އެމެރިކާގެ ނިއު ޔޯކް ސިޓީގައި ކުރިއަށްދިޔަ އަލްޓިމޭޓް ފައިޓިންގް ޗެމްޕިއަންޝިޕް (ޔޫއެފްސީ) މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) އިވެންޓަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަޑައިގެންނެވުމުން ފުރައްސާރައާއި މަލާމާތުން މުޅި މާލަމް ގުގުމާލައިފިއެވެ.

ވެރިކަން ކުރާ ރިޕަބްލިކަންސް ޕާޓީގެ އިސް މެމްބަރުންނާ އާއިލާގެ ބައެއް ބޭފުޅުންނާއެކު މާލަމް ތެރެއަށް ޓްރަމްޕް ވަޑައިގެންނެވުމާއެކު މަލާމާތާ ފުރައްސާރައިގެ ރާގަށް "ބޫ...ބޫ" ގޮވަމުންދިޔަ އަޑުން މުޅިންތަން އެއް އަޑު ކޮށްލިއެވެ. އަދި މަގާމުން ޓްރަމްޕް ދުރުކުރުމަށް ގޮވާލާ ޕޯސްޓަރުތަކުން މުޅި ތަން ފުރާލިއެވެ.

މެޑިސަން ސްކޮއާ ގާޑަން އެރީނާގައި ޓްރަމްޕްއާއި ދެކޮޅަށް މުޒާހަރާއެއް ކުރިއަށް ގެންގޮސްފައިވާއިރު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވޮޝިންގްޓަން ޑީސީގައި ކުރިއަށްދިޔަ ވާލްޑް ސީރީޒް ބޭސްބޯލް ގޭމެއް ބައްލަވާލައްވަން ޓްރަމްޕް ވަޑައިގެންނެވުމުންވެސް މިފަދަ އިހުތިޖާކުތަކެއް ވަނީ ފެނިފައެވެ.

މިދަނޑިވަޅަކީ ޓްރަމްޕް އިދިކޮޅު ޑިމޮކްރަޓިކް ވާދަވެރިޔާ ޖޯ ބައިޑްންއާއި އޭނާގެ ދަރިކަލުންނާ ދެކޮޅަށް ޓްރަމްޕް އިސްނަންގަވައިގެން ކުރިއަށްގެންދެވި ކަމަށް ބުނާ ތަހުގީގުތަކަކާ ގުޅިގެން، އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލުކުރުމުގެ މަސައްކަތްތަކެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރަމުންދާ ދަނޑިވަޅެކެވެ.