ހދ. ކުޅުދުއްފުއްޓަށް އުފަން އުމުރުން 28 އަހަރުގެ ހަސީނާ ހަސަނަކީ ”އެކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ“ އަށް އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ޒުވާނެކެވެ. ޒަވާޖީ ހަޔާތެއް ފަށައިގެން ދިރިއުޅެމުން އަންނަ ހަސީނާއަކީ ތުއްތު ތިން އަހަރުގެ އަންހެން ކުއްޖެއްގެ މަންމަ ވެސް މެއެވެ.

މިދިޔަ އޮގަސްޓް މަހާ ހަމައަށް އައި އިރުވެސް ހަސީނާއަކީ ސިއްހަތު ރަނގަޅަށް ހުރި މަންމައެކެވެ. ނަމަވެސް އޭނާ އާދަޔާ ހިލާފަށް ކެއްސާތީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ދެއްކުމުން ލޭގެ ޓެސްޓެއް ހެދުމަށް ފަހު ޕްލެޓެލެޓްސް މާ ދަށްވެފައި ހުރުމުން އައިސީޔޫގައި އެޑްމިޓް ކުރިއެވެ. އޭގެ ތިން ދުވަސް ފަހުން މާލެ އައިސް އައިޖީއެމްއެޗް ހޮސްޕިޓަލުން ވެސް ހަސީނާ ވަނީ ފަރުވާ ހޯދާފައެވެ.

އެނބުރި ރަށަށް ދިޔަތަނުން އަނެއްކާވެސް ހަސީނާގެ ހާލު ދެރަވެގެން ޓެސްޓު ހެދި އިރު އޭނާގެ ޕްލެޓްލެޓް ކައުންޓް ވަނީ އިތުރަށް ދަށަށް ގޮސްފައެވެ. ދެވަނަ ފަހަަރަށް ހަސީނާ މާލެ އައިސް ޑޮކްޓަރަށް ދެއްކީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ގާތްގަނޑަކަށް 10 ވަރަަކަށް ދުވަހު ފަރުވާ އެ ހޮސްޕިޓަލުން ހޯދުމަށް ފަހު އެ އާއިލާ އޭނާ ގޮވައިގެން އިންޑީއާއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު، އާސަންދައިގެ އެހީގެ ދަށުންނެވެ.

ކެންސަރާ ހަނގުރާމަ ކުރަމުންދާ ހަސީނާ

ހަސީނާ ކުއްލިއަކަށް ބަލިވެ އެޑްމިޓްވި ހިސާބުން އޭނާއަށް އޭނާގެ ދަރިފުޅު ނުފެނި އުޅެން ޖެހުންވީ ހިތްދަތި ކަމަކަށެވެ. އޭނާ ދަރިފުޅު ނުފެނި ދެރަވެގެން އުޅޭ ފަދައިން އެ ތުއްތު ކުއްޖާވެސް އުޅެނީ މަންމަ ނުފެންނާތީ ދެރވެގެނެނެވެ

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހަސީނާގެ ފިރިމީހާ އަހުމަދު އަބްދުއްރަހީމް ބުނީ، ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނަނީ ފަރުވާ ހޯދުމަށް އެ ހޮސްޕިޓަލުގައި 5 ނުވަތަ 6 މަސް ދުވަސް ވަންދެން މަޑުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ދެމަފިރިންގެ 3 އަހަރުގެ ތުއްތު ކުއްޖެއް ހުންނަ ކަމަށް ބުނަމުން އަހުމަދު ބުނީ، ކޮންމެ ދުވަހަކު އެކޮޅުން ގުޅާ ކަމަށާއި އެ ދަރިފުޅު މަންމައާ ދުރުގައި އެހާ ދުވަހު ދުރުގައި ހުންނަން ޖެހުމުން ވަރަށް ދެރަވާނެކަން އޭނާއަށް އިހްސާސް ކުރެވޭ ކަމަށެވެ.

"ދަރިފުޅުގެ ގުރުއާން ކްލާސް މިސް އަޅުގަނަޑަށް ގުޅާފަ ބުނި ދަރިފުޅު ކުލާހައްގޮސް ބުންޏޯ އަޅުގަނޑު މަންމަ އޮތީ ވަރަށް ބަލިވެއޭ ހޮސްޕިޓަލުގައޭ."
ހަސީނާގެ ފިރިމީހާ

އެދެމަފިންނަށް ލިބިފައިވާ ދަރިފުޅުގެ ވާހަކަތައް ހިއްސާ ކުރަމުން އޭނާ ބުނީ، އެއްދުވަހަކު އޭނާއަށް އެ ކުއްޖާގެ ގުރުއާން ކްލާސް ޓީޗަރު ގުޅި ކަަމަށެވެ. އެ ޓީޗަރު ކައިރީގައި ބުނީ، އޭނާގެ މަންމަ މިހާރު ވަރަށް ބަލިވެފައި އޮތް ކަމަށާއި މަންމަ ވީ ހޮސްޕިޓުލުގައި ކަމަށް ބުނި ކަމަށެވެ. އަދި ކޮންމެ ދުވަހަކު އައިސީޔޫގައި އޮންނާތީ ދަރިފުޅަށް ގުޅައި ނުދެވުނަސް ހަސީނާއަށް ކިރިޔާ ތެދުވެވޭ ވަރުގެ ދުވަހެއް ވެއްޖިއްޔާ ދަރިފުޅަށް ވީޑިއޯ ކޯލް ކޮށްދޭ ކަމަށްވެސް އޭނާ ބުނެއެވެ.

"ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިން ބިލް އެންސްޕާއިން ކަވާ ކޮށްދިން. އެންސްޕާއިން ފަހުން ބުނީ އަސްލު އެއް ކޭސްއަކަށް ދެފަހަރު އެހީވަގޮތަކަށް ނޫނޭ އޮންނަނީކީ. އެއީ ދެން އަޅުގަނޑަށް ގަބޫލު ކުރެވޭވެސް ވާހަކައެއް. އާސަންދައިން ކަވާ ކުރޭ މެޑިކަލް އެއްކޮށް. އައިސީޔޫގަ ދިން ފަރުވާއަށް ވެސް އެހީވި. އެކަމަކު މިކޮޅުން ޑޮކްޓަރުން ލަފާ ދިނީ އައިސީޔޫއިން ނެރެފަ ނުބޭއްވޭނޭ ވޯޑުގައެއް. އިންފެކްޝަންސްތައް ތަންކޮޅެއް ގިނައިން ހުރީމަ. އެހެންވީމަ ބާއްވަން ޖެހޭނީ ޕްރައިވެޓް ރޫމެއްގައޭ. ޕްރައިވެޓް ރޫމެއްގަ ބޭވުމަށް އާސަންދައިން ކަވާ ނުކުރޭ"
ހަސީނާގެ ފިރިމީހާ

އެ އާއިލާއަށް އިންޑިއާއަށް ފަރުވާ ހޯދުމަށް ދެވިފައި ވަނީ އާސަންދައިގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކަން ފާހަގަކުރަމުން ހަސީނާގެ ފިރިމީހާ ބުނީ، އެކޮޅުގައި ބޭސްފަރުވާގެ ކަންކަން އާސަންދައިން ކަވާ ކޮށްދޭ ކަމަށެވެ. އެގޮތުން އައިސީޔޫގެ ހަރަދުތައްވެސް ކަވާ ކޮށްދިން ކަމަށާއި ނަމަވެސް ޕްރައިވެޓް ރޫމްގެ ހަރަދު ކަވާ ނުކޮށްދޭ ކަމަށް އޭނާ ބުންޏެވެ. ހަސީނާ ޕްރައިވެޓް ރޫމެއްގައި ބާއްވަން ޖެހުނީ ޑޮކްޓަރުން ލަފާ ދިނުމުން ކަމަށާއި ހަސީނާގެ ހަށިގަނޑުގައި އިންފެކްޝަން ހުރުމުން ވޯޑްގައި ނުބޭއްވޭނެ ކަމަށް އޭނާ ބުނެއެވެ.

އަދިވެސް 6 މަސް ދުވަސް ވަންދެން ހަސީނާއަށް ފަރުވާ ކުރުމަށް އެ އާއިލާއިން އިނޑިއާގައި މަޑުކުރަންޖެހޭ އިރު ހޮސްޕީޓަލު ކައިރިން އެކޮމޮޑޭޝަން ހަމަޖެއްސުމަށާއި ކެއުން ބުއިމުގެ ހަރަދަށް ދުވާލެއްގެ މައްޗަށް 2000 އިންޑިއަން ރުޕީސް ހަރަދުވާކަމަށް އޭނާ ބުނެއެވެ. އެހެންކަމުން މިވަގުތު އެ އާއިލާއަށް ވަނީ މާލީ ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައެވެ. މިވަގުތު ހަސީނާއަށް ބޭނުންވަނީ އެންމެންގެ ހެޔޮދުއާ ކަމަށާއި އެ އާއިލާއަށް މީހެއްގެ ފަރާތުން 100 ރުފިޔާގެ އެހީއެއް ލިބުމަކީވެސް ވަރަށް ބޮޑު އެހީއެއް ކަމަށް އާއިލާއިން ބުނެއެވެ.

ހަސީނާ އަށް ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން ވަޓްސްއެޕް ނުވަތަ ވައިބާ މެދުވެރިކޮށް ހަސީނާގެ ފިރިމީހާ އަހްމަދު އަބްދުލްރަޙީމް 7776939 ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ. އިންޑީއާގެ ނަންބަރަކީ 919747205992+ މިއެވެ.