އަފްޣާނިސްތާނުގެ އުތުރުއިރުމަތީ ސަރަހައްދުގެ ތަހާރު ޑިސްޓްރިކްޓްގައި މައިނެއް ގޮވާ 9 ކުޑަކުއްޖެއްގެ ފުރާނަ ގެއްލިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެކުދިން ސްކޫލަށް ދިއުމަށް މަގުމަތީގައި ހިނގާފައި ދިޔަ ވަގުތު، އެ ސަރަހައްދުގެ ބިމު އަޑީގައި ވަޅުލާފައި އޮތް ބިމެއް ގޮވައިގެން ކަމަށް ޚަބަރު ލިބެއެވެ.

ތޯލިބާނުންގެ ކޮންޓްރޯލް އޮންނަ އަވަށެއްގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން އެންމެ 8 އަހަރާއި 11 އަހަރާއި ދެމެދު ކުޑަ ކުދިން ކަމަށް މައުލޫމާތު ލިބެއެވެ.

ތަހާރު ޕްރޮވިންސްގެ ގަވަރުނަރު ޖަވާދު ހިޖްރީ ވިދާޅުވީ މަރުވި ކުދިންގެ ގުރޫޕުގައި ހިމެނުނު އިތުރު 3 ކުއްޖަކަށް ވީނުވީއެއް އަދިވެސް ނޭނގޭ ކަމަށެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

އަފްޣާނިސްތާނުގެ ނަންގަރުހާރު ޕްރޮވިންސްގައި ހުކުރު ނަމާދު ވަގުތު ދިން ބޮމުގެ ހަމަލާގައި ޒަހަމްވީ މީހަކަށް ވޮލަންޓިއަރަކު އެހީތެރިކަން ފޯރުކޮށްދެނީ/ފައިލްފޮޓޯ: އޭއެފްޕީ

އަފްޣާނިސްތާނުގައި ހިނގާ މިފަދަ ހާދިސާތަހުގައި މިފަހަކަށް އައިސް މަރުވާ ކުޑަކުދިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ މޭމަހުގެ ތެރޭގައިވެސް މައިނެއް ގޮވާ، 7 ކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މިދިޔަ މަހު އދއިން އާންމު ކުރި ރިޕޯޓަށް ބަލާއިރު މިއަހަރުގެ ޖުލައި މަހާ ސެޕްޓެމްބަރު މަހާ ދެމެދު އަފްޣާނިސްތާނުގައި ރެކޯޑް އަދަދަކަށް އާންމު ރައްޔިތުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އެގޮތުން މިމުއްދަތުގެ ތެރޭގައި 1174 މީހެއްގެ ފުރާނަ ގެއްލި، 3139 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ގާތްގަނޑަކަށް 42 ޕަސެންޓް އިތުރު އަދަދެއް ކަމަށް އދގެ ރިޕޯޓުން ހާމަވެއެވެ.