ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތު އިންތިހާބީ ގާނޫނާ ހިލާފުވާ މީހުންނާ، އެނޫންވެސް ގައިރު ގާނޫނީ އަމަލު ހިންގާ ފަރާތްތައް ހޯދާ ދެނެގަތުމަށް ބޮޑީ ކެމެރާ ޓެކްނޮލޮޖީ ބޭނުންކުރާނެކަމަށް ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ ރުވާން ގުނަސޭކަރަ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގުނަސޭކަރު ވިދާޅުވީ 71 ކެމެރާއާއި 321 ބޮޑީ ކެމެރާ ވެސްޓް މިހާރުވެސް ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިއީ ސިއްރުގައި ކުރާ ކަމެއް ނޫންކަމަށާ، މި މައުލޫމާތު އާންމުކުރީވެސް އެ ސަބަބާއި ހެދި ކަމަށްވެސް ސްރީލަންކާގެ ފުލުހުން ބުނެއެވެ.

ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓާ ދިމާކޮށް މިހާރުވެސް ފުލުހުންނަށް 100އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ގުނަސޭކަރު ވިދާޅުވިއެވެ. އަދި އިންތިހާބުގެ ގާނޫނުތަކާ ހިލާފުވެގެން 64 ކޭހެއް ރެކޯޑްކޮށްފައިވާއިރު ޝަކުވާތަކާ ގުޅިގެން ތުހުމަތުކުރެވޭ 44 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ.

އިންތިހާބު ނިމުމަށްފަހު ތަކެތި ބޭނުންކުރަމުންދަނީ ޖިނާއީ ތަހުގީގުތަކުގެ އިތުރުން ގައިރު ގާނޫނީ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހަޅާނެ ފުޓޭޖު ނެގުމަށްކަމަށްވެސް ގުނަސޭކަރު ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަކީ ސްރީލަންކާގެ ރިޔާސީ ވެރިކަމުގެ ތާރީހުގައިވެސް އެންމެ ދިގު ވޯޓު ކަރުދާސްކޮޅު ބޭނުން ކުރާ ފަހަރެވެ. މައުލޫމާތު ލިބޭ ގޮތުގައި އިންތިހާބުގައި ފާހަގަ ޖެހުމަށް ބޭނުން ކުރާ ވޯޓު ކަރުދާސްކޮޅުގެ ދިގު މިނުގައި ގާތްގަނޑަކަށް 2 ފޫޓު ހުންނާނެއެވެ. އެގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މިފަހަރުގެ އިންތިހާބުގައި 35 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ ޗެއާމަން މަހިންދާ ދޭޝަޕްރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ނޮވެމްބަރު 17 ވަނަ ދުވަހު އިއުލާން ކުރެވޭނެ ކަމަށެވެ. އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ކަށަވަރުނުކުރެވިއްޖެ ނަމަ އާ ރައީސްގެ ނަން އިއްވުން އޮންނާނީ ފަހުގެ ތާރީހެއްގައި ކަމަށްވެސް ދޭޝްޕްރިޔާ ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ހާއްސަކޮށްގެން ސްރީލަންކާގެ އެކި ހިސާބުތަކުގައި 45000 ޕޯލިންގް ބޫތު ބަހައްޓާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކޮންމެ 400 މީހަކަށް ބޫތެއްގެ މަގުންނެވެ. މީގެ ކުރީ އިންތިހާބުތަކުގައި ކޮންމެ ބޫތަކަށް 800 މީހުންވެސް ވަނީ ވޯޓުލާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، މިހާރުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވާދައެއް ނުކުރައްވައެވެ. އެހެންކަމުން އާ ރައީސަކު އިއުލާން ކުރެވޭ ހިސާބުން ސިރިސޭނާގެ ދައުރު ނިމުމަކަށް އަންނާނެއެވެ.