވަކީލުންނާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖަކަށް ނިކުމެއްޖެއެވެ.

ފުލުހުންނާއި އެމީހުންގެ އާއިލާތަކުން ގާނޫނީ ވަކީލުންނާ ދެކޮޅަށް ނިކުތީ ފުލުހުންނާއި ގާނޫނީ ވަކީލުންތަކަކާއި ދެމެދު ފާއިތުވީ ދެތިން ދުވަހަކުން ފެށިގެން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ދިއްލީގައި ހުންނަ ފުލުހުންގެ ހެޑްކުއާޓާޒް ކުރިމައްޗަށާ، އިންޑިއާ ގޭޓް ސަރަހައްދަށް ޖަމާވެފައިވާ އެތައް ސަތޭކަ ފުލުހުންނަކާ ފުލުހުންގެ އާއިލާތަކުން ޑިމާންޑް ކުރަމުންދަނީ ގާނޫނުގެ ހިމާޔަތުގައި ނިކުންނަ ފުލުހުންގެ ހިމާޔަތުގައި ނިކުންނާނެ ބަޔަކު ދައްކައި ދިނުމަށެވެ. އަދި ފުލުހުންނަށް ކުރިމަތިވަމުންދާ ނުރައްކާތައް ނުފެންނަ ދަރަޖައަށް ކޯޓުތައް "ކަނުވެފައި" ވާކަމަށްވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ފުލުހުންގެ އިސް ރޭންކުތަކުންވެސް އިހުތިޖާޖުގައި ބައިވެރިވިއެވެ. އަދި ވަކި އިރެއްވުމުން ހުރިހާ ފުލުހުންވެސް އަނބުރާ ޑިއުޓީއަށް ނިކުތުމަށް އެމީހުން ގޮވާލުމުން، އިހުތިޖާޖުގެ ބައިވެރިންވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، އިސްވެރިން އިހުތިޖާޖު ދޫކޮށް ދިއުމަށް ގޮވާލާފައެވެ.

ދިއްލީ ފުލުހުންނާ ވަކީލުންނާ ދެމެދު ހަފުތާ ބަންދުން ފެށިގެން ހަމަނުޖެހުންތަކެއް ހިންގަން ފަށާފައިވަނީ ކޯޓެއްގެ ކުރިމަތީގައި ޕާކު ކުރަން އޮތް ޖާގައިގެ މައްސަލާގައެވެ. ދެ ފަރާތުންވެސް އެ ޖާގައިގައި ޕާކު ކުރުމަށް ޑިމާންޑްކުރަމުން ގޮސް އުފެދުނު ހަމަނުޖެހުންތައް ކުރިމަތިލުމަކަށް ބަދަލުވެ، ދެބައި މީހުންނަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. ފުލުހުންގެ ވެހިކަލެއްގައި ވަކީލުން ހުޅުޖެހިއިރު، ފުލުހުންވަނީ ވަކީލުންގެ ޗޭމްބަރު ރެއިޑްކޮށް ސުންނާފަތިކޮށްފައެވެ.

މި އިހުތިޖާޖާ ގުޅިގެން ވަކީލުންވެސް ވަނީ ވަރުގަދަ ހަޅުތާލެއް ފަށާފައެވެ. އެގޮތުން ވަކީލުންގެ ޑިމާންޑުތަކަށް ކޭޓާ ނުކުރާކަމަށް ވަނީނަމަ އެމީހުންވެސް މައްސޫލިއްޔަތު އަދާ ނުކުރާނެ ކަމުގެ އިންޒާރު، ދިއްލީގެ ވަކީލުން ވަނީ ދިފައެވެ.