އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާން މަހާ މާދަމާގެ ވަގުތެއްގައި އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ އައްސޭރި ފަށުގެ ސަރަހައްދުތަކުގެ އަރާނެ ކަމަށް ލަފާކުރެވޭތީ މިއަދުން ފެށިގެން އެ ސްޓޭޓަށް ޔެލޯ އެލާޓް އިއުލާންކޮށްފިއެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ)އިން ބުނި ގޮތުގައި ދޭވްބޫމީ-ދުވަރުކާ ޑިސްޓްރިކްޓްއާއި ދީއޫ އާއި ދެމެދު އޮތް ސަރަހައްދުތަކަށް ތޫފާން މަހާ އަރާނީ މާދަމައެވެ.
މެދުތެރޭ އިރުމައްޗަށް މެދުތެރޭ ހުޅަނގުގެ ސަރަހައްދުތައް ގުޅޭ ގޮތަށް އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން މަހާ އިރަށް ދަތުރުކުރަމުންދަނީ ގަޑިއަކީ 21 ކިލޯމީޓަރު ބާރު މިނުގައި ކަމަށްވެސް އައިއެމްޑީއިން މައުލޫމާތު ދެއެވެ.
ތޫފާން މަހާ، ގުޖުރާތުގެ އެކި ހިސާބުތަކަށް އަރާނީ މާދަމާގެ މެންދުރެއް ހާއިރު ކަމަށާ، މި ތޫފާނުގައި ގަޑިއަކު 90 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހުމުންދާނެކަމަށްވެސް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.
ގުޖުރާތަށް އެރުމަށްފަހު މި ތޫފާން ދެން ދަތުރުކުރާނެ ކަމަށް ލަފާކުރެވެނީ އޮރިއްސާއަށާ ބަންގްލަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ކަމަށް ލަފާކުރެވެއެވެ.
އިންޑިއާ އަސްކަރިއްޔާގެ އެކި ޔުނިޓްތައްވެސް މިހާރު އޮތީ އެލާޓަށް ގެނެސްފައެވެ.
މި ތޫފާނުގެ ސީދާ އަސަރެއް ދިވެހިރާއްޖެއަށް ކުރާނެ ކަމުގެ އިންޒާރެއް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިންވެސް އަދި އައިއެމްޑީއިންވެސް ދީފައެއް ނެތެވެ.