ދުނިޔޭގައި މިވަގުތު އޮތް ގުދުރަތީ ދިރުންތަކުގެ އެންމެ ބޮޑު ވެށި ކަމަށްވާ އެމޭޒަން ޖަންގަލީގެ ހިމާޔަތަށް ވަކާލާތު ކުރަމުންދާ ގަދީމީ ގަބީލާއަކަށް ހަމަލާދީ އެ ގަބީލާގެ ޒުވާން ހަނގުރާމަވެރިއަކު މަރާލާ އިތުރު މީހަކު ޒަހަމްކޮށްލައިފިއެވެ.

ބްރޭޒިލްގެ އުތުރުގައި ހަރަކާތްތެރިވަމުންދާ ގުއާޖަޖާރާ ގަބީލާއަށް ހަމަލާ ދީފައިވަނީ އެމޭޒަން ޖަންގަލީގެ ސަރަހައްދުގެ ގަސްތައް ކެނޑުމަށް ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުންދާ ގުރޫޕަކުން ކަމަށް މައުލޫމާތު ލިބެއެވެ.

މަރާލާފައިވަނީ ގަބީލާއިން ޝިކާރައަށް ނިކުމެ އުޅުނު ޕައުލޯ ޕޯލީނާ ގުއާޖަޖާރާ ނުވަތަ 'ލޯބޯ'ގެ ނަމުން މަޝްހޫރުވެފައިވާ ޒުވާނެކެވެ. ގަސްކަނޑަމުންދިޔަ މީހުން ހަމަލާދީފައިވަނީ ސީދާ އޭނާގެ ބޮލަށް ކަމަށް މައުލޫމާތު ލިބެއެވެ. އިތުރު ޒުވާނަކަށް ހަމަލާދީފައިވާއިރު، ފުރާނަ ގެއްލިދާ ވަރުގެ އަނިޔާއެއް ލިބުމުގެ ކުރިން އޭނާއަށް ސަލާމަތްވެވުނެވެ.

ގުދުރަތީ ދިރުންތަކާ ގަސްގަހާގެހީގެ މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބިޔަ ޖަންގަލީގެ ގޮތުގައި ސިފަކުރަމުން އަންނަ ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯކޮށްފައި/ފޮޓޯ: އުއެސްލޭ މާސެލީނޯ

ބްރެޒީލްގެ ވެރިކަމާ ޖޭއީރު ބޮލްސޮނާރޯ ހަވާލުވެވަޑައިގެންނެވި ފަހުން ގަވައިދާ ހިލާފަށް އެމޭޒަން ޖަންގައްޔަށް ވެރިވެގެންނަން މަސައްކަތް ކުރާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. މީގެ އިތުރުން ގަދީމީ ގަބީލާތަކުން ހިމާޔަތްކޮށްފައިވާ ބިންތަކަކީ އިގުތިސޯދީ ތަރައްގީގެ ބޭނުމަށް ހުޅުވާލެވޭނެ ސަރަހައްދުތަކަކަށް ހައްދަވާނެ ކަމަށްވެސް ބޮލްސޮނާރޯ ވަނީ ވައުދުވެވަޑައިގެންފައެވެ.

ބްރެޒީލްގެ ފުރަތަމަ ވަޒަންވެރިންގެ ގޮތުގައި ބަލާ 900000 އެއްހާ މީހުންގެ މައްޗަށް އެކުލެވޭ ގަބީލާތައް އަގައުމުގައި އަދިވެސް އެބައޮތެވެ. އެމީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާއިރު ބޮލްސޮނާރޯގެ އަތްޕުޅު ވަނީ އެމީހުންގެ ލެއިން ތަޣައްޔަރުވެފައި ކަމަށްވެސް ގަބީލާ ދަރިކޮޅުތައް ރަމްޒުކޮށްދޭ ޖަމާއަތުން ވަނީ ބުނެފައެވެ.

ގަބީލާ ދަރިކޮޅުން މަރާލި ޒުވާނާގެ މަރުގެ މައްސަލަ ބަލާނެ ޓީމެއް އެ ސަރަހައްދަށް ފޮނުވާފައިވާކަމަށް ބްރެޒީލްގެ ފުލުހުން ބުނާއިރު، ގަބީލާ ދަރިކޮޅު ރަމްޒުކުރާ ޖަމާއަތުން ބުނީ އެ ޒުވާނާ މަރުވެގެން ވެއްޓުނުތަނުގައި އޭނާގެ ހަށިގަނޑު އަދިވެސް އެބައޮތް ކަމަށެވެ.