ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުރަސް އަޅަން އަޅާ ކަމަށް ބުނެ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މިރޭ 9:00 އަށް ތާވަލުކޮށްފައިވާ މި ބައްދަލުވުން ބާއްވަނީ، އުއްތަމަ ފަނޑިޔާރު ބައިވެރިވެ ވަޑައިގެން ސުޕްރީމް ކޯޓުން، ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީއާ ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތި ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ޖުޑިޝަރީ ކޮމިޓީއަށް ލިބުމާ ގުޅިގެން ކަމަށް ބުނެއެވެ.

ސުޕްރީމް ކޯޓުން ބައެއް ގާނޫނުތަކަށް އަމަލު ނުކުރަން އުޅޭ ކަމަށް ބުނެ މަޖިލީހުގެ ކޮމެޓީ ބާއްވާއިރު، ޖޭއެސްސީގެ ގާނޫނަށް މިފަހުން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު އިސްލާހަކީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުގައި އޮތް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ބެލުމުގެ ދަށަށް ބަދަލުކުރުމެވެ. އަދި ޖުޑީޝަލް އެކަޑަމީ ވެސް ޖޭއެސްސީގެ ދަށަށް ބަދަލުކޮށް، ކޯޓުތައް ހިންގުމުގެ އިދާރީ ކަންކަން ބެލުމަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ މަގާމު އުފެއްދުން ވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ޖޭއެސްސީއާއި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތި ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ޖުޑިޝަރީ ކޮމިޓީއަށް ލިބިފައި ވާ ކަމަށް ބުނާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ.