ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުރަސް އަޅާ ކަމަށް ބުނެ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުއްލި ގޮތަކަށް ޖަލްސާ ބާއްވަން ނިންމާފައި ވާކަން ފާހަގަ ކުރައްވާ ޝިޔާމް ވަނީ ހުކުރު ދުވަހުގެ ރޭ މަޖިލީސް ހުޅުވައިގެން އަމިއްލަ ޕާޓީ މީހުން އެކަނި ތިބެގެން ޖުޑިޝަރީ ކޮމެޓީ ބާއްވަނީ ކޮން ނުފޫޒެއް ފޯރުވަންތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުއްލިއަކަށް ފަޔަށް ހިނިއަރައިގެން ހުކުރު ދުވަހުުގެ ރޭގަނޑު މަޖިލީސް ހުޅުވައިގެން ޕާޓީ މީހުން އެކަނި ތިބެގެން ޖުޑިޝަރީ ކޮމެޓީ ބާއްވަނީ ކޮން ނުފޫޒެއް ފޮރުވަންތޯ؟ ހެނދުނު ޖޭއެސްސީގައި އިދެފައި ރޭގަނޑު ޖުޑިޝަރީ ކޮމެޓީގައި. މިއީ ކޮން ދިމިގުރާތެއް ތޯ
ޝިޔާމް

މިރޭ 9:00 އަށް ތާވަލު ކޮށްފައިވާ މި ބައްދަލުވުން ބާއްވަނީ، އުއްތަމަ ފަނޑިޔާރު ބައިވެރިވެ ވަޑައިގެން ސުޕްރީމް ކޯޓުން، ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީއާ ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތި ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ޖުޑިޝަރީ ކޮމިޓީއަށް ލިބުމާ ގުޅިގެން ކަމަށް ބުނެއެވެ.

ސުޕްރީމް ކޯޓުން ބައެއް ގާނޫނުތަކަށް އަމަލު ނުކުރަން އުޅޭ ކަމަށް ބުނެ މަޖިލީހުގެ ކޮމެޓީ ބާއްވާއިރު، ޖޭއެސްސީގެ ގާނޫނަށް މިފަހުން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު އިސްލާހަކީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުގައި އޮތް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ބެލުމުގެ ދަށަށް ބަދަލުކުރުމެވެ. އަދި ޖުޑީޝަލް އެކަޑަމީ ވެސް ޖޭއެސްސީގެ ދަށަށް ބަދަލުކޮށް، ކޯޓުތައް ހިންގުމުގެ އިދާރީ ކަންކަން ބެލުމަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ މަގާމު އުފެއްދުން ވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.