އިންޑިއާގެ ވެރިކަން ކުރާ ރަށް ނިއުދިއްލީގައި އޮންނަ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި ގޮވާ އެއްޗެއް އޮތް ކަމަށް ބެލެވޭ ކަޅު ފޮއްޓެއް ފެނިއްޖެއެވެ.

ނިއުދިއްލީ ފުލުހުން ބުނީ، ވެރިފަރާތެއް ނެތި އެކަހެރިކޮށް ހުރި ފޮއްޓެއް އެ އެއާޕޯޓުގެ އެރައިވަލް އޭރިއާގެ ޓާމިނަލް ތިނެއް ހުރި ސަރަހައްދުން ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ އިންޗާޖަކަށް ހުރި ފަރާތަށް ފެނިފައިވާ ކަމަށެވެ. ކަޅު ކުލައިގެ މި ފޮށި ފެނިފައިވަނީ ރޭ ދަންވަރު 12:56 ހާއިރު ކަމަށާއި އެ ފޮށީގައި ހުރި އެއްޗެއް ބެލުމަށް ހެދި ޓެސްޓުތަކުން ދައްކާ ގޮތުން ގޮވާތަކެތި ކަަމަށް ބެލެވޭ އާރްޑީއެކްސްއަށް ޕޮސިޓިވް ވެފައިވާ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.

"ހަވާލުވާނެ މީހަކު ނެތް، ގޮތް ނޭނގޭ ފޮއްޓެއް ރޭ ދަންވަރު އެއާޕޯޓުން ވަނީ ފެނިފައި، ރޭ ފެނުނު މި ފޮށި މީހުންނެތް ސަރަހައްދަކަށް ގެންގޮސްފައިވީ ނަމަވެސް އަދި އެ ފޮށީ ހުރި ނުހުޅުވާ. ބެލެވޭ ގޮތުގައި އެ ފޮށީތެރޭގައި ކަރަންޓް ވަޔަރު ނަރުތަކެއްވެސް އެބަހުރި. އަދި މިހާރު އެއާޕޯޓުގެ ސެކިއުރިތީ ވާނީ ވަރުގަދަ ކުރެވިފައި"
ޑެޕިއުޓީ ކަމިޝަނާ އޮފް ނުއުދިއްލީ ޕޮލިސް - ސަންޖޭ ބަޓިއާ

ނިއުދިއްލީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ސަންޖޭ ބަޓިއާ ވިދާޅުވީ، ރޭ ދަންވަރު އެއާ ޕޯޓުގައި ހަވާލުވާނެ ފަރާތެއް ނެތި އެކަހެރިކޮށް ހުއްޓާ ފެނުނު ގޮތް ނޭނގޭ ފޮށީގައި ގޮވާ އެއްޗެއް ވާކަމަށް ޝައްކު ކުރެވޭ ކަމަށެވެ. ރޭ ދަންވަރު އެ ފޮށި ފެނުމާ އެކު، ފޮށި މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިއުދިއްލީގައި އޮތް މި އެއާޕޯޓަކީ މީހުން ގިނަ ބިޒީ އެއާޕޯޓެއް ކަމަށާއި އެ ފޮށި ފެނުމުން އެއާޕޯޓުގައި ތިބި ފަސިންޖަރުން އެތަނުން ނުކުމެގެން ނުދިއުމަށް އަންގާފައިވާ ކަމަށް އެއާޕޯޓުގައި މަސައްކަތް ކުރާ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ބައެއް ނޫސްތަކުގައި ބުނެފައި ވެއެވެ. އެއަށްފަހު "ޓީސީވީ" ވެހިކަލެއްގައި އެ ފޮށި މީހުން މަދު ސަރަހައްދަކަށް ގެންދިއުމަށް ފަހު އެރައިވައިލް އޭރިއާގެ ޓާމިނަލް ތިނެއް ހިމެނޭ ސަރަހައްދު ސެކިއުރިޓީން ރަނގަޅަށް ބަލާ ފާސްކޮށްފައި ވެއެވެ. އަދި އެއާޕޯޓުގެ ހިދުމަތްތައް އަލުން ދޭން ފަށާފައިވަނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށްވެސް އެފަރާތުން މައުލޫމާތުދީފައި ވެއެވެ.

ނިއުދިއްލީގައި އޮންނަ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓުތަކުގެ ލިސްޓުގެ 12 ވަނައިގައި އޮންނަ އެއާޕޯޓެކެވެ.