ވޭޕްކުރުމުގެ ސަބަބުން ފުރާނައަށް ނުރައްކަވާ ވަރުގެ ބައްޔެއް ފުއްޕާމެއަށް ޖެހި ގިނަ އަދަދެއްގެ ޒުވާނުން މި ދުނިޔެއާއި ވަކިވެގެން ގޮސްފައިވަނީ ޓީއެޗްސީ މާއްދާ އެކުލެވޭ އީ-ސިނގިރޭޓް ބޭނުން ކުރުމުގެ ސަބަބުން ކަމަށް އެމެރިކާއިން އާންމުކުރި ރެކޯޑްތަކަކުން ދައްކައިފިއެވެ.

ޓީއެޗްސީއަކީ ނުރައްކާތެރި ޑްރަގެއް ކަމަށްވާ ކެނަބިސްގައި އެކުލެވޭ، އެ ބޭނުންކުރާ މީހެއްގެ ނަފްސާނީ ހާލަތަށް ނޭދެވޭ ބަދަލުތަކެއް ގެނުވާ މާއްދާއެކެވެ.

އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ފުއްޕާމެއަށް ނުރައްކާތެރި ބައްޔެއް ޖެހިގެން މަރުވެފައިވަނީ ޓީއެޗްސީގެ މާއްދާ އެކުލެވޭ އާލާތްތައް ވޭޕްކުރި ޒުވާނުންތަކެއް ވަނީ ހާމަވެފައެވެ.

ބަލި ޖެހިގެން މަރުވި މީހުން، މަރުވުމުގެ ކުރިން ދިން މައުލޫމާތަށް ބަލާއިރު 84 ޕަސެންޓް މީހުން ވަނީ ޓީއެޗްސީ މާއްދާ އެކުލެވޭ އާލާތްތައް ވޭޕްކުރި ކަމަށް ބުނެފައެވެ. 37 ޕަސެންޓް މީހުން ބުނި ގޮތުގައި އެމީހުން ވޭޕްކުރީ ނިކޮޓީންއެވެ. އެހެންކަމުން، ކެނަބިސްގެ މާއްދާ އެކުނުލެވޭ ބާވަތްތަކުންވެސް ފުރާނައަށް ނުރައްކާވާކަމަށް ރެކޯޑްތަކުން މިވަނީ ހާމަވެފައެވެ.

ވޭޕްކުރަން ބޭނުންކުރާ ބައެއް ސާމާނު/ފޮޓޯ: ދެން ޕޯސްޓް

މިއީ ޕޭޝަންޓުން އަމިއްލައަށް ދިން މައުލޫމާތަށް ވާއިރު މިއީ 100 ޕަސެންޓް ސައްހަ ކަމާއެކު ބަރޯސާވެވެން އޮތް މައުލޫމާތެއް ނޫންކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެއަށް ނުރައްކާތެރި ބައްޔެއް ޖެހިގެން އެމެރިކާއިން އެކަނިވެސް މިހާތަނަށް 36 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި ވޭޕްކުރުމުގެ ސަބަބުން ފުއްޕާމޭގެ ބަލި ޖެހިގެން ރިޕޯޓްކުރަމުންދާ މީހުންގެ އަދަދު ކޮންމެ ހަފުތާއަކުވެސް އިތުރުވަމުން އަންނަ ކަމަށް އެމެރިކާގެ ހޮސްޕިޓަލުތަކުން ބުނެއެވެ. މީގެ ތެރޭގައި ގިނައީ އުމުރުން 35 އަހަރުން ދަށުގެ ޒުވާން ފިރިހެނުންނެވެ.

ވޭޕްކުރުމުގެ ނުރައްކާ ބޮޑުވެ، ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ ވޭޕްކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅަމުންނެވެ. ދިވެހިރާއްޖެއިންވެސް މިހާރު ދަނީ މިކަމަށް މަސައްކަތްތަކެއް ކުރަމުންނެވެ.