ފާއިތުވީ 5 ވަރަކަށް އަހަރު ދުވަސް އޭނާ ހޭދަ ކުރީ މިފަދަ ގޮތަކަށެވެ. ވޫ ހުއާޔާންގެ މުޅި ދުވަހުގެ ހަރަދަށް ހިނގަނީ ގާތްގަނޑަކަށް 0.30 ޑޮލަރެވެ. ނަމަވެސް، މިހާރު އުމުރުން 24 އަހަރު ފުރިފައިވާ ވޫގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އައިތާ އަދި ވާނީ ދެތިން ދުވަހެކެވެ. ބަލި ކޮއްކޮއެއް ބަލަމުން، މަތީ ތައުލީމު ހާސިލުކުރުމަށް މުޅި ހަޔާތް ގުރުބާން ކުރަމުންދާ ވޫގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް އައީ، ނޭވާ ލާން ދަތިވެގެން ހޮސްޕިޓަލުގެ އެހީތެރިކަމަށް އޭނާ އެދުނު ހިސާބުންނެވެ.
ސިއްހީ މައްސަކަތަކެއް ހުރެގެން ވޫ ހޮސްޕިޓަލަށް ދިޔައިރު އޭނާގެ އިސްކޮޅުގައި ހުރީ 4 ފޫޓު 5 އިންޗިއެވެ. ބަރުދަނުގައި ކިރިއާ 20 ކިލޯގްރާމް ހަމަވާނީއެވެ. ފައިސާގެ ދަތިކަން ކުރިމަތިވެ، ލިބުނު ފައިސާ ކޮޅުން ކޮއްކޮގެ ބައްޔަށް ބޭސްކުރަމުން ދިޔަ ވޫއަށް ރަނގަޅު ކާނާ ނުލިބި އުޅެންޖެހުމުގެ ސަބަބުން މިއަދު އޭނާއަށްވަނީ ހިތުގެ ބައްޔާއި ކިޑްނީ ބަލިވެސް ޖެހިފައެވެ.
ވޫ އެހާމެ ޅަ އިރު މައިންބަފައިން މަރުވެއްޖެއެވެ. އޭނާ ދިރިއުޅެމުން އައި މާމަގެ އެހީތެރިކަމާއެކުގައެވެ. އެއަށްފަހު ބޮޑުބެއަކާ ބޮޑުދައިތައެއްގެ އެހީތެރިކަމުގައެވެ. އެމީހުންނަށް ފޯރުކޮށްދެވެނީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 32 ޑޮލަރެވެ. މީގެ ބޮޑުބައެއް ހޭދަވަނީ ނަފްސާނީ ބަލިމަޑުކަމެއް ޖެހިފައިވާ ވޫގެ ކޮއްކޮގެ ބޭސްފަރުވާއަށެވެ.
ވޫގެ ދެބެން ނިސްބަތްވަނީ ޗައިނާގެ އެންމެ ފަގީރު ސަރަހައްދުތަކަށެވެ. ނަތީޖާއަކަށްވީ ކާންބޯނެ ރަނގަޅު އެއްޗެއްވެސް ނުލިބުމެވެ. ފާއިތުވީ 5 އަހަރެއްހާ ދުވަހު ވޫ ކައި އުޅުނު ހާވެސް އެއްޗަކީ ހުސް ބަތްކޮޅަކާ މިރުހެވެ.
މިއީ ޗައިނާގެ ކޮމިއުނިސްޓް ވެރިކަމަށް 70 އަހަރު ފުރުމުގެ މުނާސަބާ ކުލަ ގޮތަކަށް ފާހަގަކުރަމުންދާ އަހަރަކަށްވީއިރު، ޗައިނާގެ މިފަދަ ނިކަމެތި ހާލެއްގައި އިންސާނުން ދިރިއުޅެމުންދާކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޗައިނާގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ. އަދި ވޫ މެން ދިރިއުޅެމުންދާ ނިކަމެތި ހާލަކީ، ހަނގުރާމަ ގަދަވެ އިންތިހާއަށް ބިކަވެފައި އަފްޣާނިސްތާނު ފަދަ ގައުމެއްގައި ރެފިއުޖީން އުޅެމުންދާ ދަތި ހާލަށްވުރެވެސް ނިކަމެތި ހާލެއްކަން ފާހަގަކޮށްގެން ބައެއް މީހުން ވަނީ ހިތާމަ ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގައި ވޫގެ ވާހަކަ ދައުރުވާން ފެށުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ އޭނާއަށް އެހީވާން ފަށާފައެވެ. އެގޮތުން މިހާރުވެސް އެހީގެ ގޮތުގައި 114000 އެއްހާ ޑޮލަރު، ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ ވޫ އަށް ހަދިޔާކޮށްފައެވެ.