ނޭވާލާން ދަތިވެ ފުރާނައަށް ނުރައްކާ ދަރަޖައަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން އާންމު ސިއްހީ ހާލަތުގެ ކުށްލި ނުރައްކާ އިއުލާންކޮށްފިއެވެ.

މި ހަފުތާއަށް ފެށުނީއްސުރެ ދިއްލީގެ ވައިގެ ސަރަހައްދު ތަޣައްޔަރުވެފައިވަނީ ނުރައްކާތެރި ދުންފުނިން ކަމަށް މައުލޫމާތު ލިބެއެވެ.

އާދަޔާ ހިލާފަށް ވައި ނުސާފުވެ ވިހަ މާއްދާތަކުން ޖައްވު ތަޣައްޔަރުވަމުން ދިއުމާ ގުޅިގެން ދިއްލީގެ މަގުތަކަށް އުޅަނދުތައް ނެރެނީވެސް ވަކި އުސޫލަކުންނެވެ. އެގޮތުން ލައިސަންސް ޕްލޭޓް ނަމްބަރުގެ އަދަދު، ހިސާބު ނަމްބަރު 2 އަކުން ގެއްލޭ އުޅަނދުތައް އެއްދުވަހު ދުއްވާއިރު، 2 އަކުން ނުގެއްލޭ އޮޑް ނަމްބަރުތަކަށް ފުރުސަތު ލިބެނީ ޖެހިގެން އަންނަ ދުވަހުއެވެ.

މި ބަދަލާއެކު ދިއްލީގެ މަގުތަކުން ދުވާލެއްގެ މައްޗަށް 1.5 މިލިއަން އުޅަނދު މަދު ކުރެވޭ ކަމަށް ޚަބަރު ލިބެއެވެ.

ދިއްލީގެ ވައިގެ ތަޣައްޔަރުކަން ހުރި ނެތް ގޮތަށް ބަލާއިރު އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ހުރީ 411 ގައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކަނޑައަޅާފައިވާ ލިމިޓަކީ އޭކިއުއައި 60 އެވެ.

ދިއްލީގައި ސިއްހީ ކުއްލި ނުރައްކާ އިއުލާން ކުރައްވަމުން ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވިދާޅުވީ، "ގޭސް ޗޭމްބަރަކަށް" ދިއްލީ ބަދަލުވެފައިވާކަމަށެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިދަރަޖައަށް ވައި ނުސާފުވުމަކީ ފުރާނައަށް ނުރައްކާ މިންވަރެކެވެ. އެގޮތުން ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކާ، ފުއްޕާމޭގެ ކެންސަރުގެ އިތުރުން ހިތުގެ ބަލިތަކަށްވެސް މިކަމުގެ ސަބަބުން މަގުފަހިކުރާނެ ކަމަށް ސިއްހީ ހިދުމަތްތެރިން ބުނެއެވެ.

ދިއްލީގެ ވައި ތަޣައްޔަރުވަމުންދަނީ ވެހިކަލްތަކުގެ އިތުރުން ސިނާއީ މަސައްކަތްތަކާ، އުމްރާނީ ބިނާވެށީގެ ތަރައްގީ ނުވަތަ ކޮންސްޓްރަކްޝަންގެ މަސައްކަތްތަކާ ގުޅިގެންނެވެ. ދިއްލީގެ ވައި މިހާ ބޮޑަށް ތަޣައްޔަރު ވާން ފަށާފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ހިންދޫއިން ފާހަގަކުރި ދިވާލީއާއި ގުޅިގެން ކުރިއަށް ގެންދިޔަ ބަޑިބޭހުގެ ކުޅިވަރުތަކާއެކުގައެވެ.