މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތައް މަގުމަތިވާކަށް ނުޖެހޭނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި މި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އޭގެ ތެރެއިން އެއްވެސް ފަރާތެއް މަގުމަތިވާން ނުޖެހޭނެ ކަމަށެވެ. އަދި އެއްވެސް އާއިލާއަކަށް މިހާރު ދިރިއުޅޭ ތަނަކުން ވަގުތުން ވަގުތަށް ނިކުންނަން އަންގާފައި ނުވާނެ ކަމަށް ވެސް އެންޑީއެމްއޭން ބުނެއެވެ.

އެންޑީއެމްއޭން މިފަދައިން ބުނެފައިވަނީ، އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާއެއް މަގުމަތިވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޝާއިއުކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އެންޑީއެމްއޭން ބުނީ، އެ ހާދިސާގައި ހާލުގައި ޖެހުނު 31 އާއިލާއެއްގެ 145 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އެފަރާތްތައް މިހާރު ތިބީ ގާކޮށި ފްލެޓް އަދި މޫކައި ސުއިޓްގެ އެޕާޓްމަންޓް ތަކުގައި ކަމަށެވެ. އަދި އޭގެ ތެރެއިން 7 އާއިލާއެއްގެ 31 މީހުންނަކީ އަލިފާން ރޯވި ތަންތަނުގެ ވެރިފަރާތްތައް ކަމަށްވާއިރު، 24 އާއިލާއެއްގެ މީހުންނަކީ ކުށްޔަށް ދިރިއުޅޭ މީހުން ކަމަށް އެންޑީއެމްއޭން ބުނެއެވެ. އެންޑީއެމްއޭޏް ބުނީ ކުށްޔަށް އުޅޭ އާއިލާތަކަށް މިހާރު ވާނީ 3 މަސްދުވަހުގެ ކުށްޔަށްވާ ފައިސާ އަދި، ކެއިން ބުއިމަށްވާ އެލަވެންސް މިދިޔަ މަހު 30 ވަނަ ދުވަހުގެ ނިޔަލަށް ފޯރުކޮށްދީފައި ކަމަށެވެ.

އެންޑީއެމްއޭން ބުނީ، އެ އޮތޯރިޓީން ގެއްލުމުގެ އެސެސްމަންޓް ހަދަމުން ދަނީ ދެގޮތަކަށް ކަމަށާއި، އެއީ، ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމާއި، ގޭގެ އިމާރާތަށް ލިބުނު ގެއްލުން ކަމަށެވެ. އެގޮތުން ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް 1.1 މިލިއަން ރުފިޔާގެ ގެލުމެއް ލިބިފައިވާއިރު، ގޭގޭގެ އިމާރާތަށް ލިބުނު ގެއްލުމުގެ އެސެސްމެންޓްގައި 35 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެ އޮތޯރިޓީން ބުނީ މުޅި ހާދިސާގައި ލިބުނު ގެއްލުން 36.1 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.