އެޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ މަރާލިކަމުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެ ކަމަށް، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓް އައިސިސް ޖަމާއަތުން ބުނެފިއެވެ.

އައިސިސްއިން އާންމުކުރި އޯޑިއޯޓޭޕަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އައިސިސްގެ ތަރުޖަމާނަކު ވަނީ ގައުމާ މެދު ފާރަވެރިވެ ސަމާލުވެ އޮތުމަށް އެމެރިކާއަށް އިންޒާރު ދީފައެވެ.

އައިސިސްގެ ހަރަކާތްތައް ދިރާސާކުރަމުންދާ މުރާސިލުން ބުރަވާ ގޮތުގައި ބަގުދާދީއާއި އައިސިސްގެ އިސް ތަރުޖަމާނު މަރާލުމަކުން އަދި ނިމެން ނެތްކަމުގެ މެސެޖެއް ދިނުމަށް އައިސިސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ބަގުދާދީގެ އޯޑިއޯއެއް އެންމެ ފަހުން އާންމުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ މެސެޖުގައި ބަގުދާދީ ވަނީ އައިސިސްއާއި ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި އިރާގާ ސޫރިޔާއިން ހައްޔަރުކޮށްފައިވާ އަންހެނުން މިނިވަން ކުރުމަށް ގޮވާލާފައެވެ.

ސޫރިޔާގައި ހަނގުރާމަކުރި އައިސިސްގެ ހަނގުރާމަވެރިއަކަށް އުފަންވި ކުޑަކުއްޖެއް އޭކޭ47 މަރުކާގެ ބަޑިއަކާ ކުޅެނީ/ފޮޓޯ: ރޮއިޓާޒް

ބަގުދާދީ މަރާލާފައިވަނީ އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ރެއިޑެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ބަގުދާދީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑުފައްތާފައިވާކަމަށްވެސް އެމެރިކާއިންވަނީ ބުނެފައެވެ.

ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ބާނީ އަބޫ ބަކުރު އަލް-ބަގުދާދީ މަރުވިކަން އެ ޖަމާއަތުން ފުރަތަމަ ފަހަރަށް ކަށަވަރު ކޮށްދީ، އައިސިސް ޖަމާއަތުގެ އާ ލީޑަރުގެ ނަން އިއުލާންކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުން އަންނަ ޓެލެގްރާމް މެސެޖިންގް އެޕްލިކޭޝަން ބޭނުންކޮށްގެން އައިސިސްގެ އައުޓްލެޓަކުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ 'ހިލާފަތު'ގެ އާ ލީޑަރަކީ އަބޫ އިބްރާހީމް އަލް-ހާޝިމީ އަލް-ގުރައިޝީ ކަމަށެވެ.

ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ދިރިއުޅެމުންދިޔަ ސަރަހައްދުގައި ކަމާ ބެހޭ ފަރާތްތަކުން ހަރަކާތެރިވަނީ/ފޮޓޯ: އެންކޮރޭޖް ނިއުސް ޑެއިލީ

އައިސިސްއިން ވަނީ އެ ޖަމާއަތުގެ ތަރުޖަމާނު އަބޫ އަލް-ހަސަން އަލް-މުޖާހިރުވެސް މަރުވެފައިވާކަން އިއުލާންކޮށްފައެވެ. އޭނާ މަރުވެފައިވަނީ ބަގުދާދީ މަރާލިތާ ވަގުތުތަކެއް ފަހުން އެމެރިކާގެ އަސްކަރިއްޔާއާއި ސޫރިޔާގައި ހަރަކާޓްތެރިވާ ކުރުދީ ހަނގުރާމަވެރިން ގުޅިގެން ހިންގި ރެއިޑެއް ކަމަށްވެސް އައިސިސްއިން ވަނި ހާމަކޮށްފައެވެ. ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ އަބޫ އަލް-ހަސަން އަލް-މުޖާހިރަކީ ބަގުދާދީއަށްފަހު އައިސިސްގެ ވެރިކަމާ ހަވާލުވާނެ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރި އެކަކެވެ.

އައިސިސް ޖަމާއަތުގެ ތަރުޖަމާނަކަށް މިހާރު ކަނޑައަޅާފައިވަނީ އަބޫ ހަމްޒާ އަލް-ގުރައިޝީއެވެ. އޭނާ ވަނީ އައިސިސްގެ އާ ލީޑަރު އަބޫ އިބްރާހީމް އަލް-ހާޝިމީއަށް ބައިއަތު ހިފުމަށް މުސްލިމުންނަށް ގޮވާލާފައެވެ.