ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދައުރަށް ސްޕްރީމް ކޯޓުން ހުރަސް އަޅާ ކަމުގެ ޝަކުވާތައް ސާފު ކުރުމުގެ ގޮތުން ޖޭއެސްސީއާއި ޑީޖޭއޭގެ އިސްވެރިންނާ ބައްދަލު ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުރަސް އަޅާ ކަމަށް ބުނެ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ރޭ ބާއްވާފައި ވަނީ އުއްތަމަ ފަނޑިޔާރު ބައިވެރިވެ ވަޑައިގެން ސުޕްރީމް ކޯޓުން، ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީއާ ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތި ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ޖުޑިޝަރީ ކޮމިޓީއަށް ލިބުމާ ގުޅިގެން ކަމަށް ބުނެއެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު ޖީހާން މަހްމޫދު ވަނީ ތިން ހުށަހެޅުމެއް ހުށަހެޅުއްވާފައެވެ. ފުރަތަމަ ހުށަހެޅުއްވުމަކީ ޖޭއެސްސީއާއި ޑީޖޭއޭގެ ދައުރަށް ހުރަސް އެޅުމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމުގެ ޝަކުވާއެއް ލިބިފައިވޭތޯ ސާފު ކުރުމަށް ދެ މުއައްސަސާއަށް ސިޓީއެއް މެދުވެރިކޮށް މަޖިލީހަށް ފޮނުއްވުމަށް އެންގުމަށެވެ.

ދެވެނަ ހުށަހެޅުމަކަށް ހުށަހެޅުއްވީ އެފަދަ ޝަކުވާއެއް ލިބިފައިވާނަމަ އެ ކަންކަން ސާފު ކުރުމުގެ ގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވީ އެންމެ އަވަހަކަށް ޖޭއެސްސީއާއި ޑީޖޭއޭއާ ބައްދަލު ކުރުމަށެވެ. އަދި ތިންވަނަ ހުށަހެޅުމަކަށް ހުށަހެޅީ ޖޭއެސްސީން ޝަކުވާތަކަށް ވީ އަވަހަކަށް އަމަލު ކުރުމަށް ކޮމިޓީން ލަފާ ދިނުމަށް ހުށަހެޅުއްވި ހުށަހެޅުމެވެ. ކޮމިޓީގެ މެންބަރުންގެ ތާއީދުން ތިން ހުށަހެޅުންވެސް ފާސްވި ނަމަވެސް ބައްދަލު ކުރާނެ ތާރީހެއް ކަނޑައެއް ނާޅައެވެ.

ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ޖޭއެސްސީން ނިންމީ، އެ ކޮމިޝަނުގެ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލު ނުކުރުމަށް ނުވަތަ، އެ އިސްލާހުގެ ބާރު ކެނޑޭގޮތަށް ނުވަތަ އެ އިސްލާހު ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށެވެ.

ޖޭއެސްސީން ރޭ އިންޒާރުގެ ބަޔާން ނެރުނު އިރު ސްޕްރީމްކޯޓުގެ ބެންޗް ހިމެނޭ ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއް ސްޕްރީމް ކޯޓުގައި ހިނގަމުންދިޔައެވެ. އެ ބައްދަލު ވުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާއްމު ކުރަމުން ގެންދާ ޤަވާޢިދު ތަކާއި އުޞޫލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ސްޕްރީމް ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން ބައެއް ގާނޫނުތަކަށް އަމަލު ނުކުރަން އުޅޭ ކަމަށް ބުނެ މަޖިލީހުގެ ކޮމެޓީ ބާއްވާއިރު، ޖޭއެސްސީގެ ގާނޫނަށް މިފަހުން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު އިސްލާހަކީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުގައި އޮތް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ބެލުމުގެ ދަށަށް ބަދަލުކުރުމެވެ. އަދި ޖުޑީޝަލް އެކަޑަމީ ވެސް ޖޭއެސްސީގެ ދަށަށް ބަދަލުކޮށް، ކޯޓުތައް ހިންގުމުގެ އިދާރީ ކަންކަން ބެލުމަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ މަގާމު އުފެއްދުން ވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.